އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައިވާއިރު އެ ދައުވާތައް ކޮށްފައިވަނީ ޕީޖީ އޮފީހާއި އަދީބާއި ދެމެދު ހަދާފައިވާ އިއުތިރާފް އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށެވެ.
އެ ހަތް ދައުވާގެ އިބްތިދާއީ އަޑުއެހުމުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައިރު ކޯޓުން ވަނީ އެ މައްސަލަތައް ބަލައިނުގަތުމަށް ނިންމާފަ އެވެ.
އެ މައްސަލަތައް ދައުލަތުން އިސްތިއުނާފް ކުރުމުން މާދަމާ ހެނދުނު 11:00 އަށް ވަނީ މައްސަލަތަކުގެ ޝަރީއަތް ފަށަން ހަމަޖައްސާފަ އެވެ.
އެ މައްސަލައިގެ ޝަރީއަތް މާދަމާ ފަށާއިރު، އެ ހަތް ދައުވާ ބޭރުކޮށްލި ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް ބަލަން ފަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ގާޒީ 60 ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ހުށަހެޅި އެ މައްސަލަ ޖޭއެސްސީން ބަލަމުން އަންނައިރު ޕީޖީ ހުސެއިން ޝަމީމް ވަނީ އަދީބުގެ މައްޗަށް މިހާރުވެސް 150 އަށްވުރެ ގިނަ ދައުވާ އުފުލޭނެވަރަށް ހެކި އެބަހުރިކަމަށާއި އެ ދައުވާތައް އުފުލާ ސާބިތުވެއްޖެ ނަމަ 806 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ.