އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ހަވާލުކުރި ދީބާޖާ ކުންފުނީގެ އެއްބަސްވުން ބާތިލުކުރުމުން ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުއެވެ.
ދީބާޖާ މައްސަލާގައި ހައްލެއް ހޯދުމަށް ސެޓްލްމަންޓް ކޮމެޓީ އެއް ހަދާ ދީބާޖާ ކުންފުންޏާއިއެކު ސަރުކާރުން ކުރި މަޝްވަރާތަކަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ އެކުންފުންޏަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ. މިއާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެގެން ދިޔައެވެ.
ދީބާޖާއަށް ބަދަލު ދިނުމާއި ގުޅޭ މައްސަލާގައި އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ދީބާޖާއާއި އެކު އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ސަރުކާރުން ހެދި އެއްބަސްވުން ޓްރާންސްޕޯޓް މިނިސްޓްރީން 2013 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހު ބާތިލް ކޮށްފައިވަނީ ދީބާޖާއާއި އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ހިދުމަތް ނުދޭތީ ކަމަށެވެ.
އެ ތުހުމަތުތައް ދޮގުކޮށް ދީބާޖާ އިން ނެރުނު ބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުގެ ހުކުމް ދައުލަތުގެ ފަރާތުން ރިވިއުކުރުމަށް ހުށައަޅާފައިވާއިރު، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރުމަތާއި ކަރާމާތް ނަގާލައި، ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށައެޅިފައިވާ ރިވިއު މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޮޑިޓާ ޖެނަރަލް ހިންގާފައިވާ ނާތަހުޒީބު ހަޑިމުޑުދާރު އަމަލެއް ކަމަށެވެ.
އެ ރިޕޯޓަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަޑު ކަޑުވާލާއި، އެއްވެސް ބުރަދަނެއް ނެތް ރިޕޯޓެއްކަން ފާހަގަކޮށް ބަޔާނުގައި ބުނީ އޮޑިޓާ ޖެނަރަލް ވަކިފަރާތަކަށް ނުޖެހި މިނިވަންކަމާއެކު މަސައްކަތް ނުކުރާ ކަމަށް ބުނެ އިސްތިއުފާއަށް ވެސް ގޮވާލާފަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ޓުއަރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ކުޑަކުރަތު ދޫކޮށްފައިވަނީ ހިދުމަތަށް ސަބްސިޑައިޒް ކުރުމުގެ ގޮތުން ކަމަށާއި އެރަށް ދީފައިވަނީ ދީބާޖާއާއި އެކު ވެފައިވާ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ވި އެއްބަސްވުން އުވާލުމުން އެ ރަށް އަނބުރާ ސަރުކާރަށް ލިބޭ ގޮތަށް ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައި ވެއެވެ.
އެޓާނީ ޖެނެރަލްގެ ރިޕޯޓުގައި ވަނީ އެއެއްބަސްވުން އުވާލާއިރު ރ.ކުޑަކުރަތު އެހެން ބަޔަކަށް ސަބްލީސް ކޮށްފައިވާ ނަމަ އެބަޔަކާއި އެކު ސަރުކާރަށް އަލުން އެއްބަސްވުން ހަދައިގެން ކުރިއަށް ދެވޭ ގޮތަށް ކަމަށެވެ. އަދި ދަތުރުފަތުރުގެ އެއްބަސްވުމުގައިވާ ގޮތަށް މިހާރު އެރަށް ވަނީ ސަބްލީސް ކުރި ފަރާތަށް ހެޑް ލީސް ބަދަލު ކުރެވިފައި ކަމަށް ވާތީ ދީބާޖާ އިން ހޯދުމަށް ހުށަހަޅާފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ނުވަތަ މާލީ ބަދަލެއް ނުދިނުމަށެވެ.