މިކަން ގިނަ ބަޔަކު ދިރާސާކުރަން ފަށާފައިވާއިރު، ގިނަ ދިރާސާތަކުގެ ނަތީޖާ ދައްކާގޮތުން ވީޑިއޯ ގޭމް ކުޅުމަކުން މާގިނަ ގެއްލުންތަކެއް މީހުންނަކަށް ނުކުރެ އެވެ. އެހެން ނަމަވެސް ގޭމް ކުޅުމުން ލިބޭ ގިނަ ފައިދާތަކެއް އެބަހުރި ކަމަށް ގިނަ ދިރާސާތަކުން ދައްކަ އެވެ.
ވީޑިއޯ ގޭމް ކުޅުމުން މީހާ ހެލްތީ ލައިފްސްޓައިލަކަށް އަހުލުވެލި ކުރުވާކަމަށް ދިރާސާތަކުން ދައްކަ އެވެ. އަދި މީހާގެ އިޖުތިމާއީ ގުޅުންތައް ވަރުގަދަކޮށް އުމުރު ދިގުކޮށްދޭ ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.
އޭގެ އިތުރުން ގޭމް ކުޅޭ މީހުންނަކީ ކަންކަމުގައި ގޮތް ނިންމުމުގައި މޮޅު ބައެއް ކަމަށް ވެސް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެ އެވެ.
ދިރާސާކުރާ ފާރަތްތަކުން ދެކޭ ގޮތުގައި ގޭމް ކުޅުމުން މީހާއަށް ނަފްސާނީ ގިނަ ފައިދާތަކެއް ވެސް ކުރެ އެވެ. އަދި ގޭމް ކުޅުމަކީ މީހާ ކަންނެތްވާކަމެއް ކަމަށް ބުނި ނަމަވެސް ހަގީގަތުގައި އެމީހުން ހެލިފެލިވެ އުޅުން އިތުރުވާ ކަަމަށްވެސް ބައެއް ދިރާސާތަކުން ބުނެ އެވެ.
ހަމަ އެއާއި އެކު އޮންލައިންކޮށް އިތުރު މީހުންނާއި އެކު މި ކުޅޭ ގޭމް ތަކަކީ ގުޅުންތައް ވަރުގަދަކޮށްދޭ ރަނގަޅު ގޭމްތަކެއް ކަމަށް ވެސް ބައެއް ދިރާސާތަކުން ދައްކަ އެވެ.
އެހެން ނަމަވެސް ކޮންމެ ކަމެއް ވެސް ކުރަންވާނވަރަށް ވުރެ މާގިނައިން ކުރާ ނަމަ އޭގެ ނޭދެވޭ އަސަރު ކުރާނެ އެވެ. އެހެންކަމުން 10 ގަޑި އިރެއްހާ އިރު ވަންދެން ހުއްޓާ ނުލާ ގޭމް ކުޅުމުންވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ އެވެ.