ads
މަގުމަތީގައި ބަޔަކު ހަރަކާތްތެރިވަނީ-- ފޮޓޯ: ސީއެންއެމް
ކޮވިޑް ކޭސްތައް 3000 އިން މަތިވެ، ބަލި ޖެހުނު ދިވެހިންގެ އަދަދު ބަންގްލަދޭޝް މީހުންނަށް ވުރެ އިތުރުވަނީ!
ރާއްޖެއިން ކޮވިޑް-19 ފެނުނުތާ މިއަދަށް 137 ދުވަސްވެފައިވާއިރު ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 3000 އިން މައްޗަށް އަރާފަ އެވެ. އެންމެ ފުރަތަމަ ރިސޯޓުތަކުން ބަލި ފެހުނު ދުވަސްވަރު، ކޮންމެ ދުވަހަކު މީހަކު ބައްޔަށް ޕޮޒިޓިވް ނުވި ނަމަވެސް މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު، ވެރިރަށް މާލެއިން މީހަކު ބައްޔަށް ޕޮޒިޓިވްވި ފަހުން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކަށް ދަނީ ބަލި ޖެހެމުންނެެވެ. ބަލި ޖެހުނު މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށް ކުރެވިފައި އޮތުމަށް ފަހު، މިދިޔަ ދެ ހަފުތާއެއްގެ ތެރޭގައި އަަނެއްކާ ވެސް އެ އަދަދު އިތުރުވެ ކަންބޮޑުވުން މިވަނީ އިތުރުވެފަ އެވެ.

މާލެ ސަރަހައްދު ފުލް ލޮކްޑައުނެއްގައި އޮތްއިރު އާންމުންގެ ފަރާތުން ފެނިގެންދިޔަ ކިޔަމަންތެރިކަމާއެކު ބަލި ޖެހޭ މީހުންގެ ނިސްބަތް ބޮޑު ތަނުން ދަށްވި އެވެ. އެއާއެކު ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތައް ދެމުން އައިސް މިއަދު މިދަނީ ތިން ވަނަ ފިޔަވަހީގެ ލުއިތައް ގުނަމުންނެވެ. އޮފީސްތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި ޖިމް އަދި ސެލޫންތަކުގެ އިތުރުން ސްކޫލުތައް ވެސް މިމަހުގެ އެއް ވަނަ ދުވަހު ހުޅުވާލާފައިވާއިރު ފެނިގެން މިދަނީ ކަންބޮޑުވުން އިތުރު މަންޒަރެކެވެ. 

ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވެގެންދާއިރު އެކަމުގައި ކަންބޮޑުވުން އިތުރުވެގެންދަނީ ބަލި ޖެހޭ ދިވެހިންގެ ނިސްބަތް ވެސް އިތުރުވެގެންދާތީ އެވެ. ކުރިން ކޮންމެ ދުވަހަކު އެތައް ބަންގްލަދޭޝް މީހަކަށް ކޮވިޑް ޖެހެމުން އައި ނަމަވެސް އެމީހުންގެ ނިސްބަތް ދަށްވެ، ބަލި ޖެހުން އިތުރުވެފައި ވަނީ ދިވެހިންނަށެވެ. މިހާރު ބަލި ޖެހިފައިވާ ދިވެހިންގެ ނިސްބަތް ބަންގްލަދޭޝް މީހުންނާއި އަރާ ހަމަކުރަނީ އެވެ. ރާއްޖެއިން ކޮވިޑް ޖެހުނު 3044 މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ 1,383 މީހަކު ހިމެނޭއިރު ދިވެހިންގެ އަދަދު އުޅެނީ 1,313 ގަ އެވެ. 

ފާއިތުވި ދެތިން ހަފުތާގެ ތެރޭގައި، ބަލި ޖެހުނު މީހުންގެ 90 އިންސައްތައަށް ވުރެ ބޮޑު ބައި ހިއްސާކުރީ ދިވެހިން ކަމުން، ޑޮކްޓަރުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ދިވެހިންނަށް ބަލި ޖެހުން އިތުރުވި ހިސާބުން ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުންގެ ނިސްބަތް އިތުރުވެގެންދިޔުމަކީ ބަލީގައި މީހުންގެ ފުރާނަ ގެއްލުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެއްގެ ގޮތުގައި މީގެ ކުރިން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގައި ހިމެނޭ ޑރ. އަލީ ލަތީފް ވިދާޅުވެފައިވެ އެވެ. 

ޑރ. އަލީ ލަތީފް ވިދާޅުވާ ގޮތުގައި މީގެ ކުރިން ބަންގްލަދޭޝްގެ ރައްޔިތުންނަށް ބަލި ޖެހުން ނަމަވެސް ކަންބޮޑުވުން ފާޅުކޮށްފައި ނުވާ ސަބަބަކީ އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ ޅަ އުމުރުގައި ވެސް ރަނގަޅު ސިއްހަތެއްގައި ތިބޭ ބަޔަކަށް ވުމެވެ. އެހެންނަމަވެސް ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ޅަ އުމުރުގައި ވެސް ކޮންމެވެސް ކަހަލަ ބައްޔެއް ތަހައްމަލުކުރާ ބައެއް ކަމަށް ވިދާޅުވެފައިވެ އެވެ. 

"އެކަމަކު ދިވެހިންގެ ތެރޭގައި ވެސް އެބަ ތިބި ފުދޭވަރަކަށް ޅަ އުމުރުގައި ވެސް ވަރަށް ގިނަ ބަލިތައް ހުންނަ މީހުން. ގާތްގަނޑަކަށް 40 އަހަރުގެ މީހުންގެ އެބަހުރޭ ޑައިބެޓީސް، އެބަ ހުރި ހިތުގެ ބަލި. އެހެންވެއްޖެކަމަށް ވަންޏާއި އަޅުގަނޑުމެންގެ ތެރެއިން ދިވެހިންގެ ތެރޭއިން ބަލި ފެތުރިގެންދަންޏާއި ޗާންސަސް މާބޮޑޭ ނުރައްކާތެރި ކަމެއް ދިމާވެގެން ނިޔާވުން،" ޑރ. އަލީ ވިދާޅުވި އެވެ.

ބަލީގެ ނުރައްކާތެރިކަން އިތުރުވަމުން އަންނައިރު ވެސް މަގުމަތިން ފެންނަ މަންޒަރުތަކުން އިތުރަށް ކަންބޮޑުވާކަން ޑޮކްޓަރުން ފާހަގަކުރެ އެވެ. އެގޮތުން ބިރެއް ނެތި، ކުރިއެކޭ އެއްގޮތަށް މީހުން ބޭރުގައި އުޅެމުން އަންނަ ކަމަށާއި ބައެއް މީހުން އިޖުތިމާއީ ގައިދުރުކަމުގެ އިތުރުން މާސްކް ވެސް ނާޅާކަން ފާހަގަކޮށް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.  އަދި މިހާރު ފެންނަ ވަރަށް ކޭސްތައް ފެނިގެން ހިފަހައްޓާލެވުން ނަމަވެސް މިއަށް ވުރެ އިތުރުވެއްޖެނަމަ އަލުން އަނބުރާ ލޮކްޑައުންއަކަށް ދާންޖެހޭނެ ކަމުގެ އިންތިޒާރު ވެސް ޑޮކްޓަރުންދީފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް