ads
ނޭކުރެންދޫ ކަނޑޫފާ--
އެންމެ ބޮޑު ކަނޑޫފާ މަރު ވަނީ، ގައުމީ ބޮޑު މައްސަލައެއް!
ހދ. ނޭކުރަންދޫގައި އޮންނަ، ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާއިން ގިނަ އަދަދެއްގެ ގަސްތައް ވީނުވީއެއް ނޭނގި މަރުވެފައިވާ މައްސަލަ ބަލަން ފަށައިފި އެވެ.

ނޭކުރަންދޫ ކަނޑޫފާއަކީ އޭޝިއާ ސަރަހައްދުގެ ތިން ވަނައަށް އެންމެ ބޮޑު ކަނޑޫފާ އެވެ. އަދި ދުނިޔޭގެ ނިސްބަތުން ބަލާނަމަ އެއީ ދިހަ ވަނައަށް އެންމެ ބޮޑު ކަނޑޫފާ އެވެ. 

އެރަށު ކައުންސިލުގެ ރައީސް އަލީ އާދަމް، ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މިހާރު ދިހަ ހާހަށް ވުރެ ގިނަ ގަސް ވަނީ މަރުވެފަ އެވެ. އެހެންވެ އެކަން އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ. 

އަލީ ވިދާޅުވީ، ރަށު ކައުންސިލާއި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ، ސޭވް މޯލްޑިވްސް ގުޅިގެން ކަނޑޫފަލުން ގަސް މަރުވާ ސަބަބު ދެނެގަތުމަށްޓަކައި މީގެ ދެވަރަކަށް ހަފުތާކުރިން ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ނަތީޖާ ލިބޭނެ ސީދާ ދުވަސް ބުނަން ނޭނގުން ނަމަވެސް ވަރަށް އަވަހަށް ނަތީޖާ ލިބޭނެ ކަމަށް ވިދާޅުވި އެވެ. 

2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނޭކުރަންދޫ ކަނޑޫފާ، ސަރުކާރުން ހިމާޔަތްކުރުމުގެ ކުރިން ވެސް އެރަށު ރައްޔިތުން ވަނީ އެތަން ހިމާޔަތްކޮށްފަ އެވެ. އަލީ ވިދާޅުވި ގޮތުގައި އެ ސަރަހައްދަށް އާންމުން ގޮސް ހަދަނީ ވަރަށް މަދުންނެވެ. 

މި ފަހުން އެހާ ގިނަ އަދަދެއްގެ ގަސްތައް މަރުވާކަން ފާހަގަކުރެވިފައި ވަނީ މިދިޔަ މެއި، ޖޫން ހިސާބުގައިކަން ފާހަގަކުރައްވަމުން އަލީ ވިދާޅުވީ ރޯދަ މަހުގެ ތެރޭގައި ރަށުގެ ވަރަށް ގިނަ ބަޔަކު ކަނޑޫ ހޮވުމަށް ކޮންމެ ދުވަހަކު ވެސް އެތަނަށް ގޮސް ހެދި ކަމަށެވެ. 

ގަދަފެހި ކުލައިގެ ބޯޖަންގައްޔެއްހެން އެ ކަނޑޫފާގެ މަތިން ކުރިން ފެނިގެންދިޔަ ނަމަވެސް މިހާރު ބޮޑު ބައި އޮތީ ހިކިފަ އެވެ. ފަތްތައް ދޮންވެ، ގަސްތައް އެކީ ހިކެމުން އަންނައިރު އަލީ ވިދާޅުވި ގޮތުގައި އެގޮތަށް ހިކިފައި ވަނީ ކަނޑޫ ގަސްތަކެވެ. ކުރިން ވެސް މަދު އަދަދަކަށް ގަސް މަރުވިޔަސް މިފަހަރު އެހާ ގިނަ އަދަދެއްގެ ގަސް މަރުވެފައިވީ ކޮން ސަބަބަ ވެސް ބުނަން ނޭނގޭ ކަމަށް އަލީ ވިދާޅުވި އެވެ. 

ކުޅިއެއްގެ އިތުރުން ބޮޑު ޗަސްބިމެއް ވެސް އޮންނަ އެ ސަރަހައްދުގައި އެކި ކަހަލަ ބިޔަ ގަސްތައް ހުރެ އެވެ. 

އެކަމާއި ގުޅިގެން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ސީއެންއެމްއަށް ވިދާޅުވީ، މިހާރު އީޕީއޭގެ ޓީމެއް ހއ. ކެލާގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެތަނުގައި ކުރަމުން އަންނަ މަސައްކަތްތައް ނިންމާލުމަށް ފަހު ދާނީ ނޭކުރެންދޫއަށް ކަމަށެވެ. 

ނައީމް ވަނީ ނޭކުރަންދޫ ކަނޑޫފާ ބިމަކީ ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާކަމުން، އެތަން އަންނަން އޮތް ޖީލުތަކަށް ހިމާޔަތްކޮށްފައި ބޭއްވުން ވަރަށް މުހިއްމުކަން ވެސް ފާހަގަކުރައްވާފަ އެވެ. 

ސީއެންއެމްއަށް ކައުންސިލުގެ ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މީގެ 40 އަކަށް އަހަރުކުރިން ވެސް އެގޮތަށް ކަނޑޫފާގެ ގިނަ އަދަދެއްގެ ގަސްތަކެއް މަރުވެފައިވި ކަމަށް ރަށުގެ ދުވަސްވީ މީހުން ބުނެ އެވެ. އެފަހަރު ވެސް ގަސްތައް އަލުން ހެދެން ފެށީ، މާލެއިން ދިޔަ ޓީމަކުން ބޭސް ޖަހައިގެން ކަމަށް ކަމަށް ވެސް މީހުން ބުނާ ކަމަށް ރައީސް ވިދާޅުވެ އެވެ. 

ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ތަދުގެ ދުވަސްވަރު ވެސް ނޭކުރެންދޫ ކަނޑޫފަލުގެ މުހިއްމުކަން ވަނީ ފެނިގެންގޮސްފަ އެވެ. އެގޮތުން ރައްޔިތުން ބަނޑަށް ޖެހިފައި ތިބި އެ ދުވަސްވަރު، އެތަނުގައި ހެދުން ކަނޑޫ، ވަނީ އުތުރުގެ އެކި ރަށްރަށަށް ސަޕްލައިކޮށްދީފައި ކަމަށް ދުވަސްވީ މީހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް