މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖިމަކާއި ރެެސްޓޯރަންޓެއް ހެދުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް މިއަދު އިއުލާންކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު ވަނީ މެމްބަރުންގެ ސިއްހީ ކަންކަން ހުންނަންވާނީ ވަރަށް ފިޓްކޮށް ކަމަށް މަޖިލީހުގެ ކްލަބުން ގަބޫލުކުރާ ކަމަށެވެ.
މަޖިލީހުގެ އާ އިމާރާތުގެ ޓެރަސްގައި ރެސްޓޯރެންޓަކާއި ޖިމެއް ހުޅުވަނީ މަޖިލީހުގެ ސޯޝަލް ކްލަބުގެ އިސްނެގުމުގެ މަތިންނެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
މަޖިލީހުގައި ރެސްޓޯރަންޓަކާއި ޖިމެއް ހުޅުވަން ނިންމިކަން އިއުލާންކުރައްވަމުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ރައީސް ނަޝީދު ވިދާޅުވީ، މެމްބަރުންނަށް އޮފީސް މަސައްކަތް ކުރެވޭނެ ގޮތަށް ކަންކަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި މެމްބަރުންނަށް މުވައްޒަފުން ނަގައިގެން އެ ތަންތަނުގައި މަސައްކަތްކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ކޮމިޓީތަކުގެ މުގައްރިރުންގެ ކޮޓަރިތައް ގާއިމުކޮށް ނިންމާފައިވާކަމަށާއި ރައްޔިތުންނާއި އެކު މަޝްވަރާ ކުރުމަށް އޮފީސްތަކާއި ރެސްޓޯރެންޓް ބޭނުންކުރެވޭނެކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.
މަޖިލީހުގައި ގާއިމުކުރާ ޖިމާއި ރެސްޓޯރަންޓަކީ އާންމުންނަށް ވެސް އެތަންތަނުގެ ހިދުމަތްދޭ ގޮތަށް ހުޅުވާލަން ނިންމާފައިވާ ތަނެކެވެ.