ads
ބީއެމްއެލް--- ފޮޓޯ:ސީއެންއެމް
ރިކަވަރީ ސްކީމްގެ ދަށުން ބީއެމްއެލް އިން 460.8 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
ކޮވިޑް-19 ގެ ސަބަބުން ރިސޯޓުތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް ސަރުކާރުގެ އިކޮނޮމިކް ޕެކޭޖްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކުރާ ލޯންތައް މިހާތަނަށް 322 މީހުންނަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކަ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ބީއެމްއެލް އިން ވަނީ މިހާތަނަށް 460.8 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފަ އެވެ. އަދި 60 މިލިއަން ޑޮލަރު މިހާތަނަށް ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަމަށް ތަފާސްހިސާބުތައް ދައްކައެވެ. 

މިހާތަނަށް 542 ފަރާތަކުން ލޯނަށް އެދި ހުށައަޅާފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ އިރު، އޭގެ ތެރެއިން 124 ފޯމު ރަނގަޅަށް ފުރިހަމަ ނުވާކަމަށް ފިނޭންސް އިން ބުނެ އެވެ. އަދި މިހާތަނަށް އެޕްރޫވް ކޮށްފައި ވަނީ 360 ފޯމެވެ. 

ލޯނަށް އެދި ހުށައަޅާފައިވާ ފޯމުތަކުގެ ތެރެއިން 14 ފޯމު ރިޖެކްޓުކޮށްލާފައި ވާއިރު، މިވަގުތު ޕްރޮސެސިން ގައި 44 ފޯމު އެބައޮތް ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ. 

އޭގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން އަސަރުކޮށްފައިވާ އަމިއްލަ މަސައްކަތްކުރާ މީހުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސިން ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކުރާ ލޯނުތައް މިހާތަނަށް 1,303 ފަރާތަކަށް ދޫކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކަ އެވެ. 

އެސްޑީއެފްސީ އިން ވަނީ ލޯނުގެ ގޮތުގައި 172 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. 

އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނަށް މިހާތަނަށް 2,855 ފަރާތަކުން ފޯމު ލާފައިވާ އިރު، އޭގެ ތެރެއިން އެޕްރޫވްކޮށްފައި ވަނީ 1,643 ފޯމެވެ. އަދި 401 ފޯމު ރިޖެކްޓު ކޮށްފައި ވާއިރު، 1,603 ފޯމު ވަނީ ސޭންކްޝަންކޮށްފަ އެވެ. 

މިހާތަނަށް ސަރުކާރުން ލޯނު ދޫކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ކުދި އަދި މެދުފަންތީގެ 928 ވިޔަފާރި އެވެ. އަދި އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން ލޯނު ލިބިފައިވަނީ 375 މީހުންނަށެވެ. 

އެގޮތުން އަމިއްލަ މަސައްކަތްކުރާ މީހުންނަށް މިހާތަނަށް 11.2 މިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު، ވިޔަފާރިތަކަށް ދޫކޮށްފައި ވަނީ 160.8 މިލިއަން ރުފިޔާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް