ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ހަލީމް ވިދާޅުވީ ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށާއި ޔާމީން އާއި ދޭތެރޭ ހަމްދަރުދީ ވާން ޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރެއްވުމަށް ޕީޕީއެމް ޕީއެންސީ އަށް ގޮވާލައްވާ ކަމަށް ހަލީމް ވިދާޅުވި އެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ޕީޕީއެމްއާއި ގުޅުމުން ޔާމީން މިނިވަން ކުރުމަށް ކުރަމުން ގެންދިޔަ މަސައްކަތްތައް ވެސް ދެން ނުކުރާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.
މާވަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ސައީދުއަށް ފާޑު ވިދާޅުވަމުން ހަލީމް ވިދާޅުވީ ޑރ. ވަހީދުއާއި ޑރ. ޖަމީލް ޕީޕީއެމްއަށް ގެންނަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކުށްވެރި ކުރައްވާ ކަމަށާއި ރައީސް ޔާމީން މިނިވަން ނުކުރުމަށް ރާއްވަވާ ކަންތައްތައް ކުށްވެރި ކުރައްވާ ކަމަށް ހަލީމް ވިދާޅުވި އެވެ.
ކުރިމިނަލް ކޯޓުން އަހުމަދު އަދީބް މިނިވަން ކުރި ކުރުމަކީ ޔާމީން ދޫކޮށްލުމަށް ޕީޕީއެމް އަށް ފެންކަމަށް ވާނަމަ އެކަން އެގޮތަށް ވުމަށް އެދޭ ކަމަށާއި އެހެން ނަމަވެސް ޕީޕީއެމް ޕީއެންސީން އެތިބީ ޔާމީން މިނިވަން ނުކުރުމަށް ރަސްމީކޮށް ގަދައަޅާ ފައިނަގައިގެން ކަމަށް މެމްބަރު ހަލީމް ވިދާޅުވި އެވެ.
ޕީޕީއެމް ޕީއެންސީގެ ބައެއް ބޭފުޅުން މިހާރު އެތިއްބެވީ ވެރިކަމަށް ފައި ނަންގަވައިގެން ކަމަށާއި އެގޮތުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން އަކީވެސް ރިޔާސީ ކެންޑިޑޭޓެއް ކަމަށާއި، މީގެ އިތުރުން ޔާމީން މިނިވަން ނުކުރުމަށް މިބޭފުޅުން ކުރެއްވި އެންމެ ބޮޑު ކަމަކީ ޕީޕީއެމްއަށް ކުރީގެ ރައީސް ޑރ. ވަހީދާއި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ގެންނެވުން ކަމަށް ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ޔާމީން އަކީ އޭނާގެ އެކުވެރިއެއްކަމަށާއި އެހެންވީމާ ޔާމީން އަށްވެސް ރަނގަޅު ގޮތެއް މެދުވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ޕީޕީއެމް ޕީއެންސީން ވެސް ޔާމީން މިނިވަންކުރުމަށް ހަގީގަތުގައިވެސް މަސައްކަތް ކުރުމަށް އިލްތިމާށްކުރައްވާ ކަމަށް މެމްބަރު ހަލީމް ވިދާޅުވިއެވެ. އަދި މިބޭފުޅުން ރިޔާސީ ކެންޑީޑޭޓުކަން ބޭނުންވެގެން ކަނޑައެޅިގެން ޔާމީން މިނިވަން ނުކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާ ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށް ހަލީމް ވިދާޅުވިއެވެ.