
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ލ. ފޮނަދޫއިން މާމެންދުއަށް ދަތުރުކުރަނިކޮށް ގެއްލުނު އުމުރުން 19 އަހަރުގެ އައިޝަތު ޝިމާ ދަތުރު ކުރި ކަމަށް ބެލެވޭ ޑިންގީ ކަނޑުގެ އަޑީގައި އޮއްވާ ފެނިފައިފައި ވަނީ ލ. ފޮނަދޫ ކައިރިންނެވެ. މި ޑިންގީ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ސަރަހަދަށް ފީނަން ދިޔަ ބައެއް ކަމަށް ފުލުހުން ބުނެއެވެ.
ޝިމާ ގެއްލިގެން ފުލުހުން ދެ މަހެއްހާ ދުވަސް ވަންދެން އޭނާ ހޯދަން މަސައްކަތް ކޮށްފައިވެ އެވެ. މި ހާދިސާ ހިނގާފައި ވަނީ އޭނާގެ އެކުވެރިއެއް ކަމަށްވާ އިބްރާހިމް ފަޒީލާ އެކު ދަތުރުކުރަނިކޮށެވެ. ޑިންގީން ފަޒީލް ސަލާމަތްވީ ސިކްސް ސެންސަސް ރިސޯޓްގެ ފަރާ ހަމައަށް ދެވުމުން ކަމަށް އޭނާ ބުނެފައި ވާއިރު ލ. ގާދޫ ކަނޑުއޮޅިއަށް ޑިންގީ ބަންޑުން ޖަހާލައި ޝިމާ ގެއްލުން ކަމަށް އޭނާ ބުނެފައިވެއެވެ. ޝިމާގެ އާއިލާއިން މި މައްސަލާގައި ފަޒީލަށް ތުހުމަތުތަކެއް ކުރާއިރު އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޝިމާ ސަލާމަތް ކުރަން މަސައްކަތްކުރި ކަމަށް ފަޒީލް ބުނެފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ފަޒީލް ދައްކާ ހުރިހާ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން އެނގޭކަމަށެވެ. އަދި އޭނާ ދީފައިވާ ބަޔާން، އެނަލައިޒްކޮށް، ބަޔާންތަކުގައި އޭނާގެ މިޒާޖު ހުރި ގޮތްތައްވެސް ފަންނީ މާހިރުންގެ އެހީގައި ދިރާސާ ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައި ވަނީ ޝިމާ އެހެން ތަނަކަށް ގެންދިޔަ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެން ނަމަވެސް ޝިމާ ގެއްލުވާލީ ފަޒީލް ގަސްތުގައިކަން ކަށަވަރު ކުރެވޭ ވަރަށް ހެކި ލިބިފައި ނެތް ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.
ޝިމާ ހޯދުމަށް 17 ރަށެއް ވަނީ ބަލާފައެވެ. އަދި 9 ސީސީޓީވީ ފުޓޭޖާއި، ވައިގެމަގުން 10 މޭލު ސަރަޙައްދާއި، 1900 އަކަ ކިލޯމީޓަރުގެ ކަނޑުގެ ސަރަޙައްދެއްވެސް ވަނީ ބަލާފައެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި 46 ފަރާތެއްގެ ބަޔާން ނަގާ، އެ ހުރިހާ މީހުން ދެއްކި ވާހަކަތަކުގެ ތެދު ދޮގު ބަލަމުންދާކަމަށްވެސް ފުލުހުން ވަަނީ ބުނެފައެވެ.
ފަޒީލަކީ ޖިނާއީ މައްސަލަތަކުގައި ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މީހެއް ކަމަށް ވީއިރު މީގެ ކުރިން ވެސް އޭނާގެ މައްޗަށް އެކި ދައުވާތައް ކޮށްފައި ވެ އެވެ. އެގޮތުން 2011 ވަނަ އަހަރު ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށާއި 2012 އަދި 2016 ވަނަ އަހަރު ވައްކަމުގެ ދެ މައްސަލައެއް ހިމެނެ އެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހު ފަޒީލް ވަނީ ޝިމާގެ ކޮއްކޮ ރަހީނުކޮށްގެން ގެންދަނިކޮށް ހައްޔަރުވެސް ކޮށްފައެވެ. މި މައްސަލާގައި ދައުވާކުރަން ފޮނުވައިފަ ވާއިރު އެފަހަރު ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރުކުރީ ހުޅުމާލޭންނެވެ.