އަބްދުﷲ ސައީދުގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ދަށުކޯޓުން ސާބިތުވެ ހައިކޯޓުން ބާތިލު ކޮށްފައިވާއިރު، އެ މައްސަލައިގައި ހައިކޯޓުން ވަނީ ސިއްރު ހެކިބަސް ނުނެގޭނެ ކަމަށް ކަނޑައަޅާފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނު މިހާރު އޮތް ގޮތުން ޖިނާއީ އެއްވެސް މައްސަލައެއްގައި ސިއްރު ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން އެ ހުކުމުގައި ކަނޑައަޅާފައިވާތީ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިވަނީ ހުކުމުގެ އެބަ އެވެ.
މިއަދު ސްޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑު އެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ މައްސަލާގައި އިތުރަށް ސާފުކުރަން ހުރި ކަންކަން ސާފު ކޮށްފައެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާއަށް އަމަލުކުރުމުގައި މައިގަނޑު ގޮތެއްގައި ދިމާވާ ދަތިތަކަކީ ކޮބައިތޯ ސުވާލު ކުރުމުން ޕީޖީގެ ވަކީލު ވިދާޅުވީ އެ ޤާނޫނުގެ 149 ވަނަ މާއްދާ މިހާރު އޮތްގޮތުން ހެކިބަސް ނެގުމުގައި ދައްޗެއް ނެތްކަމަށެވެ. އެހެން ނަމަވެސް ހައިކޯޓުން އެ މާއްދާ މާނަކުރި ގޮތުން ދަތިވާކަމަށް ވިދާޅުވި އެވެ.
ހައިކޯޓުން އެ މާއްދާ މާނަކޮށްފައިވާ ގޮތް ސާފުކޮށްދެމުން ޕީޖީގެ ވަކީލު ވިދާޅުވީ ހައިކޯޓުން ގަޒިއްޔާ ނިންމި އިރު ހެކިބަސް ނެގުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލަކީ މީގެކުރިން ހައިކޯޓުން ނިންމާފައި ހުރި މައްސަލަތަކާއި ޝަރުއީ އަދުލުގެ ނިޒާމުގައި ބަލައިގެންފައިހުރި އުސޫލުތަކާއި ހިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ.
މީގެ އިތުރުން މި މައްސަލައިގައި ޕީޖީގެ ވަކީލު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ބައެއް މާއްދާތައް ބާރުކެނޑޭގޮތަށް ކޯޓުތަކުން މާނަ ކުރުމާއި، ގާނޫނުގެ މަގުސަދު ހާސިލުނުވާނޭހެން ގާނޫނު މާނަކުރެވިދާނެ ކަމަށް ޕީޖީ އޮފީހަށް ނުފެންނަކަމަށެވެ.
ޕީޖީގެ ވަކީލު އިތުރަށް ވިދާޅުވީ ހެއްކާއި ބެހޭ ގާނޫނެއް ވުޖޫދަށް އައުމުން މި މައްސަލައަށް ހައްލެއް ލިބިގެންދާނެތީ ސިއްރު ހެކި ނެގުމުގެ މައްސަލައިގައި ވަގުތީ ހައްލެއް ހޯދައިދިނުމަށް އެދޭކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު މަހާޒް ވިދާޅުވީ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލެއްވީ ކަމަށެވެ. އަދި މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުންކަމަށްވެސް ވިދާޅުވި އެވެ.