ކޮރޯނާ ވައިރަހާއި ގުޅިގެން ދަތުރުފަތުރު ކުރުމުގެ ނިޒާމްތައް ހުއްޓުމަކަށް އައުމުގެ ސަބަބުން ދަތުރު ކުރާ މީހުންގެ އަދަދު މަދުވެ، އެއާލައިން ތަކަށް ވަނީ ބޮޑެތި އަސަރު ތަކެއް ކޮށްފައެވެ.
އަންގާރަ ދުވަހު އަރްންޓްސް އެންޑް ޔަންގް އިން ނެރުނު ސްޓޭޓްމެންޓެއްގައި އެއާ އޭޝިއާގެ ބޮޑެތި ދަރަނިތައް ވަނީ ފާހަގަ ކޮށްފައެވެ.
މި ސްޓޭޓްމެންޓް އާއި ގުޅިގެން އެއާ އޭޝިއާގެ ޝެއާތައް ވަނީ ބުދަ ދުވަހު ސަސްޕެންޑު ކުރެވިފައެވެ.
އޭގައި ބަޔާންކޮށްފައިވާ ގޮތުގައި އެއާ އޭޝިއާގެ މިހާރުގެ ދަރަނިތައް ވަނީ އެ ކުންފުނީގެ އެސެޓުތަކަށް ވުރެ މައްޗައް އަރާފައެވެ. އެގޮތުން 1.84 ބިލިއަން ރިންގިޓުގެ ދަރަނި އަރާފައިވަނީ ކޮވިޑް-19 ފެށުމުގެ ކުރިން 2019 ގެ ނިޔަލަށް ކަމަށްވެސް ވަނީ ބަޔާން ކޮށްފައެވެ.
ކޮރޯނާ ވައިރަހާއި ގުޅޭގޮތުން އެކި ގައުމުތަށް ލޮކްޑައުނަކަށް ދިއުމާއި ދަތުރުފަތުރު ކުރުމުގެ ނިޒާމްތައް ހުއްޓުމަކަށް އައުމާއި ގުޅިގެން އެއާ އޭޝިއާގެ ފައިނޭންސް އަދި ލިބެމުންދާ އާމްދަނީ އަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.
އެކަމާއި ގުޅޭގޮތުން ހޯމަ ދުވަހު 803.8 މިލިއަން ރިންގިޓްގެ ގެއްލުމެއް އެއާ އޭޝިއާއިން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި މާޗް މަހުގެ ފަހުކޮޅުން ފެށިގެން މި އެއާ ލައިން އިން ދަނީ ފްލައިޓްތައް ސަސްޕެންޑު ކުރަމުންނެވެ.
އެއާ އޭޝިއާގެ ޗީފް އެކްޒެކެޓިވް ކަމަށްވާ ޓޯނީ ފަރްނާންޑޭސް ވިދާޅުވީ 2001 ކުން ފެށިގެން އެ ކުންފުންޏަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ މިއީ ކަމަށެވެ. ނަމަވެސް އޭނާ އުއްމީދު ކުރަނީ މިއަހަރު އެއާ އޭޝިޔާގެ ހަރަދުތައް އެންމެ މަދުވެގެން 50 އިންސައްތަ އަށް ކުޑަކުރެވޭނެ ކަމަށެވެ. އަދި އޭޝިއާގައި އެންމެ އަގު ހެޔޮ ފްލައިޓް ކަމަށް އެއާ އޭޝިއާ ދެމެހެއްޓުމަށް ވެސް އުއްމީދު ކުރާ ކަމަށް ފަރްނާންޑޭސް ވިދާޅުވި އެވެ.
ގުޅިގެން ކުރެވޭ ދަތުރު ތަކާއި ކޮލާބޮރޭޝަން ތަކާއި ބެހޭ ގޮތުން ދެއްކި ވާހަކަތަކުގައި އެއާ އޭޝިއާ އިން ބުނީ އެ ކުންފުނިން އިތުރު ހަރަދު ތަކެއް ކުރަން ޖެހިދާނެ ކަމަށެވެ.