
އެމްއެމްޕީއާރުސީން ބުނާ ގޮތުގައި އެ ފެސްޓިވަލަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނާއި އެއް ޕްލެޓްފޯމަކުން ބައްދަލުކޮށް، އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިކަން ދައްކުވައިދިނުމަށް ކުރިއަށްގެންދެވުނު ހާއްސަ ވާޗުއަލް އިވެންޓެކެވެ.
މިދިޔަ ޖޫން މަހުގެ 22 އިން ޖުލައި 17 ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ފެސްޓިވަލުގައި މިއަދު ވަނީ ރާއްޖެއަށް ހާއްސަކޮށް އެއް ގަޑިއިރުގެ ލައިވް ސެޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ލައިވް އިވެންޓުގައި ވަނީ ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުރި ފުރުސަތުތަކުގެ ތެރެއިން ޔޯގާ އާއި ދިވެހި ރަހަތައް ދައްކާލާފަ އެވެ.
އެގޮތުން އެ އިވެންޓު ފެށިގެން ގޮސްފައިވަނީ ކޮކޯ ބޮޑުހިތީގެ ފަރާތުން ދައްކާލި އޯވާ ވޯޓާ ޔޯގާގެ ހަރަކާތަކުން ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.
ޕާޓާ އިން ކުރިއަށް ގެންދިޔަ އެ ލައިވް ފެސްޓިވަލްގައި ފަތުރުވެރިކަމާ ގުޅޭ ކަންކަން ދައްކުވައިދިނުމަށް ހާއްސަ ޑިޖިޓަލް ޝޯރޫމްއެއް ގާއިމް ކުރެވިފައިވާ ކަމަށާއި އެގޮތުން ރާއްޖޭގެ އެންމެ މަގްބޫލު ފަތުރުވެރިކަމުގެ ހަބަރުތަކާއި ހިތްގައިމު ވީޑިއޯތައް ވަނީ އެ ޝޯރޫމްގައި ދައްކާލާފައި ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެ އެވެ.
އެ އިވެންޓްގެ ބައިވެރިންގެ ޝައުގުވެރިކަން ދެމެހެއްޓުމަށް 26 ޖޫން ގައި ވަނީ ހާއްސަ ކުއިޒެއް ކުރިއަށް ގެންގޮސްފައި ކަމަށާއި އެ ކުއިޒްގައި ބައިވެރިވެ، އެންމެ މަތިން މާކްސް ލިބުނު ތިން ފަރާތަކަށް ވަނީ ހާއްސަ ހަދިޔާއެއް ދީފައި ކަމަށް ވެސް އެމްއެމްޕީއާރުސީން ވަނީ ބުނެފަ އެވެ.
އަދި އިއްޔެ ފަތުރުވެރިންނަށް ދިވެހިރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލެވިފައިވާއިރު، މި ޕްލެޓްފޯމްގެ ޒަރިއްޔާއިން ރާއްޖެ ގުދުރަތީ ރީތިކަމާއި މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ވަނީ އެންމެ ފުރިހަމަ ގޮތުގައި އިސްތިހާރުކުރެވިފައި ކަމަށާއި ރާއްޖެ އަލުން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ވެފައިވާ ތައްޔާރީތައް ވެސް ދައްކާލާފައިވާކަން ވެސް އެމްއެމްޕީއާރުސީން ފާހަގަކުރެ އެވެ.