ފުވައްމުލަކު ހޮސްޕިޓަލުގެ ޑައިލެސިސް ސެންޓަރު ހުޅުވުމާއެކު އެ ހިދުމަތަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ ޙިދުމަތަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

Advertisement
ފުވައްމުލަކު ހޮސްޕިޓަލުގެ ޑައިލެސިސް ސެންޓަރު ހުޅުވުމާއެކު އެ ހިދުމަތަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ ޙިދުމަތަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ ޑައިލެސިސް ސެންޓަރު ހުޅުއްވައިދެއްވުމަށް ނައިބް ރައީސް ފައިސަލް ނަސީމް މާދަމާ އެ ސީިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެކަމުގެ މައުލޫމާތު ސީއެންއެމަށް ހިއްސާކުރައްވަމުން އެ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ ފުވައްމުލަކު ހޮސްޕިޓަލުގައި މާދަމާ ޑައިލެސިސް ސެންޓަރު ހުޅުވި އެ ހިދުމަތަށް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ލިބިގެންދާނޭ ކަމަށެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ޑަލިސިސްގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނައިރު ހޮސްޕިޓަލުން މިހާރު އަންނަނީ، އެ ހިދުމަތް ހޯދުމަށް އެދޭ ބަލިމީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އަހުމަދު ސައީދު ވިދާޅުވިއެވެ. އަދި ޑައިލިސިސް ގެ ހިދުމަތް ހޯދުމަށް އެދޭ ބަލިމީހުންގެ މައުލޫމާތު އެހޮސްޕިޓަލާއި ހިއްސާކުރުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލެވިފައި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ޑައިލެސިސް ސެންޓަރާއި ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އެކަމަށް ހާއްސަކޮށްގެން މުޅިން އާ އިމާރާތެއް ގާއިމްކޮށްފައިވާ ކަމަށާއި އެގޮތުން އެ ހިދުމަތް ލިބިގެންދާނީ އެކަމަށް ހާއްސަ އިމާރާތުން ކަމަށެވެ. އަދި މިހާތަނަށް ތިން މެޝިނެއް އިންސްޓޯލް ކޮށް ނިމިފައިވާ ކަމަށާއި އެ ހިދުމަތަށް ބޭނުންވާ އާރޯ ޕްލާންޓްގެ މަސައްކަތްވެސް އެއްކޮށް ނިމިފައިވާ ކަމަށެވެ.
ހިދުމަތް ދިނުމަށްޓަކައި އެ ސެންޓަރު ހުޅުވިގެންދާ އިރު އެކަމަށް ބޭނުންވާ ތިން އެނދުގެ ތެރެއިން އެއް އެނދު ހާލުދެރަ ނުވަތަ ގައިން ގަޔަށް އަރާ ފަދަ ބަލިތަކުގެ މީހުނަށް ހާއްސަ ކުރެވިފައި ވާ ކަމަށްވެސް މެނޭޖާ ވިދާޅުވިއެވެ.
އަދި އެ ހިދުމަތަށް ހާއްސަކޮށްގެން އައިޖީއެމްއެޗުން ތަމްރީނު ލިބިފައި ތިބި ތިން ނަރުހުން މިހާރު އެބަތިބިކަމަށާއި އަލަށް ފެށިގެންދާ މި ހިދުމަތަށް ވާންޖެހޭ އެންމެހާ ތައްޔާރީތަށް ވެފައިވާ ކަމަށް އަހުމަދު ސައީދު ވިދާޅުވިއެވެ.
ހެލްތް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އެކަމުގައި ލިބޭ ކަން ފާހަގަ ކުރައްވާ އަހުމަދު ސައީދު ވިދާޅުވީ ޑައިލެސިސްއަށް ބޭނުންވާ އިތުރު ސާމާނު މިހާރުވެސް މިނިސްޓްރީން ފުވައްމުލަކަށް ފޮނުވާފައިވާ ކަމަށެވެ.
އަދި އިތުރަށް މި ހިދުމަތް ފުޅާކުރުމަށް ބޭނުންވާ ސާމާނާއި އެހެނިހެން ތަކެތި ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނޭ ކަމަށްވެސް އަހުމަދު ސައީދު ވިދާޅުވިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން މުޅިން އަލަށް ފަށާ މި ހިދުމަތާ އެކު ޑައިލެސިސްގެ ހިދުމަތް ހޯދުމަށްޓަކައި މާލޭގައި ވަޒަންވެރިވެގެން ތިބި ފަރާތްތައްވެސް އެ ރަށުން މި ހިދުމަތް ހޯދުމަށްޓަކައި އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އަހުމަދު ސައީދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަދި މި ހިދުމަތާއި ދޭތެރޭ ހިދުމަތް ހޯދާ ފަރާތްތަކުގެ މެދުގައި އިތުބާރާއި ޔަގީންކަން ކަށަވަރު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް އެކަމުގައި ކުރައްވާނޭ ކަމަށް އަހުމަދު ސައީދު ވިދާޅުވިއެވެ.