ads
ރައީސް ނަޝީދު، ޝުޖާއު އަދި ޖޭއެސްސީގެ ރައީސް ހިސާން
ޝުޖާއު އާ ޖެހުމުން ޖޭއެސްސީ އަށް މި ވަނީ ކިހިނެއް؟
އެމްޑީޕީއަކީ އަބަދުވެސް އިންސާފު ހޯއްދަވައި ދެއްވުމަށް ވަކާލާތު ކުރި އަދި މިހާރުވެސް ވަކާލާތު ކުރަމުން ގެންދާ ޕާޓީއެވެ. ދިވެހި ރައްޔިތުންނަށް އިންސާފުވެރި ފަނޑިޔާރުގެއެއް ހޯއްދައިދެއްވުމަކީ އެމްޑީޕީގެ އެންމެ ބޮޑު ވައުދުއެވެ.
Advertisement

ފަނޑިޔާރުގެ އިސްލާޙު ކުރުމުގެ ޤާނޫނީ ޒިންމާ މަތިކޮށްފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންނަވައެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސްގެ ގޮތުގައި އިންނަވަނީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ އެމްޑީޕީގެ މެންބަރު ހިސާން ހުސެއިންއެވެ. ޖޭއެސްސީގެ ނާއިބު ރައީސްގެ ގޮތުގައި އިންނެވީ، އެމްޑީޕީގެ އެންމެ އިސްވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސާލިހު އައްޔަން ކުރައްވާފައިވާ ރައީސްގެ މެންބަރު މަސްތޫރު ޙުސްނީއެވެ. އެޓަނީ ޖެނެރަލް އިބްރާހިމް ރިފްއަތުވެސް ޖޭއެސްސީގައި އިންނަވައެވެ.

ވެރިކަމާއި، ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީ އެމްޑީޕީއަށް ރައްޔިތުން ދިނީ އިންސާފުވެރި ފަނޑިޔާރުގެއެއް ގާއިމުކުރާށެވެ. އެހެން ނަމަވެސް ވެރިކަމަށް ދެ އަހަރުވާން ގާތްވެ، މަޖިލީހުގެ ސާފު މެޖޯރިޓީ ލިބުން ތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ފަނޑިޔާރަކު އަދިވެސް ފަނޑިޔާރުކަމުގެ މަގާމުގައި އިންނެވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ބާއްވަ އެވެ. 

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ފަނޑިޔާރެއް ކަމަށް މި ދެންނެވީ، ޖޭއެސްސީ އާއްމު ކުރި ތަހުގީގު ރިޕޯޓެއްގައި ވަރަށް ސާފުކޮށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފުވެފައިވާ ފަނޑިޔާރެއް އެއްވެސް ފިޔަވަޅެއް ނާޅައި، މިއަދުވެސް މަތީ މަރުހަލާގެ ކޯޓެއްގައި އިންނެވީމައެވެ. ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނުގެ ސީރިއަސް މައްސަލަތަކެއް ހުރިކަން ޖޭއެސްސީން މަޖިލީހަށް މި ހަފުތާ ތެރޭ ފޮނުވި ތަހުގީގު ރިޕޯޓަކުން އެއޮތީ ސާފުކޮށް ފެންނާށެވެ.

ކުރިމިނަލް ކޯޓުން އިސްތިއުފާ ދިން ގާޒީ ހަސަން ނަޖީބުގެ ތަހުގީގު ރިޕޯޓުގައި، ހަސަން ނަޖީބު ވަކިކުރަން ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވާފައިވުމުން ނަޖީބު މަގާމުން އިސްތިއުފާ ދިނީއެވެ. 

ހަސަން ނަޖީބާއި އެކު ރައީސް ޔާމީންގެ ސިޔާސީ ކެމްޕެއިންތަކުގައި އުޅުނު ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ހައިކޯޓުގެ އިސްފަނޑިޔާރާ މެދު ޖޭއެސްސީން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމަކީ އަޖައިބުވާން ޖެހޭ ކަމެކެވެ. ސުލޫކީ އެއް މައްސަލަތަކެއްގައި އެއް ފަނޑިޔާރަކު ވަކި ކުރާއިރު، ހަމަ އެ މައްސަލަތަކަގައި ހަމަ އެ ފަނޑިޔާރާއި އެކު އުޅުނު އަނެއް ފަނޑިޔާރު އެ ހުންނެވީ މަގާމުގައެވެ. 

ހުސްވި އަހަރުގެ ޖޫން މަހުގެ 24ވަނަ ދުވަހު، ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި، ޝުޖާޢު އުސްމާނުގެ މައްސަލައެއް ބަލަމުންދާ ކަމަށް ޖޭއެސްސީން ބުންޏެވެ. އެއީ މީގެ އެއް އަހަރު ކުރިއެވެ. އެހެންނަމަވެސް އަދި މިހާތަނަށްވެސް ކުޑަ މިނުން އެއީ ކޮން މައްސަލައެއްކަންވެސް ޖޭއެސްސީން އާންމުކޮށް ނުބުނެއެވެ. މި މައްސަލައަށް ވީނުވީއެއް ނޭނގި އުޅެނިކޮށް، ޝުޖާއުގެ ދެވަނަ މައްސަލައެއް ބަލަން ފެށިކަން، ހުސްވި އަހަރުގެ އޮކްޓޫބަރު މަހު ޖޭއެސްސީން ބުންޏެވެ. އެއީ ކޮން މައްސަލައެއްކަންވެސް އަދި މިހާތަނަށް ޖޭއެސްސީން އާންމުކޮށް ހާމަކޮށްފައެއް ނުވެއެވެ. މައްސަލަ ސާބިތުވާ ކަމެއް ނުވާކަމެއްވެސް ނޭނގެއެވެ.

މި އަހަރުގެ ޖެނުއަރީ މަހު، ޝުޖާއު އުސްމާނުގެ ތިންވަނަ މައްސަލައެއް ބަލަން ފެށިކަމަށްވެސް އަނެއްކާވެސް ޖޭއެސްސީން ބުންޏެވެ. ކުރިން ބަލަން ފެށި ދެ މައްސަލައަށް ވީ ގޮތެއް ނޭނގި އޮއްވާ ތިން ވަނަ މައްސަލައެއް ބަލަން ފެށީއެވެ.

ފަޓާސް ބަރިއެއްހެން ބައެއް ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި ޖޭއެސްސީ ނިކަން އަވަހެވެ. ހެނދުނު 8 ޖެހުމުގެ ކުރިން ޖޭއެސްސީއަށް ހާޒިރުވާންވެސް ބައެއް ފަނޑިޔާރުންނަށް އަންގައެވެ. އެކަމަކު، ޝުޖާއު އުސްމާނުގެ މައްސަލަތަކުގައި ޖޭއެސްސީން މުޅިންވެސް މި ބުރަވަނީ ފަހަތު ފަޔަށް ކަމަށް ބެލުމުގެ ފުރުސަތު ނެތް ބާއްވަ އެވެ. ޝުޖާއު އުސްމާނުގެ މައްސަލަތަކަކީ ކޮބައިކަންވެސް ކުޑަ މިނުން މިހާތަނަށް އެނގުނު ހަމައެކަނި ގޮތަކީ ކުރިން ދެންނެވި ތަހުގީގު ރިޕޯޓެވެ. 

އެ ރިޕޯޓުގެ އަލީގައި އެއް ފަނޑިޔާރު ވަކިކުރިއިރު، އެ ފަނޑިޔާރާއި އެކު ހަމަ އެ ހުރިހާ ކަމެއްގައިހެން ބައިވެރިވި އަނެއް ފަނޑިޔާރު މިހުންނަނީ އަދިވެސް މަގާމުގައެވެ. ބައެއް ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންދާ މުއްދަތުގައި ކޯޓަށް ނުކުންނެވުމީ ރަނގަޅު ކަމެއްކަމުގައި ނުވާތީ ސަސްޕެންޑް ކޮށްފައިވީ ނަމަވެސް ޝުޖާއު އުސްމާނާ ޖެހުމުން އެވަރުވެސް ވީ ތަނެއް ނުފެނެ އެވެ. ސުވާލަކީ މިވަރުވެގެންދާއިރު ސުޖާއު އާ މެދު ފިޔަވަޅެއް ނޭޅިގެން މިއުޅެނީ ކީއްވެގެން ބާއްވަ އެވެ. ޖޭއެސްސީއަށް ކަމެއް ސާބިތުނުވަނީ ބާއްވަ އެވެ. ނުވަތަ ފޮރުވިފައިވާ ކަމެއް ހިނގަނީ ބާއްވަ އެވެ. ނުވަތަ ސުޖާއުގެ ބާރު ޖޭއެސްސީ މައްޗަށް ހިނގަނީ ބާއްވަ އެވެ. ނުވަތަ އޭނާގެ ދަށުގައި ޖޭއެސްސީ އޮތީ ބާއްވައެވެ. ނުވަތަ ފަހަރަކު ފަނޑިޔާރަކާ މެދު ނޫނީ ފިޔަވަޅު ނޭޅެނީ ބާއްވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް