ads
ނިއުމާ މުހައްމަދު---
ރޭޕް ކޭހާއެކު ނިއުމާގެ ރުޅިގަނޑު ޑާކް ރެއިންއަށް!
ޒުވާން ތަރި، ޖުމައްޔިލް ނިމާލް އޭނާގެ ދެބެންގެ ދެދަރި އަންހެން ކުއްޖަކު، ރޭޕްކުރި މައްސަ؛ލައާ ގުޅިގެން ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމަންޓުން ޖުމައްޔިލްއާއެކު މަސައްކަތް ނުކުރާން ނިންމި ނިންމުމާއެކު މަޝްހޫރު ތަރި، ނިއުމާ މުހައްމަދު، ވަރުގަދަ ރައްދެއްދީފި އެވެ.

ޑާކް ރެއިންގެ ގިނަ ފިލްމުތަކަކުން ފެނިގެންދިޔަ، ޖުމައްޔިލްއާ ގުޅިގެން އެ ޕްރޮޑަކްޝަން ހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ އޭނާއާ ގުޅިގެން ކުރާ ބޮޑެތި ތުހުމަތުތައް އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވަނީ ސޯޝަލް މީޑިއާގައި އެކަން އާންމުވުމާއި ގުޅިގެން ކަމަށެވެ.

އެގޮތުން އެތުހުމަތުތައް އޭނާގެ މައްޗަށް ކުރެވިގެން އައިއިރު އެ ކުންފުނިން ޖުމައްޔިލްއާއެކު އެންމެ ފަހުން ތައްޔާރުކުރި ފިލްމު، އޭރު ވަނީ ހުރިހާ މަސައްކަތެއް ނިމި، މިއަހަރު ޖުލައިގައި އަޅުވަން ވެސް ކުރިން ތަވާލުކޮށްފައި ކަމަށް ބުންޏެވެ.  

އަދި އެތުހުމަތުތަކާއި ގުޅިގެން މިހާރު އޭނާއާއެކު ކުރުމަށް ހަމަޖެހިފައިވާ ހުރިހާ މަސައްކަތްތަކަކުން ވަކިކޮށްފައިވާ ކަމަށާއި އަދި ޑާކް ރެއިނުން އަބަދުވެސް ޖިންސީ އަނިޔާއާއި، ރޭޕްގެ އެއްވެސް އަމަލެއް އަދި އެކަމަށް ހިތްވަރުދޭ އެއްވެސް ވިސްނުމެއް ވެސް ގަބޫލު ނުކުރާނެކަން ވެސް އެ ބަޔާނުގައި ފާހަގަކުރެ އެވެެ. 

އެފަދަ ބަޔާނެއް ނެރެފައިވަނިކޮށް، ނިއުމާ އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، ޖުމައްޔިލްގެ ރޭޕް ކޭސްގެ މައްސަލަ އެނގި ތިބެ އޭނާ ލައްވާ މަސައްކަތްކުރުވުމަށް ފަހު މިހާރު ބުނަމުން އަންނަނީ ރޭޕްއާ ދެކޮޅު ކަމަށެވެ. އެކަމަކު އޭރު ރޭޕްއާ އެއްކޮޅު ކަމަށް ވެސް ބުނެފައިވެ އެވެ. 

ނިއުމާ އިތުރަށް ބުނީ، ފިލްމީ ދާއިރާގައި ވަކި ޖަމާއަތެއް ހަދައިގެން، ފިލްމީ ފަންނާނުން އެކަކު އަނެކަކާއި ޖެއްސުމުގެ އެންމެ ބޮޑު ބައި ކުޅެނީ އެތަނުން ކަމަށެވެ. އަދި އާންމުންގެ މެދުގައި މަގްބޫލުވުމާއެކު "އަހަރެމެން" ކޮށްލީ ބާކީ ކަމަށާއި ހަގީގަތަކީ އެއީ ކަމަށް ވެސް ނިއުމާ ބުންޏެވެ. 

ނިއުމާގެ ޕޯސްޓުގައި ސީދާ އެއީ، ޑާކް ރެއިންއަށް ބުނެފައިވާ ބަހެއް ކަމަށް ނެތް ނަމަވެސް ބެލެވެނީ އެގޮތަށެވެ. މީގެ ކުރިން ވެސް ޖުމައްޔިލްގެ މައްޗަށް ރޭޕްގެ ތުހުމަތުތައް ކުރެވުން ނަމަވެސް ޑާކް ރެއިނުން ފިޔަވަޅު އަޅާފައި ނުވާތީ މީހުން ވަނީ ފާޑުކިޔާފަ އެވެ. 

ފާއިތުވި އަހަރުތަކަށް ބަލާއިރު ޑާކްރެއިންގެ ފިލްމުތަކުން އަބަދު ފެންނަ އެއް މޫނަކީ ޖުމައްޔިލް އާއި މަރިޔަމް މަޖުދާ އެވެ. އެ ދެމީހުން އަބަދު އެކުގައި ފެންނާތީ ވެސް ގިނަ ބަޔަކު ފާޑުކިޔަ އެވެ. 

ޑާކް ރެއިނުން ފިލްމުތަކުން ކުރިން ނިއުމާ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި މުހައްމަދު މަނިކް އާއި ރަވީ ފާރޫގް ފަދަ ތަރިން ވަނީ ފެނިގެންގޮސްފަ އެވެ. 

ޖުމައްޔިލްގެ ފަރާތުން ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާ ވަނީ އެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ޓްވިޓާގައި ކިޔައިދީފަ އެވެ. އެގޮތުން އެކަން ހިނގީ 2016 ވަނަ އަހަރުގެ ޑިސެންބަރު ގައި ކަމަށާއި ނަމަވެސް އިއްޔެވީ ކަމެއް ފަދައިން އެ ހިތި ހަނދާންތައް އަދިވެސް ހުރި ކަމަށް އެ ކުއްޖާ ބުނެ އެވެ.

ކަންހިނގި ގޮތް ޖުމައްޔިލް ބައްޕައަށް ވެސް ކިޔައިދިން ކަމަށް އެ ކުއްޖާ ބުނެފައި ވެއެވެ. އޭނާގެ ބައްޕަ އަކީ ވެސް ދިވެހިންގެ ތެރޭގައި މަގުބޫލު ފިލްމީ ތަރިއެކެވެ.

އެ ކަމަށް ހަތަރު އަހަރު ވެގެން ދިޔައިރު މިހާތަނަށް އެ ކުއްޖާ އަށް އިންސާފު ލިބިފައެއް ނުވެ އެވެ. އަދި އެ ކުއްޖާ އަށް އިންސާފު ނުލިބި މާބޮޑަށް ލަސްވެގެން ގޮސްފައިވާއިރު، މިހާރު އެކަން އޮތީ ކޮން މަރުހަލާއެއްގައި ކަމެއް ސާފެއް ނޫނެވެ.

އެ ކުއްޖާގެ ޓްވީޓަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައިވާއިރު ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވެސް ވަނީ ރިޕްލައި ކޮށްފަ އެވެ. އެގޮތުން އެކަމާ ހިތާމަ ކުރައްވާ ކަމަށާއި، އެ މައްސަލަ ގޮސްފައިވާ ހިސާބެއް އޮޅުންފިލުވުމަށް ފަހު، ޕީޖީ އޮފީހުގެ ފަރާތުން ކުރެވޭނެ ކަންކަން ބަލައި އެ ކުއްޖާ އަށް އަންގާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ޖުމައްޔިލްއާ ގުޅޭގޮތުން އެފަދަ ތުހުމަތުތަކެއް ފެންމަތިވި އެވެ. އެކަމަކު މިއީ މިހާ ފާޅުކަން ބޮޑުގޮތެއްގައި، އަނިޔާ ލިބުނު ކުއްޖާ އެ ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

އެ ކުއްޖާ އެ ވާހަކަތައް ފާޅުގައި، އެހާ ތަފްސީލުކޮށް ކިޔައިދިން އިރު، ޖުމައްޔިލްގެ ދިފާއުގައި ބައެއް މީހުން އަންނަނީ ވާހަކަ ދައްކަމުންނެވެ. 

މިފަހަރު ޖުމައްޔިލްއާ ދެކޮޅަށް ޑާކް ރެއިނުން ފިޔަވަޅު އެޅިއިރު އޭނާ ވަނީ ޑާކް ރެއިންގެ ގިނަ ފިލްމުތަކެއްގައި ވެސް މަސައްކަތްކޮށްފަ އެވެ. ޑާކް ރެއިންގެ "އެންމެ ފަހު ވިންދާޖެހެންދެން"ގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ޖުމައްޔިލް ވަނީ "ވާށޭ މަށާއެކީ" އާއި "ގޮއްރާޅު" އަދި "ވަކިން ލޯބިން" ފަދަ ޑާކްރެއިންގެ ފިލްމުތަކުން ފެނިގެންގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް