ads
އެއްބައިވަންތަކަން ދެމެހެއްޓުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް!
.ދުނިޔޭގެ ތާރީހަށް ބަލާއިރު އިންސާނުން އެންމެ ބޮޑު ގުރުބާނީއެއް ވެފައިވަނީ މިނިވަންކަމަށްޓަކައެވެ.

އިންސާނުންގެ މެދުގައި ބޮޑެތި ހަނގުރާމަތައް ކޮށް އެތައް މިލިޔަން ބައެއްގެ ލޭ އޮހޮރިގެން ގޮސްފައިވަނީ މިނިވަންކަމުގެ ހައްގުގައެވެ.

“މިނިވަންކަން ލިބިގެން ވުމަކީ ހަމައެކަނި ހިލިހިލާތަކަކުން ސަލާމަތްވެގެން ވުމެއް ނޫން. މިނިވަންކަމަކީ އެހެން މީހުންގެ މިނިވަންކަމަށް އިހްތިރާމު ކުރާ އަދި އެކަން އަގުކުރާ ބީދައަކުން ދިރިއުޅުން." ނެލްސަން މަންޑޭލާ ވިދާޅުވެފައިވެއެވެ.

އެހެންކަމުން ގައުމެއްގެ މިނިވަންކަން ދެމެހެއްޓޭނީ އެގައުމެއްގެ އެންމެހާ އަފުރާދުންގެ އެއްބާރުލުން ލިބިގެނެވެ. މިކަމުގައި އެއްވެސް ފަރާތެއް އިސްތިސްނާއެއް ނުވެއެވެ. 

ދިވެހިންގެ ދީން ހިމާޔަތް ކުރުމަށް

ދިވެހިންނަށް ލިބިވާ އެއްމެ އަގުބޮޑު ނިއުމަތަކީ އިސްލާމްދީނުގެ މަތިވެރި ނިއުމަތެވެ. މީލާދީން 1153 ވަނަ އަހަރު ދިވެހިރާއްޖެ އިސްލާމްދީނަށް އެނބުރުނީއްސުރެ މިއަދާހަމައަށް ދިވެހިން މިތިބީ އިސްލާމްދީންމަތީގައެވެ. މިއީ ދިވެހިރާއްޖެ، ދިވެހިރާއްޖޭގެ ގޮތުގައި މިއަދާ ހަމައަށް ވާސިލުވުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ. 

އައްފާނިސްތާން ފަދަ ގައުމުތަކުގެ މިއަދުގެ ހާލަތަކީ ކޮބައިތޯއެވެ! އެ ގައުމުތަކުގެ އެއްބައިވަންތަކަމެއްނެތެވެ. ތަޅާފޮޅުމާއި އެތެރޭގެ ހަމަނުޖެހުންތައް ވަނީ ހައްދުފަހަނަ އަޅާ ގޮސްފައެވެ. މިކަންކަން ހިނގަނީ އެގައުމުތަކުގައި އޮންނަން ޖެހޭ އެއްބައިވަތަންކަން ނެތުމުންނެވެ. ތާރީހުގެ ސަފްހާތަކަށް ނަޒަރު ހިންގާލާއިރު ފެނިގެންދަނީ ދިވެހިރާއްޖެއިން އިސްލާމްދީނުގެ މަތިވެރި ދަންމަރު ނިއްވާލުމަށްޓަކައި އެތަކެއް މަސައްކަތްތަކެއް ކޮށްފައިވާ މަންޒަރެވެ. 

މިފަދަ ކޮންމެ ފަހަރަކުވެސް، ދިވެހިން ސަލާމަތްވެފައި ވަނީ ދިވެހިންގެ ތެރެއިން ބަޔަކު ދީނާއި ގައުމުގެ ހައްގުގައި ނިކުމެ ކުރި ބުރަ މަސައްކަތުންނެވެ. ނަމަވެސް މިއަދު ދިވެހި ގައުމުގެ ހާލަތު އަންނަނީ ބަދަލުވަމުންނެވެ. ދިވެހިންގެ މެދުގައި ދީނީ އެއްބައިވަންތަކަން އަންނަނީ ހީނަރުވަމުންނެވެ. ޒުވާނުން ދީނަށް ދޭ އަހައްމިޔަތުކަން އަންނަނީ ދުވަހެއް ދުވަހަކަށް ކުޑަވަމުންނެވެ. 

ދިވެހިންގެ އާދަކާދަ އާއި ސަގާފަތް ހިމާޔަތްކުރުމަށް

އާދަކާދަ އާއި ސަގާފަތަކީ ގައުމެއްގެ އެންމު މުހިންމު އެއް ބަހާއެވެ. އިންޑިއާ، ޖަޕާން، ކޮރެއާ، ފަދަ ގައުމުތަކުގެ އަހުލުވެރިން އެބައިމީހުންގެ ސަގާފަތާއި އާދަކާދަތަކަށް ފަހުރުވެރިވާ ފަދައިން ދިވެހިންވެސް ދިވެހިންގެ އާދަކާދަތަކަށް ފަހުރުވެރިވެއެވެ. 

ބައެއްގެ އަތްދަށުވެ އަޅުވެތިވެއްޖެ ނަމަ އާދަކާދަ އާއި ސަގާފަތް ދާދި ފަސޭހައިން ނެތިގެއްލިގެން ހިނގައި ދާނެއެވެ. ދިވެހިންގެ އާދަކާދަ އާއި ދިވެހިންގެ އަމިއްލަ އުސޫލުތައް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށްޓަކައި ދިވެހިން މަސައްކަތް ކުރަން ޖެހެއެވެ. މި މަސައްކަތްތައް ކުރެވެން އޮތީ މިހާރެކޭ އެއްފަދައިން ފުރިހަމަ މިނިވަނެއްގެ ގޮތުގައި މި ދީބަށް ނޭވާލެވިގެންނެވެ. 

ތާރީހް ހިމާޔަތްކުރުމަށް

ތާރީހަކީ ގައުމުގެ ތަރައްގީގެ އެއް ބަހާއެވެ. އެހެނީ "ފާއިތުވި އުއްމަތްތަކުން އިބުރަތް ލިބިގަތުމަށް" ބޭނުންކުރެވޭ ހަތިޔާރަކީ ތާރީހެވެ. ރައްޔިތުން އެއްބައިވަންތަ ކުރުވާ، ރައްޔިތުންގެ މެދުގައި އަހްވަންތަކަން ގާއިމު ކުރުމަށް ދުނިޔޭގެ މަގްބޫލު ލީޑަރުން ބޭނުން ކުރާ އަދި ކުރަމުންދާ ހަތިޔާރަކީވެސް އެ ގައުމުތަކުގެ ތާރީހެވެ. 

ޕާކިސްތާން، ޕާކިސްތާނަކަށް ހެދުމަށްޓަކައި އައްލާމާ އިގްބާލާއި މުހައްމަދު އަލީ ޖިނާހު ފަދަ ބޭބޭފުޅުން ބޭނުންކުރެއްވީ އެ ގައުމުގެ ތާރީހެވެ. އިންޑިއާގެ މިނިވަންކަން އަނބުރާ ހޯދުމަށްޓަކައި އެ ގައުމުގެ މިނިވަންކަމުގެ ބައްޕަ މަހާތުމާ ގާންދީ ބޭނުން ކުރެއްވީ ތާރީހީ އުކުޅުތަކެކެވެ. ކިއުބާގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ގާއިމުކޮށް އަހްވަންތަކަން އުފެއްދުމަށްޓަކައި ފެޑެލް ކާސްޓްރޯ ބޭނުންކުރެއްވީ ތާރީހީ ވާހަކަތަކާއި ހާދިސާތަކެވެ. 

މިއަދު ދިވެހި ގައުމުގައި ނެތެމުންދާ އެއްބައިވަންތަކަމާއި އަހްވަންތަކަން ގާއިމުކުރުމަށްޓަކައި އުފެދެން ތިބި ލީޑަރުންނަށް ބޭނުން ކުރެވޭނެ ހަތިޔާރަކީ ދިވެހިންގެ ތާރީހެވެ. މިއީ ފައިސާއަކުން ނުވަތަ އަގުބޮޑު ޖަވާހިރަކުން ވިޔަސް ގަނެވޭނެ ތަރިކައެއް ނޫނެވެ. މާޒީގައި ދިވެހި ގައުމުގައި ހިގާފައިވާ ކަންތައްތަކަކީ މިގައުމުގެ ތާރީހެވެ. ހޮޅިންގެ އަތްދަށަށް ރާއްޖެ ދިއުމާއި ޕޯޗުގީޒުން ރާއްޖެ އަޅުވެތި ކުރުމާއި، އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތުމާއި ތިނެއް ނޮވެމްބަރުގެ ހާދިސާއާއި ސުނާމީގެ ކަރިސާއަކީ ދިވެހި ތާރީހުގައި ހިންގާފައިވާ މުހިންމު ކަންކަމެވެ. 

މީގެ އިތުރުން ދާގަބާ، ހަވިއްތަތަކާ، ވޭރާއި ގަބުރުސްތާނުތަކާއި އާސާރީ ބިނާތަކަކީ، މިއަދާ ހަމައަށްވެސް އެވާހަކަތައް ދެކެވެމުން އަންނަ ކަންކަމެވެ. މިކަންކަމުންނާއި ތަކެތިން މިއަދުވެސް އިބުރަތް ހާސިލު ކުރަންޖެހެއެވެ. ދިވެހިންގެ މިފަދަ ގައުމީ ތަރިކަތައް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކާ ހަމައަށް ވާސިލުކޮށްދިނުމަށް މިނިވަންކަން ނުހަނު މުހިއްމު ރޯލެއް އަދާކުރާނެއެވެ.

މިނިވަންކަން ގެއްލިއްޖެ ނަމަ އިސްލާމްދީނާއި، ދިވެހިބަހާއި، ސަގާފަތާއި އާދަކާދަ ނެތިގޮސް އަމިއްލަވަންތަކަން ނެތި ހިނގައިދާނެއެވެ. ހަމައެއާއެކު ދިވެހި އުއްމަތުގެ އަގުހުރި ތާރީހް ގެއްލި ދިވެހިވަންތަކަން މި ބިމުން ބީވެގެންދާނެއެވެ. އެހެން ކަމުން ދިވެހިންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް