ads
ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރިން-- ފޮޓޯ: ނަވާނަވައި
ބޮޑުފިނޮޅު މަސައްކަތްތެރިންނަށް މުސާރަ ދިނުމަށްއެދި އަމުރަކަށް އެދިއްޖެ
ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް ނުދީ ހުރި މުސާރަ ދިނުމަށް އަމުރެއް ނެރެދިނުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފިއެވެ.
Advertisement

އާރުއައިއެކްސް (ރިޒް) ކުންފުނީގެ މައްޗަށް އެއަމުރު ނެރެދިނުމަށް އެދި ހުށަހަޅަފައިވަނީ ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންއަންނަ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިންނެވެ.

ޕީއައިއެލްސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އެރަށުގައި ތިބި ބިދޭސީންގެ ތެރެއިން 19 މީހަކު ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައިވާތީ އެމީހުންނާވެސް ބައްދަލުކޮށްފައިވާ ކަމަށާ ހުރިހާ މަސައްކަތްތެރީންގެ ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ދީފައި ނުވާ ކަމަށެވެ.

އަދި އެމީހުންނަށް ހައްގުވާ މުސާރަ ހޯދައިދިނުމަށް ހުށަހަޅައި ދިނުމަށް އެދިފައިވާ ކަމަށްވެސް ޕީއައިއެލްސީން ބުނެއެވެ. މީގެ އިތުރުން ބޮޑުފިނޮޅުގައި މަސައްކަތްކުރަމުން ގެންދިޔަ ދިވެހި މަސައްކަތްތެރިންނަށްވެސް މުސާރަ ލިބިފައި ނުވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޕީއައިއެލްސީން ބުނެއެވެ. އެގޮތުން ބޮޑުފިނޮޅުގައި މަސައްކަތްކުރި ދެ ދިވެހި މަސައްކަތްތެރިއަކަށް މުސާރަ ލިބިފައި ނުވާތީ އެކަމުގައި އެހީތެރިކަން ފޯރު ކޮށްދިނުމަށްވެސް އެދިފައިވާ ކަމަށް ޕީއައިއެލްސީގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން ބޮޑުފިނޮޅުގައި މަސައްކަތްކުރި 198 ބިދޭސީންނާއި ދެ ދިވެހި މަސައްކަތްތެރިންނަށް ހައްގުވާ މުސާރަ ހޯދައިދިނުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށާ މިމައްސަލައާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީއަށް ސިޓީ ފޮނުވުމުން އަދިވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް ނޫސްބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ޕީއައިއެލްސީގެ ބަޔާނުގައި ބުނެފައިވަނީ މި މައްސަލައިގައި ލިބިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް، ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ގެންދިޔަ 200 މަސައްކަތްތެރިންގެ ފަރާތުން، ރިޒް ކުންފުންޏާއި އެ ކުންފުނީގެ ދެ ޑިރެކްޓަރުންގެ މައްޗަށް ރައްދުވާ ގޮތަށް، 15 ޖުލައި ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ ޖަމިއްޔާއިން މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ.

މިގޮތުން، މަސައްކަތްތެރިންނަށް ދީފައިނުވާ މުސާރަ އެކީ އެއްފަހަރާ ދިނުމުގެ އަމުރެއް ނެރެދިނުމަށް އެދިފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް އެމައްސަލަ ހުށަހެޅުމުގެ އިތުރުން އެމައްސަލަ ޝަރުއީ މަރުހަލާގެ ބޭރުން ހައްލުކުރެވޭތޯ ރިޒް ކުންފުންޏާ ބައްދަލުކޮށްފައި ވާކަމަށާ އެހެން ނަމަވެސް އެއްވެސް ހައްލެއް އެކަމުގައި ލިބިފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް