ads
ފާރިސް އަދި ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު
ފާރިސް ބަންދު ކުރި މައްސަލަ ދެ އަހަރު ފަހުން
ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކުރި އަމުރުގެ އިސްތިއުނާފުގެ ހުކުމް ކުރުމަށް، ދެ އަހަރު ފަހުން ހައިކޯޓުގައި ތާވަލުކޮށްފިއެވެ. ހައިކޯޓުން ތާވަލުކޮށްފައިވަނީ މި މައްސަލަ އާދިއްތަ ދުވަހުގެ މެންދުރު ފަހު އެކެއް ޖަހާއިރު ބޭއްވުމަށެވެ.

ރައީސް މައުމޫންގެ ދަރިކަލުން، އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫންގެ ބަންދު އަމުރުގެ ހުކުމް ހައިކޯޓުގައި ބޭއްވުމަށް މިއަދަށް ތާވަލުކޮށްފައިވާއިރު، އެ މައްސަލައިގާ ފާރިސް ޖަލަށްލައި، ޖަލު ހުކުމް ތަންފީޒުކޮށް ނިމުންތާވެސް މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. 

މި މައްސަލައިގެ ޝަރީޢަތް މިހާ ލަސްވީ ކީއްވެގެން ކަމެއް ހައިކޯޓަކުން ނުބުނެއެވެ. އެހެންނަމަވެސް ހައިކޯޓުން ކުރި ޓްވީޓެއްގައި، މިއަދު މެންދުރު އެކެއް ޖަހާއިރު އޮންނަ މި މައްސަލަ ލައިވް ކުރާނެ ކަމަށް ބުންޏެވެ. މި މައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުންނަކީ ކޮބައިކަމެއް ނޭނގެއެވެ. 

ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު އެކި ފަހަރު މަތިން ފާރިސް މައުމޫން ހައްޔަރުކޮށް ގިނަ ދުވަސްތަކެއްވަންދެން ޖަލުގައި ގެންގުޅެނެވެ. ފާރިސް މައުމޫނާއި އެކު އޭރު ހައްޔަރުކުރި ސިޔާސީ ލީޑަރުންތައް ދޫކޮށްލީ ވެރިކަން ބަދަލުވުމުން ހަމަ ކުއްލިއަކަށެވެ. 

ފާރިސް މައުމޫން ހައްޔަރުކުރުމާއި ގުޅިގެން އޭރު ގިނަ މުޒާހަރާތަކެއްވެސްކޮށް ފާރިސް ދޫކޮށްލަން ގޮވާލާފައިވެއެވެ. ފާރިސް މިނިވަންކުރަން ގޮވާލާ މުޒާހަރާ ކުރި މީހުންގެ ތެރޭގައި ރައީސް ނަޝީދުގެ މަންމާފުޅު އާބިދާ އަހްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

your imageފާރިސް މިނިވަން ކުރަން ގޮވާލާ، ރައީސް ނަޝީދުގެ މަންމާފުޅު

ފާރިސް އެކި ފަހަރު މަތިން ހައްޔަރުކޮށްފައިވާއިރު، ފާރިސްގެ ބަންދުގެ މައްސަލަ ކުރިންވެސް ހައިކޯޓުގައި ދިގުލައިގެން ދިޔައެވެ. އޭރު ފާރިސްގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުވެސް ބަދަލުކޮށް، ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުސްމާނު ވަނީ އަމިއްލަފުޅަށް ބެންޗުގައި ހިމެނިވަޑައިގެންފައެވެ. ފާރިސްގެ މައްސަލައިގެ ބެންޗު ބަދަލުކުރީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ އޭރު ސުޕްރީމް ކޯޓަށްވެސް ހުށަހެޅިއެވެ. 

ފާރިސްގެ މައްސަލާގައި އޭރު އަމިއްލައަށް ބެންޗުގައި ހިމެނިވަޑައިގެންނެވި ޝުޖާޢު އުސްމާނުގެ ގިނަ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިހާރުވެސް ބަލަމުން އެބަދެއެވެ. ޝުޖާޢު އުސްމާނަކީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްސަލައެއްގައިވެސް އަމިއްލަފުޅަށް ބެންޗު ބަދަލުކުރައްވާ، ބެންޗުގައި ހިމެނިވަޑައިގެން ރައީސް ޔާމީން ބަންދުން ދޫކޮށްލުމަށް އަމުރު ކުރެއްވި ފަނޑިޔާރެކެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، ޝުޖާޢު އުސްމާނު، ޤާނޫނު އަސާސީއާ ޤާނޫނުތަކާއި ޚިލާފަށް ހައިކޯޓުގައި ޝަރީޢަތެއް ކުރިއަށް ގެންދިޔަ މައްސަލަ ފެންމަތިވެ، އެ މައްސަލަ ޖޭއެސްސީއަށްވެސް ވަނީ ހުށަހެޅިފައެވެ. ޝުޖާޢު އުސްމާނަށް ތުހުމަތު ކުރެވޭ ސުލޫކީ މައްސަލަތަކުގެ ތެރޭގައި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުންވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް