އެ ގައުމުގެ ސަރުކާރުން މި ނިންމުން ނިންމައި އެ ގައުމުގެ ޖަސްޓިސް މިނިސްޓްރީން އިއުލާން ކޮށްފައި ވަނީ ހުކުރު ދުވަހު އެވެ.
ސޫދާން ސަރުކާރުން އަންހެންކުދިން ހިތާނު ކުރުން ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ވާއިރު، މިއީ އެފްރިކާ ބައްރުގެ ގައުމުތަކުގައި އާންމުކޮށްުު ހިންގާ އަމަލެކެވެ.
މިނިންމުން ސޫދާން އިން ނިންމާފައި ވަނީ އެގައުމުގެ އަސްކަރިއްޔާ އާއި އާންމުން ހިމެނޭ ސޮވެރިން ކައުންސިލުން މިފަދަ ކަންތައްތަކާއި މެދު ކުރި މަޝްވަރާތަކަ ކަށް ފަހު އެވެ.
ޖަސްޓިސް މިނިސްޓްރީ އިން ވަނީ އަންހެނުން ހިތާނު ކުރުމަކީ އަންހެނުންގެ ކަރާމާތާއި ގަދަރަށް އަރައިގަތުން ފަދަ ކަމެއް ކަމަށް ބުނެފަ އެވެ. އަދި އެއީ ގާނޫނީ ކުށެއް ކަމަށާއި އެކުށް ކުރާ މީހުން މަދުވެގެން ތިން އަހަރަށް ޖަލަށް ލެވޭނެ ކަމަށް އެ މިނިސްޓްރީ އިން ބުނެ އެވެ.
އޭގެ އިތުރުން، މި ގެނެވުނު ބަދަލާއި އެކު އެ އަމަލު ހިންގާ ޑޮކްޓަރުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި އެފަދަ ހޮސްޕިޓަލްތަކާއި ކްލިނިކްތައް ވަގުތުން ބަންދު ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެ އެވެ.
ސޫދާންގެ ބޮޑުވަޒީރު، އަބްދުﷲ ހަމްދުކް ވަނީ މިއީ އެގައުމުގެ ޖުޑިޝަރީ ރިފޯމްކޮށް އެގައުމުގައި މިނިވަން ކަމާއި އަމަން އަމާންކަން އަދި ހަމަހަމަކަން ގާއިމްކުރަން އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރުން ހަމަހަމަކަން ގާއިމް ކުރަން ބޭނުންވާ ގާނޫނު ތަކާއި ގަވާއިދުތައް ހަދާނެ ކަމަށް ވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފަ އެވެ.
ސޫދާންގެ ގާނޫނު ހަދާ މަޖިލީހުން އަންހެންކުދިން ހިތާނު ކުރާ މީހުންނަށް އަދަބުދިނުމަށް ނިންމާ ގާނޫނު ފާސްކޮށްފައި ވަނީ އޭޕްރިލް މަހު އެވެ.
ސޫދާން އިން މި އަމަލު ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި މިވަނީ އެގައުމުގެ އެތައް ދުވަހެއް ވަންދެން ވެރިކަން ކުރި، ރައީސް އުމަރު އަލް-ބަޝީރު މާގާމުން ބޭލުވިތާ އަހަރު ދުވަސް ފަހުން ނެވެ. އެ ގައުމުން ކޮންމެ 10 ކުދިންގެ ތެރެއިން ނުވަ ކުދިން ހިތާނު ކުރާކަމަށް ޔުނިސެފް އިން ވަނީ ބުނެފަ އެވެ.