އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ 81 ވަނަ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ ތަގުރީރުގައި ބައިނަލްއަގުވާމީ ނިޒާމު އިސްލާހުކުރުމާއި ހަމަހަމަކަން ގާއިމުކުރުމުގެ މައްޗަށް ބާރުއަޅުއްވައި ވަކާލާތު ކުރެއްވި އެވެ.
މީގެ އިތުރުން، ބޮޑެތި ބާރުތަކުގެ މެދުގައި އޮންނަ ސަރަހައްދީ ވާދަވެރިކަމުގެ ސަބަބުން ކުދި ގައުމުތަކުގެ އިހުތިޔާރުތައް ހަނިވެގެން ނުވާނެކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
ގާޒާގައި އިޒްރޭލުން ހިންގާ ގަތުލުއާންމު ހުއްޓާލަންޖެހޭ ކަމަށް ތަކުރާރުކޮށް ހަރު އަޑުން ނައިބު ރައީސް ގޮވާލެއްވި އެވެ.
މީގެ އިތުރުން ފަލަސްތީނާއި އަރަބި އެހެން ބިންތަކަށް އިޒްރޭލުން ވެރިވެގަނެގެން ތިބި ތިބުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކުދި ގައުމުތަކުގެ ހައްގުގައި ވަކާލާތު ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، ނިންމުންތައް ނިންމާ މޭޒުދޮށުގައި ތިބެނީ ކޮން ބައެއްކަން އެއީ މުހިންމު ކަމެއް ކަމަށާއި، ކުދި ގައުމުތަކަކީ ހަމައެކަނި ނިންމުންތައް ބަލައިގަންނަ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ.
އެގޮތުން، ރާއްޖެއިން އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (2027-2029) އަދި ހިއުމަން ރައިޓްސް ކައުންސިލް (2028-2030) ގެ އިތުރުން، ސަލާމަތީ މަޖިލީހުގެ (2033-2034) ދައުރަށް ވާދަކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެ، އެކަމުގައި ހުރިހާ ގައުމުތަކެއްގެ އެއްބާރުލުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ.