ads
ޑރ. ޖަމީލް--
ޕީޖީ އިންސާފުވެރިކަމާއެކު ޔާމީނަށް ދައުވާ އުފުލާނެ ކަމަށް ގަބޫލެއް ނުކުރަން: ޖަމީލް
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިންސާވެރިކަމާއެކު މިހާރުގެ ޕްރޮސެކިއުޓާ ޖެނަރަލް ދައުވާ އުފުލާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް އެގޮތަށް ވިދާޅުވިއިރު އިދިކޮޅު ކޯލިޝަނުން އިއްޔެ ޕީޖީއާ ބައްދަލުކުރެއްވުމަށް ފަހު ވަނީ ސަރުކާރުގެ އެހެނިހެން މުއަސަސާތަކާއި ހިލާފަށް މިއަދުގެ ޕީޖީ އިން ފެނިގެން ދިޔައީ ޒިންމާދާރު ސިފަތަކެއްކަމަށް ބުނެ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގައި އެންމެ ފުރަތަމަ ނައިބް ރައީސްކަން ކުރެއްވި ޑރ. ޖަމީލް، އެމަގާމުން ވަކިކުރެއްވުމާއެކު ވަނީ އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައި ހުންނަވާ ވަނީ ވަރަށް ބޮޑަށް ރައީސް ޔާމީނަށް ފާޑުވިދާޅުވެފަ އެވެ. 

މިއަދު ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޖަމީލް ވިދާޅުވީ، އެމަނިކުފާނު ކުރައްވާ ހަމައެކަނި އުއްމީދަކީ ރާއްޖެއަކީ ތަހުޒީބު އަދި ގާނޫނު ހިނގާ، އަދިއެހެންވެސް ތަހުޒީބު ގައުމުތަކުގައި އިންސާފުން އުޅޭ ގައުމަކަށް ވުން ކަމަށެވެ. 

އެގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ ރައްކާތެރިކަން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބެެން ޖެހޭ ކަމަށާއި ގާނޫނުގެ ކުރިމަތީގައި ރައީސްކަން ކުރައްވާ ބޭފުޅުންނާއި އެންމެ އާދައިގެ މީހާ ވެސް ވާންޖެހޭނީ ހަމަހަމަކަމަށް ވިދާޅުވި އެވެ. އަދި މިއަދު ފުލުހުންގެ ތެރެއިން، ރައީސް ޔާމީނަށް އިންސާފުވެރިކަމާއެކު ތަހުގީގެއް ކުރެވިގެން ދައުވާކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. 

އޭގެ އިތުރުން ޖަމީލް ވިދާޅުވީ، މިއަދުގެ ޕީޖީ އިންސާފުވެރިކަމާއެކު ދައުވާއެއް އުފުލާއި އެންމެންގެ މެދުގައި ގާނޫނު ހަމަހަމައަށް ހިންގަފާނެ ކަމުގެ އިތުބާރު ވެސް ނެތް ކަމަށެވެ. 

ޖަމީލް އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލައިގެ ތަހުގީގު އޮތީ 2017 ވަނަ އަހަރު، އޭސީސީން ނިންމާފައި ކަމަށާއި އެގޮތުން އެ ތަހުގީގުގެ އެއްވެސް ތަނެއްގައި ރައީސް ޔާމީން ނުހިމެނޭ ކަމަށެވެ. އެގޮތުން 2018 ވަަނަ އަހަރު ވެރިކަން ބަދަލުވެ، އޭސީސީން ފުލުހުންނަށް މައްސަލަ ހުށަހެޅުމުން އެކަމަކީ ރައީސް ޔާމީން ފްރޭމް ކުރުމަށް ކުރި ކަމެއްގެ ގޮތުގައި ވެސް ޖަމީލް ވަނީ ސިފަ ކުރައްވާފަ އެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. މިއަދު ވަނީ އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެެއް ހައި ކޯޓުގައި ބާއްވާފަ އެވެ. 

އެގޮތުން ޝަރީއަތުގެ އަޑުއެހުމުގައި ލިބުނު ފަސް މިލިއަން ޑޮލަރަކާއި ހަވާލުވުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ދިޔަކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް