އެންއައިސީން މިކަން ހާމަކޮށްފައިވަނީ މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައެވެ.
ސަފާރީ ރޭޕްގެ މައްސަލައިގައި މިނިވަންމުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުންނަށް މައުލޫމާތު ދެއްވަމުން އެންއައިސީގެ ރައީސް އަހުމަދު ސުލައިމާން ވިދާޅުވީ އެމައްސަލަ ފެންމަތިވުމާ ގުޅިގެން ކޮމިޝަނުން އަމިއްލައަށް މައްސަލަ ބެލުމަށް ނިންމި ކަމަށެވެ. އަދި ހާލަތާއި މައްސަލާގެ ހައްސާސް ކަމަށް ބަލައި ލިބިދޭ ބާރުގެ ދަށުން އެމައްސަލަ ބެލުމަށް އެންއައިސީގައި ވަކި ކޮމިޓީއެއް އުފައްދާފައިވާކަމަށެވެ.
ސަފާރީ ރޭޕްގެ މައްސަލަ ބެލުމަށް އުފައްދާފައިވާ އެންއައިސީގެ ކޮމިޓީގެ މަސައްކަތްތަކުގެ މައުލޫމާތު ދެއްވަމުން ކޮމިޝަންގެ މެމްބަރު ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދް ވިދާޅުވީ، ކަން ހިނގާދިޔަ ގޮތް ސާފު ކުރުމަށް ފުލުހުންނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން ކޮންމެހެން ބޭނުންވާ ބައެއް މައުލޫމާތު ފޯރުކޮށްދިނުމަށް ސިޓީގައި އެދިފައިވާނޭ ކަމަށެވެ. މައްސަލައައިގެން ކުރިއަށް ދެވޭނީ އެ މައުލޫމާތުތައް ލިބިގެންކަމަށާއި އެ ސިޓީއަށް ފުލުހުން 29 ވަނަ ދުވަހު ޖަވާބު ދިން ކަމަށާއި، އެހެން ނަމަވެސް ހިއްސާކުރީ ހަމައެކަނި ކަން ހިނގާދިޔަ ގޮތްކަމަށް ޖިހާދު ވިދާޅުވި އެވެ. އަދި އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އިތުރު މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވާކަން ފާހަގަކުރެއްވި އެވެ.
ޖިހާދް ވިދާޅުވީ އެންއައިސީން ބަލަން ބޭނުންވީ މިކަމުގައި ފުލުހުންގެ އިހުމާލެތް އޮތްތޯ ކަމަށެވެ.
މީގެ އިތުރުން މައުލޫމާތު ދެއްވަމުން ޖިހާދު ވިދާޅުވީ، މިމައްސަލައިގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ފަރާތާއި މިއަދު ހެނދުނު ކޮމިޓީގެ ފަރާތުން ބައްދަލުކުރި ކަމަށެވެ. އަދި އެފަރާތުގެ ބަޔާނެއް މިއަދު ނަގާފައިވާކަން ފާހަގަކުރެއްވި އެވެ.
މިކަމުގައި ފުލުހުން އަމަލުކުރި ގޮތުގެ ބައެއް ލިޔެކިޔުން ބޭނުންވާނެތީ އެތަކެތި ފޯރުކޮށްދިނުމަށް ލިޔުމުން ފުލުހުންގެ ކިބައިން އެދުނު ކަމަށް ޖިހާދް ވިދާޅުވި އެވެ. އަދި އިއްޔެ ހަވީރު ކަން ހިނގާދިޔަ ގޮތް އިތުރަށް ބެލުމަށް ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ގޮސްފައިވާ ކަމަށާއި، އެހެން ނަމަވެސް ފުލުހުންގެ ފަރާތުން ބައެއް ލިޔެކިޔުން ނުލިބުނު ކަމަށް ޖިހާދު ވިދާޅުވި އެވެ. މިފަދަ މައްސަލަތައް ލޮގް ކުރާނެ ކަމަށާއި، އެހެން ނަމަވެސް މި މައްސަލައިގައި އަދި ލޮގްޝީޓް ވެސް ލިބިފައި ނުވާކަމަށް ވިދާޅުވި އެވެ. އެހެން ކަމުން އަލުން އެ ލިޔެކިޔުން ހޯދުމަށް އެދޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ޖިހާދު ވިދާޅުވީ އެހާދިސާގެ ސީނަށް ދިނަ ތިން ފުލުހަކާއި އެވަގުތުގެ ޝިފްޓް އިންޗާޖްގެ ބަޔާން ނަގާފައިވާކަމަށެވެ. އަދި އެ އަންހެންމީހާ ޑޮކްޓަރަށް ދައްކައިފައިވޭތޯ ސާފުކުރުމަށް ހުޅުމާލެ ހޮސްޕިޓަލުގައި އެދިފައިވާނޭ ކަމަށްވެސް ވިދާޅުވި އެވެ. ޖިހާދު ވިދާޅުވީ މި މައްސަލައިގައި އިތުރަށް ކުރިއަށްދާންވީގޮތް އެނގޭނީ އަންހެންމީހާގެ ބަޔާނުގައި ހުރި ކަންކަމަށް ބެލުމަށް ފަހު ކަމަށެވެ.
މީގެ އިތުރުން ކޮމިޓީގެ ބައެއް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެންއައިސީގެ ރައީސް ސުލައިމާން ވިދާޅުވީ ފުލުހުންގެ ފަރާތުން މައުލޫމާތު ލިބުމުގައި ލަސްވާ މިއީ ފުރަތަމަ ފަހަރު ނޫންކަމަށެވެ. އަދި މިއްސަލައިގައި މައުލޫމާތު ހިއްސާ ނުކުރެވެންވީ ސަބަބެއް އޮތްކަމަށް ނުދެކޭކަމަށް ވިދާޅުވި އެވެ.