ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިންނާއި ފިރިންނާއި ދަރިންގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް ނިންމި ނިންމުމާ މެދު ޑރ. ޝަހީދު ސުވާލު އުފައްދަވާފައި މިވަނީ އާއިލީ މެމްބަރުންގެ މާލީ ބަޔާން ހާމަނުކުރަން މަޖިލީހުގެ ގަވައިދު އިސްލާހުކުރުމަށް، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހު ފާސްނުކުރަން މަޖިލީހުގެ ކޮމެޓީން ފާސްކުރުމާ ގުޅިގެންނެވެ.
އާއިލީ މެމްބަރުންގެ މާލީ ބަޔާން ހާމަނުކުރަން ކޮމެޓީން ނިންމި ނިންމުން މިއަދު އޮތް މަޖިލީހުގެ ތަޅުމުން މިއަދުވަނީ 62 މެމްބަރުންގެ ވޯޓާ އެކުވަނީ ފާސްކޮށްފަ އެވެ.
އަނބިންނާއި ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ޝާއިރު ނުކުރާ ގޮތަށް ކަނޑައެޅުމުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންދާ މިދަނޑިވަޅުގައި އެކަމާ ގުޅިގެން މިހާރު އދ. ގެ ސްޕެޝަލް ރެޕަޓުއާގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު ޝަހީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެގޮތުން ޑރ. ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މެމްބަރެއް ހިއްސާ، އޭނާގެ އަނބިދަރިއަކަށް ބަދަލުކޮށްލުމާއެކު އެކަމުގައި އޭނާގެ މަސްލަހަތު ނޯންނާނެ ކަމަށް ދެކިގެން އުޅުމަކީ ހިޔާލީ ކަމެއް ކަމަށެވެެ. އަދި އެހާ ދަށު ދަރަޖައަށް މިހާރުގެ މަޖިލިސް ދިޔައީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
މަޖިލީހުގެ ގަވައިދު މިހާރު އޮންނަ ގޮތުން، މެމްބަރުން އަދި އަނބިންނާއި ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ވެސް ހިމެނޭ ގޮތަށް މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ތައްޔާރުކޮށް ކޮންމެ އަހަރަކު ވެސް އަމީން އާންމަށް ހުށަހަޅަން ޖެހެ އެވެ.
މިގެނައި އިސްލާހުގައި ވަނީމެމްބަރުގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި ޝާއިރު ކުރަންޖެހޭން ނަމަވެސް އަނބިންނާއި ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.