ads
ފިނޭންސް މިނިސްޓްރީ-- ފޮޓޯ: ރާއްޖެއެމްވީ
ސަބްސިޑީސް އަށް 603.9 މިލިއަން ރުފިޔާ ހޭދަކޮށްފި
ޖޫން މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީސް ގެ ގޮތުގައި 603.9 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފި އެވެ.
Advertisement

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ ގްރާންޓްސް، ކޮންޓްރިބިއުޝަންސް އަދި ސަބްސިޑީސްގެ ގޮތުގައި 1,787.3 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. 

އޭގެ ތެރެއިން 603.9 މިލިއަން ރުފިޔާ ސަބްސިޑީސްއަށް ހަރަދުކޮށްފައި ވާއިރު، އާސަންދައިގެ ގޮތުގައި ސަރުކާރުން ވަނީ 533.3 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި ގްރާންޓްސް އެންޑް ކޮންޓްރިބިއުޝަންސް އަށް ސަރުކާރުން ވަނީ 650.1 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. 

ފާއިތުވި އަހަރުގެ ޖޫން 25 ގެ ނިޔަލަށް ގްރާންޓްސް، ކޮންޓްރިބިއުޝަންސް އަދި ސަބްސިޑީސްގެ ގޮތުގައި ސަރުކާރުން ހަރަދު ކޮށްފައި ވަނީ 1,478.3 މިލިއަން ރުފިޔާ އެވެ. އެގޮތުން ފާއިތުވި އަހަރުގެ އެ މުއްދަތުގައި ސަބްސިޑީސް އަށް 543.3 މިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، އާސަންދައަށް ހޭދަކޮށްފައި ވަނީ 474.8 މިލިއަން ރުފިޔާ އެވެ. އަދި ގްރާންޓްސް އެންޑް ކޮންޓްރިބިއުޝަންސް އަށް ހޭދަ ކޮށްފައި ވަނީ 460.2 މިލިއަން ރުފިޔާ ކަމަށް ފިނޭންސް ގެ ތަފާސްހިސާބުތައް ދައްކަ އެވެ. 

މިއަހަރުގެ އާސަންދައަށް ކަނޑައަޅާފައިވާ 950.8 މިލިއަން ރުފިޔާގެ 56 އިންސައްތަ މިހާރު ސަރުކާރުން ވަނީ ހަރަދުކޮށްފަ އެވެ. އަދި ސަބްސިޑީސް އަށް ކަނޑައަޅާފައިވާ 1,049.3 މިލިއަން ރުފިޔާގެ 57.5 އިންސައްތަ މިހާރު ވަނީ ހަރަދުކޮށްފަ އެވެ.

ސަރުކާރުން އަހަރުގެ މިހާތަނަށް ގްރާންޓްސް، ކޮންޓްރިބިއުޝަންސް އަދި ސަބްސިޑީސްގެ ގޮތުގައި ކޮށްފައިވާ ހަރަދު ފާއިތުވި އަހަރާއި އަޅާ ބަލާއިރު، އިތުރު ވެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުންދާ ހަރަދުތަކާއި ގުޅިގެންނެވެ. 

އެގޮތުން ފިނޭންސް މިނިސްޓްރީގެ ވީކްލީ ކޮވިޑް-19 ސްޕެންޑިން އިން ދައްކާ ގޮތުން، ގްރާންޓްސް، ކޮންޓްރިބިއުޝަންސް އަދި ސަބްސިޑީސް އަށް ސަރުކާރުން ވަނީ 114.4 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެގޮތުން މި ފައިސާގެ ތެރެއިން، ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން 17.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވަނީ ބަޖެޓުގައި ގްރާންޓްސް، ކޮންޓްރިބިއުޝަންސް އަދި ސަބްސިޑީސް އަށް ކަނޑައަޅާފައިވާ ފައިސާ އިންނެވެ. އަދި 84.1 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ ޑިޒާސްޓާ މެނޭޖްމެންޓް ފަންޑުންނެވެ. 

އޭގެ އިތުރުން ފޮރިން މިނިސްޓްރީ އިން ކޮވިޑް-19 އާ ގުޅިގެން ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން 3.8 މިލިއަން ރުފިޔާ ބަޖެޓުގައި ގްރާންޓްސް، ކޮންޓްރިބިއުޝަންސް އަދި ސަބްސިޑީސް އަށް ކަނޑައަޅާފައިވާ ފައިސާ އިން ހަރަދު ކޮށްފައި ވާއިރު، އިތުރު ތިން މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ ޒަކާތު ފަންޑުންނެވެ. 

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ކޮވިޑް-19 އާ ގުޅިގެން 4.8 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ 1.3 މިލިއަން ރުފިޔާ ބަޖެޓުގައި ގްރާންޓްސް، ކޮންޓްރިބިއުޝަންސް އަދި ސަބްސިޑީސްއަށް ކަނޑައަޅާފައިވާ ފައިސާ އިން ހަރަދު ކޮށްފަ އެވެ. 

އޭގެ އިތުރުން ސަރުކާރުން ވަނީ ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން އޭޕްރިލް އަދި މޭ މަހުގެ ކަރަންޓް ބިލް ތަކުން މާލެ ސަރަހައްދުގެ ގޭބީސީ ތަކުގެ ބިލް ތަކަށް ސްބްސިޑީ ދީފަ އެވެ. އެގޮތުން، ކަރަންޓް ބިލް ތަަަކަށް 40 އިންސައްތަ ސަބްސިޑީ ދީފައި ވާއިރު، ފެން ބިލްތަކަށް ދީފައި ވަނީ 30 އިންސަތަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް