ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--
ޖިންސީ ގޯނާގެ މައްސަލަތައް ވަނީ ހާއްސަ އިސްކަމެއްދީގެން ހައްލުކުރަން ޖެހިފައި: ރައީސް
ގެވެށި އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި އެފަދަ މައްސަލަތަކަށް ހާއްސަ އިސްކަމެއްދީގެން ހައްލުކުރަން ޖެހިފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި މުޅި ދުނިޔޭގައި މިއަދު ފާހަގަކުރާ، މި އަހަރުގެ އާބާދީ ދުވަހުގެ މުނާސަބަތުގައި، ރައީސް ސޯލިހު ފޮނުއްވި ހިތޯބުގައި ވިދާޅުވީ، މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ކޮންމެ ގައުމެއްގެވެސް އާބާދީއާ ގުޅިފައިވާ މައްސަލަތަކާމެދު، އެ ގައުމެއްގެ ރައްޔިތުން ހޭލުންތެރި ކުރުން ކަމަށާއި އޭގެ ތެރޭގައި އިންސާނީ މުޖުތަމައެއްގައި އުފެދޭނެ ހުރިހާ މައްސަލަތަކާއި، އެ މައްސަލަތަކުން ނުކުންނަ ނަތީޖާތަކާއި، އެ މައްސަލަތައް ހައްލުކުރުމަށް ކުރަންވީ ކަންކަމާމެދު، ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން ހިމެނޭ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ މި ސަރަޙައްދުގެ ގައުމުތަކާ އަޅައިބަލާއިރު، ދުޅަހެޔޮ އާބާދީއެއް ބިނާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެއް ކަމަށާއި ވިހެއުމުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން މަރުވާ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައި ކަމަށެވެ. ނަމަވެސް އެ ކާމިޔާބު އެގޮތުގައި ދެމެހެއްޓޭނީ، ކޮވިޑް-19 ފަދަ ބޮޑެތި ބަލިތަކާއެކުވެސް، ދުޅަހެޔޮ އާބާދީއެއް ބިނާކޮށް، އުފަންވެނި ސިއްހަތަށާއި، އެހެނިހެން އިޖުތިމާއީ ކަންކަމަށް އިސްކަންދީގެން ކަމަށް ވިދާޅުވި އެވެ. 

އަދި މިއީ ސިއްހީ ހިދުމަތުގެ ނިޒާމަށް ވެސް ވަރަށް ބާރު ބޮޑު ދުވަސްވަރެއްކަމަށާއި އޭގެ ސަބަބުން އާންމު ސިއްހަތުގެ ނިޒާމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި އަދި ނަފްސާނީ ދުޅަހެޔޮކަމަށްވެސް، ވަރަށް ނޭދެވޭ އަސަރުތައް ދަނީ ފޯރަމުން ކަމަށް ވިދާޅުވި އެވެ. 

"ގެވެށި އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތައްވެސް އިތުރުވެއްޖެއެވެ. މިއީ ހާއްސަ އިސްކަމެއް ދީގެން ޙައްލުކުރަން ޖެހިފައިވާ ކަންކަމެވެ،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސްގެ ހިތޯބުގައި ވިދާޅުވީ، މިއަހަރުގެ އާބާދީ ދުވަހާ ބައްދަލުކުރިއިރު، ދުނިޔޭގެ އާބާދީ އަރައި ހަމަކޮށްފައި މިވަނީ، އިންސާނީ ތާރީހުވެސް ނުދެކޭފަދަ، ނުރައްކާތެރި ބިރުވެރި ދުވަސްތަކަކާއި ކަމަށެވެ. އެގޮތުން ކޮވިޑް-19 އަށް ފަރުވާ ކުރުމަށް މިހާތަނަށް އެއްވެސް ބޭހެއް، ވެކްސިނެއް ހޯދިފައި ނުވާއިރު، މި ބަލި ކޮންޓްރޯލް ކުރެވޭނެ ދުވަހެއް، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއަށް ވެސް، އަދި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނަށް ވެސް ލަފާ ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

އަދި ކޮވިޑް-19 ގެ ސަބަބުން ގެއްލުން ނުލިބޭ އިގްތިސޯދެއް ނެތް ކަމަށާއި ނުރަނގަޅު އަސަރު ނުފޯރާ މުޖުތަމައެއް ނެތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން ހިތްދަތިކަން ތަޖުރިބާކުރަން ނުޖެހޭ އާއިލާއެއް ނެތް ކަމަށެވެ. 

އޭގެ ތެރެއިން ވެސް، މިބަލީގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ އަންހެނުން ކަމަށާއި އެއީ މި ބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ، ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށްވެފައި ރާއްޖޭގައިވެސް ސިއްހީ ހިދުމަތްތެރިންގެ 70 އިންސައްތައަކީ އަންހެނުންކަން ރައީސް ފާހަގަކުރެއްވި އެވެ. 

ރާއްޖޭގައި ކޮވިޑް-19 ޖެހުނު އަންހެނުންގެ އަދަދު މަދުކަމުގައި ވިޔަސް، ފުރަބަންދުގެ ސަބަބުން ދިމާވި، އަދި ދިމާވަމުންދާ ގޮންޖެހުންތަކުގެ އަސަރު، އެންމެ ބޮޑަށް ކުރާ ބަޔަކީ އަންހެނުންނާއި އަންހެން ކުދީންކަން ވެސް ފާހަގަކުރެއްވި އެވެ. އަދި އާއިލާތައް 24 ގަޑިއިރު ގޭގައި ތިބެންޖެހުމުން، ދަރިންނާއި މައިންބަފައިން ބެލުމާއި، ގޭތެރޭގެ މަސައްކަތްތައް ފަދަ، ގެވެހި ޒިންމާތައް އުފުލަންޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވެފައިވާކަން ވެސް ރައީސް ވިދާޅުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް