ads
އާޒިމްގެ ފާޑު ކިޔުން މަހުލޫފަށް: ވަޒީރުންނަށް ކުރަން ލާޒިމު ކުރާ ކަންކަން ކުރަން ޖެހޭ
ކުޅިވަރު ގާނޫނާ އެއްގޮތަށް، އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅާފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި އެފްއޭއެމްގެ އެންމެ ފުރަތަމަ އިންތިހާބީ ރައީސް، އަލީ އާޒިމްގެ ފާޑު ކިޔުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް އަމާޒު ވެއްޖެ އެވެ.

އާޒިމް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާއިން، ކުޅިވަރު ގާނޫނާ އެއްގޮތަށް، އެފްއޭއެމްއާ މެދު ފިޔަވަޅު އަޅާފައި ނުވާތީ ގާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅައިދިނުމަށް އެދޭކަމަށެވެ. އާޒިމްގެ މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓްގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 31 މެމްބަރުންގެ ވޯޓުންނެވެ. އަދި މައްސަލަ ބަލައިގަތުމާއި ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވާފައިވެ އެވެ. 

މައްސަލައާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މިޒަމާނުގައި ކުޅިވަރަކީ ތައުލީމެއް ކަމަށާއި، އަދި އެއީ ވިޔަފާރިއެއް ކަމަށެވެ. 

އާޒިމް ވިދާޅުވީ ގާނޫނުހަދާ ވަކި ގޮތަކަށް އަމަލުކުރުމަށް އެންގުމުން ގާނޫނު ތަންފީޒު ކުރަންތިބި ފަރާތްތަކުން އެގޮތަށް އަމަލުނުކުރާ ކަމަށެވެ. އަދި ގާނޫނާއި އެއްގޮތަށް އަމަލު ނުކުރާނަމަ މިއީ ގާނޫނީ ދައުލަތެކޭ ބުނެވެން ނެތްކަމަށް އާޒިމް ވިދާޅުވި އެވެ. މީގެ އިތުރުން އާޒިމް ވިދާޅުވީ ވަޒީރުންނަށް ކުރަން ލާޒިމު ކުރާ ކަންކަން އެފަރާތްތަކުން ކުރަން ޖެހޭނެ ކަމަށާއި ކުޅިވަރުގެ ގާނޫނެއް ވުޖޫދަށް ގެނެސްފައިވާކަމަށެވެ.

ފުޓުބޯޅައިގެ ކަންކަން ނެތެމުން ހީނަރުވަމުން ދާކަން ފާހަގަކޮށް އާޒިމް ވިދާޅުވީ މި ވަގުތުގައި ވެސް ބޭނުމަކީ އެކި ނުފޫޒުތަކުން ފުޓްބޯޅަ އެއްކިބާކުރުން ކަމަށެވެ. ފުޓްބޯޅަ އެސޯސިއޭޝަން ވެފައިވަނީ ސިޔާސި ގޮތުން ހަރަކާތްތެރިވާތަނަކަށްކަމަށާއި، އެތަނުގައި ކެމްޕެއިން ޖަގަހަ ހިންގާ ވިޔަފާރީގެ އެކި އެކި ކަންކަން ހިންގާ ކަމަށް އާޒިމް ވިދާޅުވި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުޓްބޯޅަ އެސޯސިއޭޝަންގެ ތެރޭގައި ގޯހުން ގިނަ ކަންތައްތަކެއް ހިންގާފައިވާކަމަށާއި، އެ އެސޯސިއޭޝަންވެސް ހިންގަން ޖެހޭނީ ގާނޫނުތަކާއި ގަވައިދު ތަކުގެ ތެރެއިން ކަމަށް އާޒިމް ވިދާޅުވި އެވެ. 

މި މަސައްކަތް މަޖިލީހުން ކުރުމުން މިއީ ތިންވަނަ ފަރާތެއްގެ ނުފޫޒު އެސޯސިއޭޝަނަށް ވެއްދުމަށް ކުރާ ކަމެއްކަމަށް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފާނެކަން ފާހަގަކޮށް އާޒިމް ވިދާޅުވީ، މިއީ ނުފޫޒު ފޯރުވަން ކުރާ ކަމެއް ނޫންކަން ހުށަހަޅާފައިވާ މައްސަލައިން އިނގޭނެކަމަށެވެ. މައްސަލަ ހުށަހަޅާފައި ވަނީ މިނިސްޓަރު މަހުލޫފާއި ސްޕޯޓްސް ކޮމިޝަނަރު ގާނޫނުގައި ބުނެފައި ވާ ގޮތަށް އަމަލުކުރަމުން ނުދާތީ ކަމަށް ވެސް ވިދާޅުވި އެވެ. 

ގާނޫނުގައި އެސޯސިއޭޝަނުން ހުރިހާ ފަރާތްތަކާއި މެދު އެއް ހަމައަކަށް އަމަލުކުރުމަށް ބުނެފައިވާއިރު އެސޯސިއޭޝަންގެ މައްސަލައެއް ފާހަގަކުރާ ކްލަބްތައް ސަސްޕެންޑް ކޮށްފައިވާ ކަން އާޒިމް ފާހަގަ ކުރެއްވި އެވެ. އޭގެ ތެރޭގައި ވިކްޓްރީ އާއި ނިއުރޭޑިއެންޓް ހިމެނޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

މައްސަލައަށް ވާހަކަ ދައްކަވަމުން އާޒިމް އިތުރަށް ވިދާޅުވީ، ފުޓްބޯޅަ އެސޯސިއޭޝަނާއި މެދު ފިޔަވަޅު ނާޅާ އޮތުމުން މިނިސްޓަރު މަހުލޫފާއި މެދު އިތުބާރެއް ނެތް ކަމަށެވެ. އަދި ގާނޫނުގައި ކަންކުރަންވީ ގޮތް ބަޔާންކޮށްފައި އޮތް އިރު އެގޮތަށް އަމަލު ނުކުރާނަމަ ވަޒީރެއް ހުރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވި އެވެ. އަދި ވަޒީރުގެ އިރުޝާދަށް އަމަލުނުކުރާނަމަ ފިޔަވަޅު އަޅަންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި އާޒިމް ވަނީ ޤާނޫނުގައި ބުނެފައިވާ ގޮތަށް ފުޓްބޯޅަ އެސޯސިއޭޝަނާއި މެދު ފިޔަވަޅު އެޅުމަށް މިނިސްޓަރު މަހުލޫފަށް ގޮވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް