މަޖިލީހުން އިއްޔެ އާއްމު ކުރި، ކުރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބުގެ މައްޗަށް ހިންގުނު ތަހުގީގުގެ ރިޕޯޓުން އެނގުނު ގޮތުގައި ޝުޖާޢު އުސްމާނު ރައީސް ޔާމީންގެ ކެމްޕެއިންގައި އަމަލީ ގޮތުން ބައިވެރިވިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަހުގީގުކޮށް މަޖިލީހަށް ފޮނުވާފައިވާ ތަހުގީގު ރިޕޯޓުން އެނގޭ ގޮތުގައި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބުއާއި އެކު ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވި ފަނޑިޔާރުންނަކީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އެވެ. މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައި ހުރި ހަސަން ނަޖީބު އަމިއްލައަށް މަގާމުން އިސްތިއުފާ ދީފައިވާއިރު، އަބްދުﷲ ދީދީ ވަނީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށްފައެވެ. އެހެންނަމަވެސް ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ޖޭއެސްސީގެ ރިޕޯޓުގައިވާ ގޮތުން 2017 ވަނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރު ޝުޖާއު އުސްމާންވަނީ ގއ. ވިލިގިލީގައި ޕީޕީއެމްއަށް ފޯމް ފުރުމަށް ހަރަކާތްތެރިވެފައެވެ. އަދި ޕީޕީއެމަށް ފޯމް ފުރުވި ފަހުން މީހަކު ފަޅުރަށެއްގައި ހައްދާ ތަރުކާރީ ކޫއްޑޫއަށް ގަންނަން ފެށިކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ގއ. ވިލިނގިލީގައި އެސްޓީއޯގެ މުވައްޒަފުންނާއި ބައްދަލުކޮށް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓު ހޯދުމަށް ކެމްޕެއިންކޮށްފައިވެއެވެ. އޭރު ކޮންމެ ހަފުތާ ބަންދެއްގައިހެން ޝުޖާއު އުސްމާނަށް ވިލިނގިއްޔަށް ގޮސް ކެމްޕެއިން ކުރިކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި އެއިން ބައްދަލުވުމެއްގައި ދެކެވުނު ވާހަކައިގާ، ވިލިނގިއްޔަށް ކުރިއެރުމެއް ލިބެން އޮތީ ރައީސް ޔާމީން ހޮވިގެން ކަމަށް ގާޒީ ނަޖީބު ވިދާޅުވި ކަމަށްވެސް އޮތެވެ.
ހަސަން ނަޖީބުގެ ތަހުގީގު ރިޕޯޓުން ޝުޖާއު އުސްމާނާ ގުޅޭ ގޮތުން ބަލަމުން އަންނަ މައްސަލަތަކުގެ މައުލޫމާތު ލިބުނު ނަމަވެސް ޝުޖާއު އުސްމާނާ ގުޅޭ ގޮތުން ބަލަމުން އަންނަ މައްސަލަތަކުގެ ތަފްސީލެއް މިހާތަނަށް ޖޭއެސްސީން ދީފައެއް ނުވެއެވެ. އެކަމަކު މީގެ އަށެއްކަ މަސްކުރިންސުއްރެ ފެށިގެންވެސް ޝުޖާއު އުސްމާނުގެ މައްސަލަތަކެއް ބަލަމުން އަންނަކަންވަނީ ޖޭއެސްސީން ހާމަކޮށްފައެވެ. އެހެންނަމަވެސް ޝުޖާއު އުސްމާނާ ދެކޮޅަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ޝުޖާއު އުސްމާނަކީ ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް ކުރެއްވި ފަނޑިޔާރެވެ. އަދި ޝުޖާއު އުސްމާންވަނީ އަމިއްލައަށް ބެންޗު ބަދަލުކޮށް ބެންޗުގައި އަމިއްލައަށް ހިމެނިވަޑައިގެން ރައީސް ޔާމިންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ބަންދުގެ އަމުރެއް ބާތިލުކޮށް ޔާމީން ކުރިން މިނިވަންކޮށްފައެވެ.