ads
ފޮޓޯ: ރައީސް އޮފީސް
މަރު ކޮމިޝަނާ ދޭތެރޭ ރައީސް އަދި ވަކިގޮތެއް ނުނިންމަވާ: ހޫދު
ގެއްލިފައިވާ މީހުނާއި މަރާލެވިފައިވާ މީހުންގެ މަރުތައް ބަލާ ކޮމިޝަނުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ ކޮމިޝަންގެ ރައިސްގެ މަގާމަށް އައްޔަން ކުރައްވާނެ ބޭފުޅެއް އަދި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ނިއްމާފައި ނުވާ ކަމަށް ރައީސްގެ ތަރުޖަމާނު ހޫދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މަރުތައް ބަލައި ކޮމިޝަނުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރެއްވުމާއި ކޮމިޝަންގެ ރައީސްގެ މަގާމަށް މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމާ މެދު ރައީސް އިބްރާހީމް މުހައްމަދު ސާލިހު އަދި ވަކި ގޮތެއް ނިންމަވާފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ސީއެންއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ މަރު ކޮމިޝަނުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަނާ މެދު ދެން އަމަލުކުރައްވާނެ ގޮތަކާއި އަދި އެ ކޮމިޝަންގެ މެންބަރުކަމާއި ކޮމިޝަންގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމާ ގުޅޭގޮތުން ބައްލަވަން ޖެހިވަޑައިގަންނަވާ ކަންތައްތައް ބައްލަވަމުން ގެންދަވާ ކަމަށެވެ. އެކަމަކު އަދި ވަކިގޮތެއް އެކަމުގައި ރައީސް ނިންމަވާފައި ނުވާ ކަމަށްވެސް ހޫދު ވިދާޅުވި އެވެ.

މަރު ކޮމިޝަނުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ. އަދި ސުއޫދު މިހާރު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރައްވާފަ އެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ އެކޮމިޝަނާ ހަވާލުކުރެވުނު ބޮޑެތި ބައެއް މައްސަލަތައް ބެލުމަށްފަހު ތަހުގީގު ރިޕޯޓް ރައީސްއަށް ފޮނުއްވާފަ އެވެ. އެގޮތުން ޑރ. އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓާއި، ނޫސްވެރިޔާ ރިލްވާން ގެއްލުވާލި މައްސަލައިގެ ރިޕޯޓާއި، ބަންގްލަދޭޝްގައި ދަންޖެހިގެން މަރުވި ކަމަށް ބުނާ ރައުދާގެ މަރުގެ ރިޕޯޓް ހިމެނެ އެެވެ.

މަރު ކޮމިޝަނުން މައްސަލަތައް ތަހުގީގުކުރީ ސުއޫދުގެ ރިޔާސަތުގައި ކަމަށްވެފައި، މީގެ ބައެއް މައްސަލަތަކުގައި ދައުވާކުރަން ނިންމާފައިވާތީ، އެމައްސަލަތައް ކޯޓުން ނިންމާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ސުއޫދު އިންނެވުމަކީ ބައެއް މީހުން ކަންބޮޑުވާ މައްސަލަ އެކެވެ. ސުއޫދު ރިޔާސަތުގައި އިންނަވައިގެން ތަހުގީގު ކުރި މައްސަލަތަކެއްގައި ހުކުމް ކުރުމަށް އަަނެއްކާ ވެސް ސުއޫދު ފަނޑިޔާރަކަށް އިންނަވާ ކޯޓަކަށް މައްސަލަތައް ހުށަހަޅަންޖެހުމަކީ އަދުލުވެރިކަމާއެކު އެ މައްސަލަތައް ނިންމިދާނެ ގޮތެއްތޯ ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް