އެންވަޔަރަމަންޓް މިނިސްޓްރީއިން މިއަދު ނެރިފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން ފުވައްމުލަކުގެ ފަރިކެޑެ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ހަތަރުވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ކަމަށެވެ.
ވަކިން އޮންނަ އެއް ރަށް އަދި އެއް އަތޮޅުގައި ހިމެނޭ ފުވައްމުލަކުގެ އެ ސަރަހައްދު ބެލެހެއްޓުމުގައި އަމަލު ކުރާނީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓައި ތަންތަނާ ބެހޭ ގަވައިދުގައިވާ ގޮތުގެ މަތިން ކަމަށްވެސް އިއުލާންގައިވެ އެވެ.
ފަރިކެޑެ ސަރަހައްދަކީ އެކި ބާވަތްތަކުގެ މިޔަރު ސާފުވުމަށާއި ވިހެއުމަށް ޖަމާވެ އުޅޭ ސަރަހައްދަކަށް ވާއިރު މި ސަރަހައްދުން އާއްމުކޮށް ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި ކަނޑި މިޔަރާއި ފާނަ މިޔަރުގެ އިތުރުން އެންމަޑި އަދި ފެހުރިހި ފެންނަ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ދިރުންތަކަކީ ދުނިޔެއިން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތަކެއްކަމުން މިފަދަ ދިރުންތައް ސާފުކުރުމަށާއި، ވިހައި އާލާވުމަށް ބޭނުންކުރާ ސަރަހައްދު ހިމާޔަތްކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން އިތުރަށް ބުނީ އެމަޖެންސީ ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ހާލަތެއްގައި މެނުވީ ފުވައްމުލަކު ފަރިކެޑެ ސަރަހައްދަށް ނަގިލިލުމަކީ މަނާކަމެއް ކަމަށެވެ. އަދި އެ ސަރަހައްދުން ދޫނިސޫފާ ސޫފި ހިފުމާއި ނެގުމާއި، މެރުމަކީ މަނާކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އެސަރަހައްދަށް ކުނި އެޅުމާއި، ވެލި، މުރަކަ، އަކިރި ނެގުމަކީ ވެސް މަނާކަމެއް ކަމަށް ބުނެފައިވެ އެވެ.
ފުވައްމުލަކު ކައުންސިލް މެންބަރު ހަމަދު އަބްދުﷲ ސީއެންއެމްއަށް ވިދާޅުވީ އެ ސަރަހައްދަކީ ދުނިޔޭގެ އެހެން ސަރަހައްދުތަކުން ނުފެންނަ ކަނޑުގެ ދިރުންތައް ފެންނަ ސަރަހައްދެއް ކަމަށެވެ.
ފަރިކެޑެ ހިމާޔަތް ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެސަރަހައްދަކީ ފުވައްމުލަކު މީހުން މަސް ބޭނުމަށާއި ޑައިވިނަށްދާ ސަރަހައްދެއް ކަމަށްވާއިރު މިކަންކަން މިއަދުން ފެށިގެން މަނާވެގެން ދާނެއެވެ.