ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި ޖާބިރު ވިދާޅުވީ، ކޭބަލް ކާރު އަޅާ ވާހަކަ ވިދާޅުވެފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި ވިދާޅުވެފައި ވާނީ ކޭބަލް ކާރުން ކާށިދޫ އާއި ގާފަރު ގުޅާލާއި، އިގްތިސޯދީ ބޮޑު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ކޭބަލް ކާރު ނޭޅޭނެ ކަމަށާއި ޖާބިރު ދައްކަމުން ގެންދަވަނީ ހުސް ވާހަކަތަކެއް ކަމަށް ގާފަރު ރައްޔިތުން ބުނަމުން އަންނަކަމަށް ބުނުމާއެކު ޖާބިރު ވިދާޅުވެފައި ވަނީ ކޭބަލް ކާރު އަޅަން އެރަށުގެ ރައްޔިތުން މަސައްކަތް ކުރޭތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ގާފަރު ރައްޔިތުންގެ އެކަން ކުރުމަށް ފައިނޭންޝަލް ރިސޯސަސް ހުރިތޯ ސުވާލު އުފެއްދެވި އެވެ.
ޖާބިރު އިތުރަށް ވިދާޅުވީ، އެތަނުގައި ކޭބަލް ކާރު އަޅާ، ސިޓީއަކަށް ޑިވެލޮޕްކުރުމަށް ދިރާސާއެއް ކުރަމުން އަންނަ ކަމަށެވެ.
ކާށިދޫ އާއި ގާފަރު ގުޅާލުމުގެ މަސައްކަތް ދިރާސާކުރުމަށް އިޓަލީގެ އެންމެ ބޮޑު އެއް އިންޖިނިއަރިން ކުންފުނީގެ ރައީސް ކާށިދޫއާއި ގާފަރަށް ވަޑައިގެންފައިވާ ކަމަށް މީގެ އަށް މަސްކުރިން ޑީއާރުޕީން ފާހަގަކޮށްފައިވެ އެވެ. އޭގެ ފަހުން ޖާބިރު ވެސް ވަނީ އެމަސައްކަތް ކުރަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝތު ނަހުލާއާ ވެސް މަޝްވަރާކުރައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ކާށިދޫ އާއި ގާފަރު ގުޅާލާނަމަ އެ ދޭތެރޭގައި 24 ކިލޯމީޓަރުގެ ކޭބަލް އަޅަންޖެހޭއިރު އެކަމާއި ގުޅިގެން ޖާބިރު އިތުރަށް ވިދާޅުވީ، އެކަން ކުރުމަށްޓަކައި ސަރުކާރުގެ ގިނަ ހުއްދަތަކެއް ބޭނުންވާ ކަމަށެވެ.
ޖާބިރު އިތުރަށް ވިދާޅުވީ އެރަށުގެ ރައްޔިތުންނަށް ކޮންމެ އަހަރަކު ވަމުން އަންނަ ވައުދުތައް ވެސް ފުއްދަމުން އަންނަ ކަމަށެވެ. އަދި ރަށު ކައުންސިލުގެ އެއްބާރުލުން ނުލިބޭކަން ވެސް ފާހަގަކުރެއްވި އެވެ.
ޖާބިރު ވިދާޅުވީ، މާލެ އާއި ގާފަރު ގުޅާލެވޭނަމަ އެކަން ވެސް ކުރަން ބޭނުންވާ ކަމަށާއި އެގޮތުން ކޭބަލް ކާށިދޫ ގުޅާލުމާއި އެއާޕޯޓު އެޅުމަކީ ބޮޑެތި ޕްރޮޖެކްޓްތައް ކަމުން ވަރަށް ވަގުތު ވެސް ނަގާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ޖާބިރު ވަނީ، އެދޭތެރޭގައި ކޭބަލް ކާރު އަޅައިގެން ދަތުރުކުރަން ފައިސާ ހުރީ ކާކުގެ އަތުގައިތޯ ވެސް ސުވާލު އުފައްދަވާފަ އެވެ. އަދި 30000 މީހުންގެ އާބާދީއާއެކު އެތަން އޮޕަރޭޓް ކުރަން ފަށާއިރު އެތަނުގައި ވިޔަފާރިތައް ވެސް އޮންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެ ވައުދު ރައްޔިތުންނަށްވީ ދިރާސާތައް ނުކޮށްތޯ ސުވާލުކުރުމުން ޖާބިރު ވަނީ ރައްޔިތުންނަށްވީ ވައުދަކީ އެތަން ސިޓީއަކަށް ބަދަލުކުރުން ކަމަށާއި އެކަމުގެ ތެރޭގައި ކޭބަލް ކާރު ވެސް ހިމެނޭއިރު ސިޓީ ނަހަދާ އެތަނުގައި ކޭބަލް ކާރު އޮޕަރޭޓް ނުކުރެވޭނެ ކަމަށެވެ.