ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ އިންޑިއާގެ ޕޫނޭއަށް ނިސްބަތްވާ، ޝަންކަރު ނަމަކަށް ކިޔާ މީހަކު އަންނަނީ ރަން މާސްކެއް އަޅަމުންނެވެ. އެ މާސްކް އެޅިޔަސް ބަލިން ރައްކާތެރިވާނެކަމުގެ ޔަގީންކަން ވެސް ނެތްކަމަށް އެމީހާ ބުނެ އެވެ.
ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން އެމީހާއަށް ލިބިފައިވާއިރު އާންމުވެފައިވާ ފޮޓޯތަކުން ފެނިގެންދަނީ، މެޓަލް މާސްކެއް އެމީހާ އަޅައިގެން ހުރި މަންޒަރެވެ. ރަނުން ހަދާފައިވާ އެ މާސްކް އަޅައިގެން އެމީހާ ނަގާފައިވާ ފޮޓޯ ސޯޝަލް މީޑިއާއަށް އާންމުކުރީ އެމީހާ އެވެ. އެގޮތުން އާދައިގެ މާސްކް އެކޭ އެއްގޮތަށް ފެނިގެންދަނީ ރަނުން ހަދާފައިވާ މާސްކުގެ ކަންފަތުގައި އަޅުވާ ބައިގައި ރަބަރު ބޭނުންކޮށްފައިވާ މަންޒަރެވެ.
އެމީހާ ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ރަނުން ހަދާފައިވާ އެ މާސްކަކީ ވަރަށް ތުނިކޮށް އިންނަ މާސްކެއް ކަމުން ނޭވާލުމުގައި ދަތިތަކެއް ކުރިމަތިނުވާ ކަމަށެވެ. އަދި ނޭވާލާން ފަސޭހަވާނެ ގޮތަށް ކުދި ހޮރުތަކެއް ހުންނަ ކަމަށް ބުނެ އެވެ. އެކަމަކު އެ މާސްކަކީ ރައްކާތެރި މާސްކެއްކަން ކަށަވަރުނުވާކަމަށް ވެސް ވަނީ ބުނެފަ އެވެ.
ބެލެވޭ ގޮތުގައި އެމީހާއަކީ ވަރަށް ރަނަށް ލޯބިކުރާ މީހެކެވެ. އަތުގެ އިނގިލިތަކާއި ކަރުގައި ވެސް ވަނީ ރަނުން ހަދާފައިވާ އެކި ގަހަނާތައް އަޅާފަ އެވެ. އެ މީހާގެ ރަން މާސްކުގެ އަގަކީ 2.8 ލައްކަ ރުޕީސް ކަމަށް ވެސް އޭނާ ބުނެ އެވެ.
އެކަމާއި ގުޅިގެން އެމީހާއަށް ވަރަށް ގިނަ ބަޔަކު ފާޑުކިޔުންތައް އަމާޒުކޮށްފައިވާއިރު މީހުން ވަނީ ފައިސާ ހުރިއްޔާ ކޮންމެ އެއްޗެއް ވެސް ގަނެވިދާނެ ކަމަށާއި އެކަމަކު ހަމަޖެހޭ ވިސްނުމެއް ނުގަނެވޭނެ ކަމަށް ބުނެފަ އެވެ.
މީގެ ކުރިން، އިންޑިއާގެ ކަރްނަޓާކާއަށް ނިސްބަތްވާ، ގަހަނާ އުފެއްދުންތެރިއެއްކަމަށްވާ، ސަންދީޕް ސަގައޮންކަރު ވެސް ވަނީ އޭނާގެ ވެޑިން ކަލެކްޝަނުގެ ތެރެއަށް މެޓަލްއިން ތައްޔާރުކޮށްފައިވާ ރިހި ކުލައިގެ މާސްކެއް ވެސް ހިމަނާފަ އެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުންނަމަ އެ މާސްކް ވެސް މި ދުވަސްވަރު ކައިވެނިކުރާ މީހުންގެ މެދުގައި މަގްބޫލެވެ.