ފާރިސް އަދި ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުސްމާން
ފާރިސް މައްސަލައިގާ ހައިކޯޓުން ކުރި ޓްވީޓް ޑިލީޓްކޮށް، މައްސަލަ ލައިވް ނުކުރޭ
Share
ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކުރި އަމުރުގެ އިސްތިއުނާފުގެ ހުކުމް ކުރުމަށް، ދެ އަހަރު ފަހުން ހައިކޯޓުގައި ތާވަލުކޮށް، އެ މައްސަލަ ލައިވް ކުރާނެ ކަމަށް ބުނެ ހައިކޯޓުން ކުރި ޓްވީޓް ޑިލީޓްކޮށްލައިފިއެވެ. ފާރިސް މައުމޫންގެ މައްސަލަ ހައިކޯޓުގައި މިއަދު މެންދުރު އެކެއްޖަހާއިރު އޮންނާނެ ކަމާއި، މި މައްސަލަ ލައިވް ކުރާނެ ކަމަށް ހައިކޯޓުން ޓްވީޓް ކުރީ އިއްޔެއެވެ.
Advertisement

ފާރިސް މައުމޫންގެ މައްސަލަ، ލައިވް ކުރާނެ ކަމަށް ބުނެ ހައިކޯޓުންވަނީ ޔޫޓިއުބް ލިންކެއްވެސް އިއްޔެ ޓްވީޓްކޮށްފައެވެ. އެހެންނަމަވެސް  އެ ޓްވީޓް އަދި ޔޫޓިއުބް ލިންކްވަނީ ޑިލީޓްކޮށްލާފައެވެ. ޓްވީޓް ޑިލީޓް ކުރީ ކީއްވެކަމެއް ހައިކޯޓަކުން ނުބުނެއެވެ. އަދި މައްސަލަ ލައިވް ނުކުރާ ސަބަބެއްވެސް ނުބުނެއެވެ. މީގެ ދުވަސްކޮޅެއް ކުރިންވެސް ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުސްމާނު، ބެލި އެހެން ޝަރީޢަތެއް ސިއްރުކޮށްގެން އެ މައްސަލަވަނީ ޖޭއެސްސީއަށް ހުށަހަޅާފައެވެ. ފާރިސް މައްސަލަ ބަލާ ބެންޗުގައިވެސް އިސްފަނޑިޔާރު ޝުޖާޢު އުސްމާނު ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް މައުމޫންގެ ދަރިކަލުން، އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫންގެ ބަންދު އަމުރުގެ ހުކުމް ހައިކޯޓުގައި ބޭއްވުމަށް މިއަދަށް ތާވަލުކޮށްފައިވާއިރު، އެ މައްސަލައިގާ ފާރިސް ޖަލަށްލައި، ޖަލު ހުކުމް ތަންފީޒުކޮށް ނިމުންތާވެސް މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. މި މައްސަލައިގެ ޝަރީޢަތް މިހާ ލަސްވީ ކީއްވެގެން ކަމެއް ހައިކޯޓަކުން ނުބުނެއެވެ.

ޔާމީންގެ ވެރިކަމުގެ ފަހުކޮޅު އެކި ފަހަރު މަތިން ފާރިސް މައުމޫން ހައްޔަރުކޮށް ގިނަ ދުވަސްތަކެއްވަންދެން ޖަލުގައި ގެންގުޅެނެވެ. ފާރިސް މައުމޫނާއި އެކު އޭރު ހައްޔަރުކުރި ސިޔާސީ ލީޑަރުންތައް ދޫކޮށްލީ ވެރިކަން ބަދަލުވުމުން ހަމަ ކުއްލިއަކަށެވެ. ފާރިސް އެކި ފަހަރު މަތިން ހައްޔަރުކޮށްފައިވާއިރު، ފާރިސްގެ ބަންދުގެ މައްސަލަ ކުރިންވެސް ހައިކޯޓުގައި ދިގުލައިގެން ދިޔައެވެ. އޭރު ފާރިސްގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުވެސް ބަދަލުކޮށް، ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުސްމާނު ވަނީ އަމިއްލަފުޅަށް ބެންޗުގައި ހިމެނިވަޑައިގެންފައެވެ. ފާރިސްގެ މައްސަލައިގެ ބެންޗު ބަދަލުކުރީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ އޭރު ސުޕްރީމް ކޯޓަށްވެސް ހުށަހެޅިއެވެ.  ފާރިސްގެ މައްސަލާގައި އޭރު އަމިއްލައަށް ބެންޗުގައި ހިމެނިވަޑައިގެންނެވި ޝުޖާޢު އުސްމާނުގެ ގިނަ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިހާރުވެސް ބަލަމުން އެބަދެއެވެ. ޝުޖާޢު އުސްމާނަކީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްސަލައެއްގައިވެސް އަމިއްލަފުޅަށް ބެންޗު ބަދަލުކުރައްވާ، ބެންޗުގައި ހިމެނިވަޑައިގެން ރައީސް ޔާމީން ބަންދުން ދޫކޮށްލުމަށް އަމުރު ކުރެއްވި ފަނޑިޔާރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް