ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން އޮޑިޓަ ޖެނެރަލް ވިދާޅުވީ، ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް އެ ކޯޓުން ކޮށްފައި ވަނީ ދިބާޖާއިން ހުށައެޅި ލިޔުމަކަށް ރިއާޔަތްކޮށް ކަމަށް ކޯޓުން ބުނި ނަމަވެސް ބަދަލު ހޯދުމަށް ދީބާޖާއިން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހެޅި ދެ ގަނޑުގެ ލިޔުމުގައި އެއްވެސް އޮޑިޓަރަކު ސޮއިކޮށް، ސްޓޭމްޕް ޖަހާފައި ނުވާކަމަށެވެ.
އަދި ދިބާޖާއިން ދެ ބިލިއަން ރުފިޔާގެ ބަދަލަކަށް އެދިފައި އޮއްވާ ކޯޓުން އެ އަދަދު 348 މިލިޔަނަށް ކުޑަކުރި ގޮތްވެސް އޮޑިޓް އޮފީހަށް ސާފު ނޫންކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.
އޮޑިޓަ ޖެނެރަލް ވިދާޅުވީ އެއްވެސް އެސެސްމެންޓެއްގެ ވާނުވާ ނޭނގޭ ކަމަށާއި ޕްރޮޖެކްޝަންތައް ގެނެސްފައި ހުރިގޮތް ވެސް ނޭނގޭ ކަމަށެވެ. އަދި ހުށަހަޅާފައި އޮތް ލިޔުމުން ދައްކަނީ 47 އަހަރަށް ހަދާލީމާ ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ގެއްލިގެންދާ ކަަން ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.
ދިބާޖާ އާ އެކު ސަރުކާރުން ވި އެއްބަސްވުން 2013 ވަނަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހު އުވާލުމާ އެކު ހަމަ އެދުވަހު އެ ކުންފުނިން ދެ ސަފްހާގެ ސިޓީއެއް ފޮނުވާ 2.4 ބިލިއަން ރުފިޔާގެ ބަދަލެއް ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ.
އެ ސިޓީ އޮޑިޓަ ޖެނެރަލް ބައްލަވާލި ކަމަށާއި އެހެން ނަަމަވެސް އެ ސިޓީން ފެރީގެ ހިދުމަތްތައް ދިނުމަށް ހޭދަވި ހަރަދު އަދި އެ ހިދުމަތް ފޯރުކޮށް ދިނުމުން ލިބުނު އާމްދަނީގެ އަދަދު ވެސް ފެންނަށް ނެތް ކަމަށް އޮޑިޓަ ޖެނެރަލް ފާހަގަކުރެއްވި އެވެ. އެ ސިޓީގައި ހުރީ ދީބާޖާގެ ރިސޯޓު، ފެރީ ޓާމިނަލް އަދި ގެސްޓު ހައުސް ހިންގައިގެން 50 އަހަރު ދުވަހުގެ ތެރޭގައި ލިބޭނެ އާމްދަނީ އަންދާޒާކޮށްފައި ކަމަށް އޮޑިޓަ ޖެނެރަލް ފާހަގަކުރެއްވި އެވެ.
މާލިއްޔަތު ކޮމެޓީގައި މިއަދު އޮޑިޓަ ޖެނެރަލް ވިދާޅުވެފައިވަނީ ދީބާޖާއިން އެއްބަސްވުމާ އެއްގޮތަށް އިންވެސްޓްމެންޓެއް ކޮށްފަ ވާނަމަ އެ އިންވެސްޓްތަކުގެ ތަފްސީލު ހޯދަން އެދުނު ކަމަށާއި އެހެން ނަމަވެސް އެފަދަ ހަރަދުތަކުގެ އެއްވެސް ލިޔުމެއް މިހާރު ނެތް ކަމަށް ބުނެ އެއްވެސް ލިޔެކިއުމެއް ފޯރުކޮށްދީފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި މިހާ ދުވަސްވެގެން ދިޔައީމާ އެ ތަކެތި ނުބަލަހައްޓާކަމަށް ދީބާޖާއިން ބުނުމުން އޮޑިޓް އޮފީހުން އަމިއްލަ އަށް ބެލި ބެލުމުން ބިންތަކުގައި އެއްވެސް ހަރަދެއް ކޮށްފައިވާތަން ފެންނަަށް ނެތް ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.
ދިބާޖާ އަށް ސަރުކާރުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށާއި ދައުލަތުން އެއްވެސް ބަދަލެއް ދީބާޖާ އަށް ނުދިނުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާ ދެއްވާފަ އެވެ.
އެގޮތުން އެއްބަސްވުމުގެ ދަށުން ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެންމެ ފުރަތަމަ ވެސް ދިބާޖާ އިން އަމަލުކޮށްފައި ވަނީ އެއްބަސްވުމާއި ހިލާފަށް ކަމަށް އޮޑިޓަ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ. އަދި ދީބާޖާ އާ އެކު ވެފައިވާ އެއްބަސްވުމަކީ އާންމު ރައްޔިތުންނަށް ފެރީގެ ހިދުމަތް ފޯރުކޮށްދޭން ވެފައިވާ އެއްބަސްވުމެއް ކަމުން ފަސް ދުވަހަށް އެ ހިދުމަތް މެދުކެނޑިއްޖެ ނަމަ އެއްބަސްވުން ބާތިލް ކުރެވޭނެ ކަމަށް އެއްބަސްވުމުގައި ވާކަމަށް އޮޑިޓަ ޖެނެރަލް ފާހަގަކުރެއްވި އެވެ.
އެއްބަސްވުން ވަރަށް ސާފު ކަމަށާއި އެހެން ކަމުން ސަރުކާރުން އެ ކުންފުންޏަށް އެއްވެސް އެއްޗެއް ދޭން ނުޖެހޭނެކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން ދައުލަތުން 374 މިލިއަން ރުފިޔާ ދިނުމަށް ހުކުމްކުރި ނަމަވެސް މި ސަރުކާރުން ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، 174 މިލިއަން ރުފިޔާ ބަދަލެއްގެ ގޮތުގައި ދިނުމަށް ނިންމާފަ އެވެ.
ސިވިލް ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓާފައި ވާއިރު، ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށް ފަހު ސަރުކާރުން ވަނީ އަލުން ސްޕްރީމް ކޯޓުގެ ހުކުމް ރިވިއުކުރުމަށް ހުށަހަޅައިފަ އެވެ.