އޮޑިޓާ ޖެނެރަލް މިހެން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެއްބަސްވުމާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު އޮޑިޓް ރިޕޯޓެއްގަ އެވެ.
އެގޮތުން ހިދުމަތްތައް ފޯރުކޮށްދިނުމާ ހަވާލުވާ ފަރާތުން އެ ހިދުމަތްތައް ހުއްޓާލުމުން އެފަދަ ހިދުމަތް ހޯދާ އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި، އެހެން ކަމުން ރިސޯޓު، ހޮޓާ ފަދަ ތަންތަން ތަރައްގީކޮށް ހިންގުމަށް ދޫނުކުރުމަށް ރިޕޯޓް ގައި ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިގޮތަށް ދޫކުރެވޭ ރަށްތަކުގައި ހިދުމަތްތައް ދިނުން ކުންފުނިތަކުން ހުއްޓާލުމުން ދައުލަތަށް ވެސް ބޮޑެތި މާލީ ދަތިތަކާ ކުރިމަތިވާ ކަމަށް އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
ދީބާޖާ އާއި އެކު ރައީސް ނަޝީދުގެ ސަރުކާރުގައިވި އެއްބަސްވުން ރައީސް ޔާމީންގެ ސަރުކާރުގައި 2013 ވަނަ އަހަރު ބާތިލްކޮށްފައި ވަނީ އެބަސްވުމާ އެއްގޮތަށް އަމަލު ކުރަމުން ނުދާތީ އެވެ. އެ އެއްބަސްވުމުގެ ދަށުން ދީބާޖާ އަށް ވަނީ ރ. ކުޑަކުރަތު ދޫކޮށްފަ އެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން ދައުލަތުން 374 މިލިއަން ރުފިޔާ ދިނުމަށް ހުކުމްކުރި ނަމަވެސް މި ސަރުކާރުން ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، 174 މިލިއަން ރުފިޔާ ބަދަލެއްގެ ގޮތުގައި ދިނުމަށް ނިންމާފަ އެވެ.
ސިވިލް ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓާފައި ވާއިރު، ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށް ފަހު ސަރުކާރުން ވަނީ އަލުން ސްޕްރީމް ކޯޓުގެ ހުކުމް ރިވިއުކުރުމަށް ހުށަހަޅައިފަ އެވެ.
އެހެން ނަމަވެސް އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައި ވަނީ ދީބާޖާ އާއި އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފައި ވަނީ ދީބާޖާއިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރުމުން ކަމަށާއި އެހެން ކަމުން އެއްބަސްވުން ބާތިލް ކުރުމުގެ ބާރު ސަރުކާރަށް ލިބިގެންވާ ކަމަށެވެ. އޮޑިޓާ ޖެނެރަލް ވަނީ ބަދަލުގައި ފައިސާ ދީބާޖާއަށް ނުދިނުމަށް ރިޕޯޓްގައި އަންގާފަ އެވެ.