ސީއެންއެމްއަށް މައުލޫމާތު ދެމުން އެޗްޕީއޭއިން ބުނީ ކޮވިޑް-19 އަށްް ޕޮޒިޓިވްވެފައިވާ ކޭސްތަކެއް ރެހެންދިި ސްކޫލުން ފެނިފައި ވާކަމަށެވެ. އެހެންނަމަވެސް ބަލި ޖެހިފައި ވަނީ ޓީޗަރަކަށްކަމެއް ނުވަތަ ދަރިވަރަކަށްކަމެއް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް ނަން ހާމަނުކުރުމަށް އެދި ސީއެންއެމްއަށް މައުލޫމާތު ދިން މީހަކު ބުނެފައިވަނީ ރެހެންދި ސްކޫލުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ދެ ދަރިވަރުންނާއި ޓީޗަރެއް ކަމަށެވެ. އަދި އެއީ ގްރޭޑް 9 އަދި 10 ގައި ތައުލީމު ހާސިލް ކުރަމުންދާ ދެ ދަރިވަރުން ކަމަށް ބުނި އެވެ. މި ދެ ދަރިވަރުންނާއި ޓީޗަރުވެސް ޕޮސިޓިވްވެފައިވަނީ ސުކޫލްއަށް ހާޒިރުވަމުން ދަނިކޮށް ކަމަށް އެމީހާ ބުންޏެވެ.
މީގެ ކުރިން ހުރަވީ ސްކޫލްގެ ސީނިޔާ މެނޭޖްމެންޓްގެ ބޭފުޅެއްވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައި ވާއިރު މި ކޭސްގައި ޕޮޒިޓިވްވެފައި ވަނީ އެސްކޫލްގެ ޕްރިންސިޕަލްއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 2831 މީހަކު ޕޮސިޓިވް ވެފައިވާއިރު، އޭގެތެރެއިން 2321 މީހަކުވަނީ ރަނގަޅުވެފައެވެ. އައިސޮލޭޝަން ފެސިލިޓީގައި މިހާރު ފަރުވާ ދެވެމުން ދަނީ 482 ފަރާތަކަށެވެ. އަދި ކަރަންޓީނު ފެސިލިޓީގައި ތިބީ 32 ފަރާތެއް ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. މިބަލީގައި މަރުވެފައި ވަނީ 14 މީހެކެވެ.