
ވައިބާގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އައިއޯއެސް ބޭނުން ކުރަމުންދާ ފަރާތްތަކަށް ވައިބާގެ އިތުރުން ދުނިޔޭގެ ގިނަ ބަޔަކު ބޭނުން ކުރަމުންދާ އެހެނިހެން އެޕްލިކޭޝަންތައް ވެސް ޑައުންވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރަމުން ދާކަމަށާއި ފޯނުން ވައިބާ ޑިލީޓް ކޮށްލާފައި އަލުން އެޅިޔަސް ވި ވަގުތު އެ މައްސަލަ ހައްލު ނުވާނެ ކަމަށް ވެސް ވައިބާ އިން ބުނެ އެވެ.
ވައިބާގެ ހިދުމަތް އައިއޯއެސްގެ ފޯނުތަކަށް ވަގުތީ ގޮތުން މެދުކަނޑާލެވިފައި ވަނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމުން އެ މައްސަަލަ ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރެމުންނެވެ.
މިދިޔަ މަހުގެ ފަހުކޮޅު ވައިބާ އިން ވަނީ ފޭސްބުކާ ދުރަށް ޖެހި، އެއާ ގުޅުން ހުރި ހިދުމަތްތައް، ވައިބާ ނެޓްވޯކްގައި ބޭނުންކުރުން ހުއްޓާލާފަ އެވެ. އަދި ވިޔަފާރި އުސޫލުން ފޭސްބުކް ނެޓްވޯކް ގައި އިސްތިހާރުކުރުން ވެސް ވަނީ ހުއްޓާލައިފަ އެވެ. އެހެންކަމުން، ފޭސްބުކް، އިންސްޓާގްރާމް އަދި ވަޓްސްއެޕް ފަދަ ފޭސްބުކަށް ނިސްބަތްކުރެވޭ ސޯޝަލް އެޕްލިކޭޝަންތައް މެދުވެރިކޮށް ވައިބާ ބޭނުންކުރާ މީހުންނަށް ލިބުނު ފަސޭހަތައް އުނިވެގެން ދާނެ އެވެ.
ވައިބާއަކީ ވަރަށް ގިނަ މީހުން ބޭނުންކުރާ، ހާއްސަކޮށް ދިވެހިންގެ މެދުގައި އެންމެ މަގްބޫލު އެއް އެޕްލިކޭޝަނެވެ.