ޕެރަގުއޭއަށް ވަގު ޕާސްޕޯޓެއްގައި އެތެރެވުމުގެ ކުށުގައި ރޮނާލްޑީނިއޯ ހައްޔަރުކުރީ މާރިޗު މަހުއެވެ. މާރިޗު މަހު ރޮނާލްޑީނިއޯ ހައްޔަރުކުރުމަށް ފަހު 32 ދުވަސްވަންދެން އޭނާ ހުރީ ޕެރަގުއޭގެ ޖަލެއްގައެވެ. ޖަލުގައި ހުރި މުއްދަތުގައި ރޮނާލްޑީނިއޯވަނީ ޖަލުގައި އޮތް ފުޓްބޯޅަ މުބާރާތެއްގައި ވާދަކޮށް އެ މުބާރާތް ކާމިޔާބުކޮށްފައެވެ. ޖަލުގައި ހޭދަކުރި މުއްދަތަށް ފަހު ދެން އޭނާ ބަދަލު ކުރީ ގޭ ބަންދަށެވެ. ގޭ ބަންދުގެ މުއްދަތު ރޮނާލްޑީނިއޯ ގުނަމުން އަންނަނީ ޕެރަގުއޭގެ ލަގްޒަރީ ހޮޓަލެއްގައެވެ. ޖަލުން، ގޭ ބަންދަށް ބަދަލުކުރީ ކަފާލާތުގެ ދަށުން އެކެއް ޕޮއިންޓް ތިނެއް މިލިއަން ޕައުންޑު ބެހެއްޓުމަށް ފަހުއެވެ.
ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރިވި ރޮނާލްޑީނިއޯގެ ސައްހަ ޕާސްޕޯޓް އޮންނަނީ ބްރެޒިލްގެ އިމިގްރޭޝަނުން ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ބްލޮކްކޮށްފަ އެވެ. އެއީ އޭނާއާއި ގުޅޭ ގޮތުން ބެލި މައްސަލައެއްގައި ދައްކަން ޖެހުނު ޖޫރިމަނާއެއް ނުދައްކާ އޮތުމުގެ ސަބަބުންނެވެ.
މިހާރު ކުޅުން ހުއްޓާލާފައިވާ ރޮނާލްޑީނިއޯ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާވަނީ ދެހާސް ދެވަނަ އަހަރު ފީފާ ވޯލްޑްކަޕް ބްރިޒިލުން ކާމިޔާބު ކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ރޮނާލްޑީނިއޯވަނީ ބާސެލޯނާއާއި އެކުއެ ކްލަބާ އެކު ސްޕެނިޝް ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގުވެސް ހޯދާފަ އެވެ.