ads
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އަތޮޅުތަކުގެ ޓީމުތަކަށް ދިވެހި ލީގުން ފުރުސަތެއް ނުދެވޭނެ: އެފްއޭއެމް
މުޅި ރާއްޖެއަށް ދިވެހި ޕްރިމިއަ ލީގު ފުޅާ ކުރާނެ ކަމަށް ވައުދުވި ނަމަވެސް، ކުރިއަށް އޮތް ދިވެހި ލީގުން އަތޮޅުތަކަށް ނިސްބަތްވާ ޓީމުތަކަށް ފުރުސަތު ނުދޭން އެފްއޭމުން ނިންމައިފިއެވެ.
Advertisement

ކުރިއަށް އޮތް ސީޒަން ޑިސެމްބަރު މަހު ފަށަން ހަމަ ޖައްސާފައިވާއިރު، ކުރިއަށް އޮތް ދިވެހި ލީގުން އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ނުދޭން ނިންމީ އެފްއޭއެމްގެ އާ އެކްސްކޯއިންނެވެ. 

މި ނިމުނު ދެ ސީޒަންގައި އަތޮޅުތަކުގެ ޓީމުތައް ޕްރިމިއަ ލީގުގައި ވާދަކުރި އިރު، އެންމެ ފަހު ސީޒަންގައި ވާދަކުރި ނިލަންދޫ އަދި ފޯކައިދޫއަށް އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ އަދި އެކްސްކޯ މެންބަރު އައިމިނަތު ޝާނީޒްގެ ފިރިކަލުން ހުސެއިން ޖަވާޒު ފޮނުވި ސިޓީގައި ބުނެފައިވަނީ ކުރިއަށް އޮތް ސީޒަންގައި ދިވެހި ލީގަށް އެ ދެ ޓީމަށް ފުރުސަތު ނުދޭން އެފްއޭއެމްގެ އެކްސްކޯއިން ނިންމާފައިވާ ކަމަށެވެ.

ޖަވާޒު ސޮއިކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެންމެ ފަހުން ނިމުނު ހިންގާ ކޮމިޓީން ނިންމާފައިވަނީ ކުރިއަށް ފުޓްބޯޅަ ސީޒަނަށް ޕްރިމިއަ ލީގަށް އަތޮޅު ތެރެއަށް ދެވިފައިވާ ޖާގަ މި ވަގުތަށް މަޑު ޖައްސައިލުމަށް ކަމަށެވެ.  އަދި 2021/2020 ފުޓްބޯޅަ ސީޒަންގައި ވާދަކުރާނީ މާލެއަށް ނިސްބަތްވާ އަށް ޓީމު އެކަނި ކަމަށްވެސް ޖަވާޒުގެ ސިޓީގައި ބުނެފައިވެއެވެ.

ނިމުނު ސީޒަންގައި ދިވެހި ލީގުގައި ވާދަކުރި ނިލަންދޫ އަދި ފޯކައިދޫ ޓީމަށް ފުރުސަތު ނުދޭން އެފްއޭމުން ނިންމިއިރު، މިދިޔަ ރޯދަ މަހު އެފްއޭމުން ގެނައި ފޭސްބުކް ލައިވް ޕްރޮގްރާމެއްގައި ކުޅިވަރު ވަޒީރު މަހްލޫފުވަނީ ދިވެހި ލީގުގައި ފ. ނިލަންދޫ ޓީމުގެ މެޗުތައް ނިލަންދޫގައި ކުޅުމުގެ އިންތިޒާމްތައް ހަމަ ޖައްސާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.

މިސާލަކަށް ފ. ނިލަންދޫ ފަސްޓް ޑިވިޝަންގައި ކުޅޭ ކަމަށްވަންޏާ އެ މީހުންގެ މެޗުތައް އެ ރަށުގައި ކުޅެވޭނެ އިންތިޒާމް އަޅުގަނޑުމެން ހަމަ ޖައްސައިދޭނަން. ހުރިހާ މެޗެއް ނުކުޅެވުނަސް، މިސާލަކަށް ހަ މެޗު ކުޅެންޏާ އޭނގެން ދެ މެޗު ނުވަތަ ތިން މެޗު ރަށުގައި ކުޅެލެވުނަސް އެއީ ހަމަ ވަރަށް ބޮޑު ތަފާތަކަށް ވާނެ ދެއްތޯ އެ މީހުންގެ ސަޕޯޓަރުން ކުރިމަތީގައި.

އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ނުދޭން އެފްއޭމުން ނިންމިއިރު، އަތޮޅުތަކުން އައި ޓީމުތަކަށް ނިމުނު ސީޒަންގައި ދޭން އެފްއޭމުން ވައުދުވި މާލީ އެހީތެރިކަންވެސް ނުދޭކަމަށް ވެއެވެ. އަދި މި މާލީ އެހީތެރިކަން ނުދެވުމުގެ ސަބަބުން އަތޮޅުތަކުގެ ޓީމުތަކަށް ކުޅުނު ބައެއް ބިދޭސީ ކުޅުންތެރިން ތިބީ އަދިވެސް އެނބުރި ގައުމަށްވެސް ނުދެވިފައެވެ. އަދި މީގެ އިތުރުން އެންމެ ފަހުން ނިމުނު ދިވެހި ލީގުގެ ގަވާއިދާއި ޚިލާފަށް މުބާރާތުގެ ފަހު ބުރުން އެފްއޭއެމުންވަނީ ނިލަންދޫ ޓީމުވެސް ބޭރުކޮށްފައެވެ. 

އަތޮޅުތަކުގެ ޓީމުތަކަށް އަންނަ ސީޒަންގައި ފުރުސަތު ނުދޭން އެފްއޭއެމްގެ އާ އެކްސްކޯއިން ނިންމި އިރު، އާ އެކްސްކޯ އިންތިހާބުކުރުމުގައި އެފްއޭއެމްގެ އަސާސީ ގަވާއިދާ، ފީފާ އަދި އޭއެފްސީގެ މިންގަނޑުތަކާއި ހިލާފު އެތައް އަމަލުތަކެއް ކުރިމަތިވި މައްސަލަވަނީ ފެންމަތިވެފައެވެ. އަދި އެފްއޭއެމުން ސިއްރިއްޔާތުގައި ބޭއްވި އެ އިދާރާގެ ކޮންގްރެސް ބާއްވާފައިވަނީ ކުޅިވަރު ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ ހިލާފަށެވެ. އެކަން ފާހަގަ ކުރައްވަމުން ކުޅިވަރު މިނިސްޓަރު މަހްލޫފު ވިދާޅުވެފައިވަނީ ކުޅިވަރު ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަށް އެފްއޭއެމުން އަމަލު ކުރަން ނުޖެހޭނެ ކަމަށާއި އެ ގަވާއިދަކީ "މިސްޓޭކެއް" ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް