ads
ދަރިފުޅާއި ބައްޕަ
ލުގްމާނުގެފާނު ދަރިކަލުންނަށް ދެއްވި އަގުހުރި ނަސޭހަތް!
ލުގްމާނުގެފާނަކީ ވަރަށް ކުރީ ޒަމާނެއްގައި އުޅުއްވި، މާތްﷲ ހިކްމަތާއި ތޫނު ވިސްނުން ދެއްވާފައިވާ ބޭކަލެކެވެ.

މިވާހަކަ ބަޔާންކުރައްވާ ﷲ ސުބްހާނަހޫ ވަތައާލާ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.

“ހަމަކަށަވަރުން ތިމަންރަސްކަލާނގެ ލުގްމާނުގެފާނަށް ހިކްމަތް ދެއްވީމެވެ. އަދި ﷲ އަށް ޝުކުރުކުރުމަށް އެންގެވީމެވެ. އަދި ޝުކުރުކުރާ މީހާ (ދަންނާށެވެ!). ފަހެ، އެމީހާ ޝުކުރުކުރާކަން ކަށަވަރީ، އެމީހާގެ އަމިއްލަ ނަފްސަށް ޓަކައެވެ. އަދި ކާފިރުވި މީހާ (ދަންނާށެވެ!) ހަމަކަށަވަރުން، ﷲ އީ ފުދިވޮޑިގެންވާ، ހަމްދު ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.” (ސޫރަތުއްލުޤްމާންގެ 12 ވަނަ އާޔަތް)

އެއްދުވަހަކު އެކަލޭގެފާނުގެ ފިރިހެން ދަރިކަލުންނަށް ގޮވާލައްވާ ގެންނަވާ ވަރަށް އަގުހުރި ނަސޭހަތްތަކެއް ދެއްވިއެވެ. މި ނަސޭހަތްތަކަކީ ކޮންމެ މުސްލިމަކަށްވެސް އަދި އިންސާނަކަށްވެސް ވަރަށް ބޭނުންތެރި އަގުހުރި ނަސޭހަތްތަކެކެވެ.

ލުގްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވިއެވެ.

“އޭ ދަރިފުޅާއެވެ! ﷲ އަށް ޝަރީކުނުކުރާށެވެ! ހަމަކަށަވަރުން ﷲ އަށް ޝަރީކުކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ. އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ އަމަލަކީ ރެވި އޮށްޓަރެއްގެ ބަރުދަން ހުރި އަމަލެއް ކަމުގައިވިޔަސް، ނުވަތަ އުޑުތަކުގައިވިޔަސް ނުވަތަ ބިމުގެތެރޭގައި ވިޔަސް (ގިޔާމަތްދުވަހުން) ﷲ އެ އަމަލެއް ގެންނަވާނެތެވެ. ހަމަކަށަވަރުން ﷲ އީ އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ގާއިމްކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރާށެވެ! އަދި ނުބައި ކަންތައް ނަހީކުރާށެވެ! ތިބާއަށް ޖެހޭ މުސީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން އެކަންވަނީ އަޒުމް ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.”

ލުގްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް އިތުރަށް ނަސޭހަތްތެރިވެލެއްވިއެވެ. 

“އަދި މީސްތަކުންނަށް ކިބުރު ވެރިވެ ތިބާގެ ކޯތާފަތް (މޫނު) އަނބުރާނުލާށެވެ! އަދި ބޮޑާކަންމަތީ ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން ކިބުރުވެރިވެ ބޮޑާވާ މީހުންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ. އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ!”

އެންމެ ފަހު ނަސޭޙަތެއްގެ ގޮތުގައި މަޑުމައިތިރިވެ އަދަބުވެރިވުމަށް އިރުޝާދު ދެއްވަމުން ވިދާޅުވިއެވެ.

“އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ ޙިމާރުގެ އަޑުކަން ކަށަވަރެވެ!


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް