ads
ކަރަން ޖޯހަރު--
ކަރަންގެ ކޮޅަށް އެއްވެސް ތަރިއަކު ނޭރުމުން އަމިއްލައަށް ފިލްމު ފެސްޓިވަލް ބޯޑުން ވަކިވެއްޖެ
ބޮލީވުޑުގެ ކުޅަދާނަ ތަރި، ސުޝާންތު ސިންގް ރާޖުޕުތުގެ މަރާއެކު "ނެޕޮޓިޒަމް" ގެ ވާހަކަތައް ދެކެވޭ މިންވަރު ވަރަށް ބޮޑަށް މިވަނީ އިތުރުވެފަ އެވެ. އެ ވާހަކަ ދައްކާ ކޮންމެ ފަހަރު އެކަމުގެ ތެރެއަށް ބޮލީވުޑުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ވައްދަ އެވެ.

ކަރަން ޖޯހަރު އާންމުކޮށް ފާހަގަކުރެވެނީ ބޮލީވުޑުގެ ތަރިންގެ އާއިލާތަކާއި ވެސް ގާތް ގުޅުމެއް އޮންނަ މީހެއްގެ ގޮތުގަ އެވެ. އޭނާ ވަނީ އެކްޓަރުންގެ ދަރިން ވެސް ބޮލީވުޑަށް ނެރެދީފަ އެވެ. އެހެންވެ އޭނާއަށް މިދަނޑިވަޅުގައި އަމާޒުވާ ފާޑުކިޔުންތައް ގިނަ އެވެ. 

އެކަމަކު ސޯޝަލް މީޑިއާގައި އެވަރަށް ފާޑުކިޔަމުން އަންނައިރު ވެސް އޭނާއާ ގާތް ތަރިންގެ ގޮތުގައި ފާހަގަ ކުރެވޭ ފަންނާނުން ވެސް އެއްޗެކޭ ބުނަމުންދާ މަންޒަރެއް ނުފެނެ އެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެ ސަބަބާ ހުރެ، ކަރަން ޖޯހަރު މިވަނީ މުމްބާއީ އެކަޑަމީ އޮފް މޫވިން އިމޭޖް (އެމްއޭއެމްއައި)ގެ ފިލްމު ފެސްޓިވަލް ބޯޑުން އަމިއްލައަށް ވަކިވެފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކަރަން ޖޯހަރު ވަނީ އެމްއޭއެމްއައިގެ ޑިރެކްޓަރު ސްމްރިތީ ކިރަންއަށް ވަކިވާކަމުގެ ސިޓީ އީމެއިލްކޮށްފަ އެވެ. 

އަދި އެތަނުގެ ޗެއާޕާސަން، އަދި އެކްޓަރު ދީޕިކާ ޕަޑުކޯން ވަނީ އެ ނިންމުމާ މެދު އަލުން ވިސްނުމަށް ވެސް ކަރަންއަށް ނަސޭހަތްތެރިވެފައި ކަމަށް ބުނެ އެވެ. އެކަމަކު އެ ނިންމުން އަނބުރާ ގެންދަން އޭނާ ބޭނުމެއް ނުވި އެވެ. 

ނެޕޮޓިޒަމްގެ ބައްޕަގެ ގޮތުގައި ކަރަން ސިފަކޮށް ގިނަ ބަޔަކު ވަނީ އިންސްޓަގްރާމު މެދުވެރިކޮށް އޭނާ އަންފޮލޯ ވެސް ކޮށްފަ އެވެ. 

ކަރަން ވަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ދަރިން ފިލްމީ ދާއިރާއަށް ތައާރަފުކޮށްދީފަ އެވެ. އޭގެ ތެރޭގައި އާލިއާ ބަޓް އާއި ވަރުން ދާވަން އަދި އަނަންޔާ ޕާންޑޭ އާއި ޖާންވީ ކަޕޫރު ފަދަ ތަރިން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް