ads
ފޮޓޯ: ހެލްތު މިނިސްޓްރީ
ރާއްޖެއަށް ސިއްހީ ސާމާނު ޔުނިސެފް އިން ހަދިޔާ ކޮށްފި
ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއަށް ސިއްހީ ސާމާނު ޔުނިސެފުން މިއަދު ހަދިޔާ ކޮށްފިއެވެ.
Advertisement

ޔުނިސެފުން ބުނީ ރާއްޖެއަށް ޕީޕީއީ ކިޓުގެ އިތުރުން ސިއްހީ އެތައް ސާމާނު ފޮނުވާފައިވާ ކަމަށާއި ހެލްތް ވޯކަރުންނާއި ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ މީހުންގެ އަމިއްލަ ރައްކާތެރިކަމަށްޓަކާ އެ މީހުންނަށް ޕީޕީއީ ހަވާލުކުރެވެން ޖެހޭނެ ކަމަށެވެ.

ޔުނިސެފުން ބުނިގޮތުގައި ސަރުކާރަށް އެހީތެރިވުމުގެ ގޮތުން 6.9 މިލިއަން ރުފިޔާގެ ސިއްހީ ސާމާނު މިހާތަނަށް ވަނީ ހަދިޔާކޮށްފައެވެ. ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ސާޖިކަލް މާސްކާއި، އެން-95 މާސްކުގެ އިތުރުން ފޮގް-ރިސިސްޓަންޓް ފޭސް ޝީލްޑް ފޮނުވާފައިވާ ކަމަށް ޔުނިސެފުން ބުނެ އެވެ.

އެ ތަކެތީގެ އިތުރުން ރައްކާތެރިކަމުގެ ގޮގަލްސް، ސާޖިކަލް ގޯން އަދި ކްލިނިކަލް ތާމޮމީޓަރާއި ސެނިޓައިޒަރާއި އަތްދޮންނަ ސައިބޯނި ހަދިޔާ ކޮށްފައިވާއިރު އިންފެކްޝަން ކޮންޓްރޯލަށް ބޮޑީ ބޭގް ވެސް ޔުނިސެފް އިން ވަނީ ހަދިޔާ ކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޔުނިސެފްއިން ވަނީ ތަފާތު މަސައްކަތްތައް ކޮށްފައެވެ. ސްކޫލްތައް ރައްކާތެރިކަމާއި އެކު އަލުން ހުޅުވާލުމުގެ އިތުރުން ކުޑަކުދިންނަށާއި އަންހެނުންނަށް ސިއްހީ ހިދުމަތްތައް ހުޅުވާލުމަށް ޔުނިސެފް އިން އެހީތެރިވެފައި ވެއެވެ.

ނަފްސާނީ ދުޅަހެޔޮކަމާއި ސައިކޮސޯޝަލް ސަޕޯޓް ހިދުމަތްތަށް ވަރުގަދަކުރުމަށާއި ވަގުތީ ގޮތުން އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޓެކްނިކަލް އަދި މާލީ އެހީތެރިކަން ދިނުމަށް ވެސް އެ އިދާރާއިން ވަނީ އެހީތެރިވެފައެވެ.

ޔުނިސެފް އިން ވަނީ ގައުމީ ސޯޝަލް ވޯކަރުން އުފެއްދުމުގެ ގޮތުން ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މީހުން ހޭލުންތެރިކުރުމަށް މައުލޫމާތުވެސް ފޯރުކޮށްދީފައި ވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭރުގެ މާލީ އިދާރާތަކުންނާއި އެކު ގައުމުތަކުން ރާއްޖެއަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް 2.9 ބިލިއަން ރުފިޔާ (189.5 މިލިއަން ޑޮލަރު) ގެ އެހީ ލިބިފައިވާކަމަށް ސަރުކާރުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް