ads
މަބްރޫކް---
ކުރު މުއްދަތެއްގައި އެންމެ ގިނަ ޕްރެސް ބޭއްވުމުގެ ޝަރަފާއެކު މަބްރޫކް ތާރީހުގެ ތެރެއަށް
ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު ސަރުކާރުގެ ފަރާތުން އެކަމުގައި ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަން ހަވާލުކުރެއްވީ ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒަށެވެ. ކޮވިޑާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ގައުމީ ފެންވަރަށް ބަދަލުކޮށް، ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނުކަމާއި މަބްރޫކް، ހަވާލުވެވަޑައިގެންނެވިތާ މިވީ ތިން މަހެއްހާ ދުވަހުގެ ތެރޭގައި އޭނާއަކީ އެންމެން ދަންނަ މީހަކަށް މިވަނީ ވެފަ އެވެ. މަބްރޫކްގެ ޕްރެސް ބަލަން، ކޮންމެ ރެއަކު އެގަޑި، ހުސްކުރި މީހުންނަށް ކުރިއަށް މިފެށޭ ދުވަސްތައް ކޮންމެވެސް ވަރަކަށް ފަޅުވެދާނެ ދުވަސްތަކެކެވެ.

މިރޭ އެންއީއޯސީގެ އެންމެ ފަހު ޕްރެސް ބާއްވާފައިވާއިރު މިއީ އެގޮތަށް މަބްރޫކް ވެސް ބައްދަލުކުރި ފަހު ރެ އެވެ. މިއަދުން ފެށިގެން އެންއީއޯސީ، ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ނަމުގައި ހިންގަމުންދާނީ ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. 

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްުދުﷲ އަމީން ވިދާޅުވި ގޮތުގައި އެޗްއީއޯސީއަށް އާ ތަރުޖަމާނަކު ހަމަޖައްސަވާނެ އެވެ. 

މި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ މިވީ ތިން މަހެއްހާ ދުވަހު ނޫސްވެރިންނާއި އެހާ ގާތުން މަސައްކަތްކުރުމަށް ފަހު މަބްރޫކްއާ، ދެން އެފަދަ ޕްރެސްއަކުން ބައްދަލުނުވާނެކަން އެނގުމުން އެކަން ފާހަގަކުރި އެވެ. އަދި ވަރަށް މަބްރޫކް "މިސް" ވާނެ ކަމަށް ވެސް ބުންޏެވެ. 

ކޮންމެއަކަސް، އެންމެ ފަހު ފަހަރު، ނޫސްވެރިންނާއި ބައްދަލުކުރައްވަމުން މަބްރޫކް ވަނީ، ކުރިއެކޭ އެއްގޮތަށް މުހިއްމު ވާހަކަތަކެއް ހިއްސާކުރައްވާފަ އެވެ. އެގޮތުން ކޮވިޑް-19 ގެ މި ނުަރައްކާތެރި ހާލަތުން އަރައިގަނެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެންކަމުން އެކަމުގެ މައުލޫމާތު އެންމެނަށް ހިއްސާކުރުން މުހިއްމުކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ޔަގީންކުރިން އަޅުގަނޑާއެކު މި މައުލޫމާތުދޭން ކޮންމެ ރެއަކު ވެސް ސިއްހީ ތަޖުރިބާކާރެއް ޑޮކްޓަރެއް، ހުންނަވާނެ ކަމަށް. ރައީސްގެ އިރުޝާދަކަށްވީ ވެސް ވީއެންމެ ގިނައެއްކޮށް ސައްހަ މައުލޫމާތު ދިނުން. ވީއެންމެ އަވަހަކަށް މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުން އަދި އެ މައުމޫލާތު ގެނެސްދިނުން،" މަބްރޫކް ވިދާޅުވި އެވެ. 

މަބްރޫކް ވިދާޅުވީ މިދިޔަ ހަތަރު މަހެއްހާ ދުވަހު 164 ޕްރެސް ކޮންފަރެންސް އެންއީއޯސީން ބާއްވާފައިވާ ކަމަށާއި އޭގެ ތެރެއިން 111 ޕްރެސްއެއްގައި އޭނާ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި 1200 އަށް ވުރެ ގިނަ ސުވާލަށް ޖަވާބުދެއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ އިތުރުން މަބްރޫކް ވިދާޅުވީ، އެ ޕްރެސްތަކުގެ ބޭރުން ވެސް ނޫސްވެރިންގެ 600 އެއްހާ ސުވާލަށް ޖަވާބުދެވިފައިވާ ކަމަށެވެ.  

މަބްރޫކް ވަނީ އޮންލައިންކޮށް ޕްރެސްތައް ބާއްވަން ފެށުމާއެކު، އަތޮޅު ތެރޭގެ ނޫސްވެރިންނާއި ރާއްޖެއިން ބޭރުގައި ތިބި ނޫސްވެރިންނަށް ވެސް އެ ޕްރެސްތަކުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށް ވިދާޅުވެފަ އެވެ. 

އޭގެ އިތުރުން މަބްރޫކް ވަނީ، އެންމެ ފުރަތަމަ ބަލި ފެތުރިގެން އައިއިރު ޑޮކްޓަރުން ވަނީ ލައްކައެއްހާ މީހުންނަށް ބަލި ޖެހޭނެ ކަމަށް އަންދާޒާކޮށްފައި ކަމަށާއި އެކަމަކު ފަހުން ރާއްޖޭގެ ހާލަތަށް ބަލާއި 26000 މީހަކަށް ބަލި ޖެހޭނެ ކަމަށް އަންދާޒާކުރި ކަމަށެވެ. 

އެކަމަކު ހަތަރު މަސްވީއިރު ވެސް ބަލި ޖެހުނު މީހުންގެ އަދަދު އުޅެނީ 2300 އެއްހާ މީހުންގައިކަން ފާހަގަކުރައްވާ މަބްރޫކް ވަނީ އެ އަދަދު އިތުރުނުވީ ދިވެހި ރައްޔިންގެ ސަބަބުން ކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން ޑޮކްޓަރުން ދެއްވި ވާހަކަތަކުގެ އަޑުއެހީތީ މަބްރޫކް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. 

"ތިބޭފުޅުން، އާންމު ރައްޔިތުން، އަޅުގަނޑަށް ތި ދެއްވި އިތުބާރަށާއި ތި ދެއްވި ތަރުހީބަށް ހިތުގެ އެންމެ ފުން މިނުން ޝުކުރުއަދާކުރަން ބޭނުން،" މަބްރޫކް ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް