ads
ހުޅުމާލޭގައި 25 ބުރީގެ އިމާރާތް އަޅާނެ ގޮތުގެ ކުރެހުމެއް--
އެއްބަސްވުން ބާތިލުނުކޮށް ފިނޭންސް އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދަން މަޝްވަރާކުރަނީ
މެލޭޝިއާގެ ޑަބްލުއުޒެޑްއާރު ޕްރޮޕަޓީ އާ ހަވާލުކޮށްގެން ކުރީ ސަރުކާރުގައި މާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރުމަށް ހެދި އެއްބަސްވުން ބާތިލުކޮށްފިނަމަ، އިއާދަ ނުކުރެވޭނެ ބޮޑު ގެއްލުމެއް ކުރިމަތިވެދާނެތީ، ކަމާއި ބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރުމަށްޓަކައި 2016 ވަނަ އަހަރުގެ މާޗު މަހުގެ އެއް ވަނަ ދުވަހު، ވަނީ ފިނޭންސް މިނިސްޓްރީ އާއި ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. 122.7 މިލިއަން އެމެރިކާ ޑޮލަރުގެ އެ މަޝްރޫއު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމަށް އޭރުގެ ސަރުކާރުން ނިންމިިއިރު އޭރު މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައި ނުވާ ކަމަށް އެޗްޑީސީން ބުނެ އެވެ. 

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމާއި ގުޅިގެން މަޝްރޫޢުގެ އަގު 155 މިލިއަން އެމެރިކާ ޑޮލަރަށް ބޮޑުވެގެން ގޮސްފައިވާ ކަމަށާއި އެ މަޝްރޫއުއަކީ އެ ކޯޕަރޭޝަންގެ ބިޒްނަސް ޕްލޭނުގެ ބޭރުން އެ ދަނޑިވަޅުގައި ކުއްލިގޮތަކަށް ކުރަންޖެހުނު ކަމަކަށްވެފައި، މަޝްރޫއުގެ އަގު ބޮޑުވެގެން ދިއުމަކީ އެ ކޯޕަރޭޝަންގެ ބެލެންސް ޝީޓަށް އިތުރުވާނެ ބިޔަ ބޮޑު ލޯނެއްކަމަށް ވެފައި، ފީސިބިލިޓީއަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމެއް ކަމަށެވެ. 

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނަށް އެއްބަސްވުން ނޮވޭޓްކުރުމަށްފަހު، ކޮންޓްރެކްޓާ ކޮށްފައިވާ މަސައްކަތްތަކަށް ވަނީ، 30 މިލިއަން އެމެރިކާ ޑޮލަރުގެ ބިލެއް އެ ކޯޕަރޭޝަނަށް ހުށަހަޅާފައި ކަމަށައި އެހެންނަމަވެސް، ކޮންޓްރެކްޓާ ހުށަހަޅާފައިވާ ބިލުގައިވާ އަގަކީ، ކޮށްފައިވާ މަސައްކަތާއި ނުބައްދަލު އަގަކަށްވާތީ، ކޮންޓްރެކްޓަރާއި އެ ކޯޕަރޭޝަނާއި ގުޅިގެން ޖޮއިންޓް ވެރިފިކޭޝަނެއް ހެދުމަށްފަހު އަގު ކުޑަކުރެވުން ކަމަށެވެ. 

އެ ބިލަށް ފައިސާ ހޯދުމަށްޓަކައި ކޮންޓްރެކްޓަރުގެ ފަރާތުން އެޖޫޑިކޭޝަނަށް 25 މިލިއަން ޑޮލަރުގެ އަގެއް ހުށަހަޅާފައި ވީނަމަވެސް، މައްސަލަ އެޖޫޑިކޭޓަރުގެ ފަރާތުން ދިރާސާ ކުރުމަށްފަހު، ކޮންޓްރެކްޓާ ކޮށްފައިވާ މަސައްކަތްތަކަށް ޖެހޭ އަގެއްގެ ގޮތުގައި 22.8 މިލިއަން އެމެރިކާ ޑޮލަރުކަމަށް ނިންމާފައިވާ ކަމަށެވެ. 

އޭގެ އިތުރުން އެޗްޑީސީން ބުނީ، މިއަހަރުގެ ޖުލައި ފަސް ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އެޖުޑިކޭޓާ  ނިންމާފައި ވަނީ ކޮންޓްރެކްޓަރު ކުރި މަސައްކަތްތަކަށް ކަމަށާއި އެފަރާތާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރުމަކީ އެންމެ އެކަށީގެންވާ ކަމަކަށް އެ ކޯޕަރޭޝަނަށް ނުފެންނާތީ އާއި، އިއާދަ ނުކުރެވޭނެ ފަދަ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އެގޮތުން، އެ މަޝްރޫއު ދެކޮޅުޖެހޭނެ ފަދަ ގޮތަކަށް ސްކޯޕަށް ބަދަލުތަކެއް ގެނައުމުގެ އިތުރުން، ސަރުކާރާއި އެ ކޯޕަރޭޝަނަށް ގެއްލުން ނުވާނެފަދަ އެކަށީގެންވާ ފައިނޭންޝިއަލް ޓާމްސް އާއެކު މަޝްރޫއު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ ކަންކަން ކުރުމަށް ކޮންޓްރެކްޓަރާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

އަދި އެޖުޑިކޭޓަރުގެ އެ ނިންމެވުމާއި ގުޅިގެން، އެ މައްސަލަ ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީ އާއި ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރެވެމުންދާ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް