ads
އިންޑިއާގައި ގިނަ ބަޔަކު އެއްވެފައި--
ހަ ލައްކައެއްހާ މީހުންގެ މަރު، ކޮވިޑްގެ ހާލާތު ގޯހުން ގޯހަށް!
ކޮވިޑް-19 ގައި މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު ހަލައްކައަށް އަރާ ބަލީގެ ހާލަތު އިތުރަށް ގޯސްވެއްޖެ އެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓިން ހާމަކޮށްފައިވާ ދުނިޔޭގެ ކޮވިޑް-19 ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު ހަލައްކައަށް އެރާފައިވާއިރު، ބަލި ޖެހިފައިވާ މީހުންގެ އަދަދު އުޅެނީ 14.2 މިލިއަންގަ އެވެ. އަދި މިބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 7.98 މިލިއަން ގައެވެ. ކޮވިޑް-19ގެ ހާލަތު ގޯސްވެ ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލީގައި މަރުވާމީހުންގެ އަދަދު ގިނަވަމުން ދަނީ ބަލި ފެތުރުން ހުއްޓުވައި، ކޮންޓުުރޯލް ކުރުމަށް އިތުރު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ގައުމުތަކަށް ގޮވާލާފައިވާ ދަޑިވަޅެއްގަ އެވެ.

ވައިރަސްގެ އަސަރު މީހުން ތޮއްޖެހިފައި ތިބޭ ތަންތަނުގައާއި، ބަންދުވެފައި ހުންނަ ތަންތަނުގެ ތެރޭގައާއި، ވައިގެ ތެރޭގައި އެތައް އިރެއްވަންދެން ހުންނަކަމަށް ޑޮކްޓަރުން ބުނާއިރު މިކަމުގެ ނުރައްކާ އިތުރަށް ބޮޑުވެ، ބަލި ޖެހޭ މީހުންގެ މިންވަރު މިދަނީ އިތުރުވަމުންނެވެ. އެގޮތުން ބަލީގެ ހާލަތު މިވަގުތު އެންމެ ގޯސްގައުމަކީ އެމެރިކާއެވެ. ދެވަނަށް ބުރެޒިލް އޮތްއިރު، ތިންވަނައަށް އޮތީ އިންޑިއާއެވެ. އަދި މިހާރު ހަތްލައްކައެއްހާ މީހުން ޕޮޒިޓިވްވެ ރަޝިއާވެސް ވަނީ ބަލީގެ ހާލަތު އެންމެ ގޯސްގައުމުތަކުގެ ލިސްޓުގެ ހަތަރު ވަނައިގަ އެވެ. އެގޮތުން މިބަލީގައި ރަޝިއާއިން 12،247 މީހަކު މަރުވެފައި ވާއިރު، ފަސް ލައްކައެއްހާ މީހުުން ބަލިން ރަނގަޅުވެފައިވެ އެެވެ.

އެމެރިކާއިން ތިން މިލިއަން މީހުނަށް ބަލި ޖެހިފައި ވާއިރު ރަނގަޅުވި މީހުންގެ އަދަދު އުޅެނީ އެއްމިލިއަންގަ އެެވެ. އަދި މިބަލީގައި މިހާތަނަށް ލައްކައެއްހާ މީހުން މަރުވެފައި ވެއެވެ. އެމެރިކާގެ ހެލްތު މިނިސްޓަރު އެލެކްސް އާޒަރުވަނީ، ބަލި ފެތުރުން ހުއްޓުވަން ހުރި ފުރުސަތުތައް ބަންދުވެ، ދޮރުތައްވެސް ބަންދުވަމުންދާ ކަމުގެ އިންޒާރު މީގެ ކުރިންވެސް ދެއްވާފައެވެ. އަދި ބަލި ފެތުރުން ހުއްޓުވަން ހަރުކަށި ނިންމުންތަކެއް ނިންމަންޖެހޭ ކަމަށް ވިދާޅުވެފައެެވެ. 

މީގެ އިތުރުން އެމެރިކާގެ ނިއުޔޯކްގެ ގަވަރްނަރު، އެންޑްރޫ ކޮއޯމޯ، ވަނީ އާންމުން މަގުމަތީގައި އުޅޭއިރު މާސްކްއަޅާން މަޖުބޫރުކުރުމަށް އަމުރެއް ނެރުއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލައްވާފައެވެ.

ދެވަނައަށް އޮތް ބުރެޒިލްގައި ހޮނިހިރު ދުވަހު އެކަނިވެސް 24 ގަޑިއިރު ތެރޭގައި އިތުރު، 28،532 މީހަކަށް ބަލި ޖެހިފައިވާއިރު 921 މީހުން މަރުވެ، މިހާރު ބުރިޒްލުން  ބަލިޖެހުނު މީހުންގެ އަދަދު މިވަނީ ދެމިލިއަނަށް އަރާފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ އެއްމިލިއަން ގައެވެ. އަދި މިހާތަނަށް ބަލީގައި 78،735 މީހުން އެ ގައުމުން މަރުވެފައިވެއެެވެ.

ތިންވަނައަށް އޮތް އިންޑިއާއަށް ބަލާލާއިރު ބަލީގައި މިހާތަނަށް 26،273 މީހަކު މަރުވެފައި ވާއިރު، ބަލިން ހަލައްކައެއްހާ މީހުން ސަލާމަތްވެފައިވެ އެވެ. އަދި މިހާރު އިންޑިއާއިން މިބަލިޖެހުނު މީހުންގެ އަދަދު ވަނީ މިލިއަނަކަށް އަރާފައެވެ. އިންޑިއާގެ ސިއްހީ ތަޖުރިބާކާރުން ވިދާޅުވަނީ، ސަރުކާރުން ހާމަކުރާ އަދަދުތަކުން އިންޑިއާގައި ބަލީގެ ހާލަތު ގޯސް މިންވަރު ސާފުނުވާ ކަމަށެވެ. އަދި އިންޑިއާގެ އެކި ހިސާބުތަކުން ބަލި ޖެހޭ މީހުންގެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ. އިންޑިއާގެ މުމްބާއީ އާއި، ވެރިރަށް ނިއުދިއްލީގެ ހާލަތުވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި ގިނަ ސަރަހައްދުތަކުގައި ވަނީ ލޮކޮޑައުން އިއުލާންކޮށް، ޒަރޫރީ ހިދުމަތްތައް ނޫން އެހެން ހުރިހާ ހިދުމަތްތަށް ދިނުންވެސް މަޑުޖައްސާލާފަ އެވެ. އެގޮތުން ޝޮޕިން މޯލްތަކާއި، ސިނަމާތަކުގެ އިތުރުން މީހުން ގިނައިން އެއްވާ ތަންތަން ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެެވެ.

ބަލި ފެތުރުން ހުއްޓުވަން ކުރަމުންދާ މަސައްކަތުގައި ބައެއް ގައުމުތަކުން ކުރިއެރުން ހޯދާފައިވީ ނަމަވެސް، ދުނިޔޭގައި ބަލި ފެތުރުން މަޑުނުޖެހި ބަލި ފެތުރޭ ސްޕީޑް ދަނީ އިތުރުވަމުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް