
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫން މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 1450 މީހުންނަށް ސަރުކާރުން ވަނީ އެލަވަންސް ދީފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ މި އެލަވަންސް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ދޫކުރަން ފަށާފައ ވަނީ މޭ މަހުގެ 20 ވަނަ ދުވަހު އެވެ.
އިންކަމް ސްޕޯޓް އެލަވެންސް ދޫކޮށްފައިވާ ކޮންމެ މީހަކަށް ވެސް ލިބޭނީ 5،000 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ފާހަގަކުރައްވާފަ އެވެ.
މިއީ ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، މާޗް އެކެއްގެ ފަހުން ވަޒީފާއިން ވަކިކޮށް ނުވަތަ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ، ނުވަތަ މުސާރަ ނުލިބޭގޮތަށް ނޯޕޭއަށް ފޮނުވައިފައިވާ ނުވަތަ މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް ދޭ އެލަވަންސް އެކެވެ.
ވަޒީފާއިން ވަކިކުރެވިފައިވާ ނުވަތަ ސަސްޕެންޑް ކުރެވިފައިވާ ފަރާތެއްނަމަ، މަހަކު 5000 ރުފިޔާ އަދި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވާ ފަރާތެއްނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބެ އެވެ. އަދި މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ.
އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިވެހިންނަށް ދޭން ނިންމާފައިވާ މި އެލަވަންސްއަށް ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ މީހެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ނުވަތަ އެއަށްވުރެ މަތީ އަދަދެއް ނަމަ، އެ މީހަކަށް އެލަވަންސް އެއް ނުލިބޭނެ އެވެ.