އައްސަދު ވިދާޅުވީ މައްސަލަ ބެލުމުގައި އެންމެ ފުރަތަމަ ކަމަކަށް ބެލި އެއް ކަމަކީ ރަށްތަކާއި ފަޅުތައް ދޫކޮށްފައި ވަނީ ގާނޫނީ އިމުގެ ތެރެއިންތޯ ކަމަށެވެ.
އެގޮތުން ބެލި ބެލުމުން، 37 ރަށާއި 12 ފަޅު ދޫކޮށްފައި ވަނީ ގާނޫނީ އިމުގެ ތެރެއިން ނޫން ކަމަށާއި މިއީ ކޮމިޝަނުން މިހާތަނަށް ބެލި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑުވި އެއް މައްސަލަކަމަށް އައްސަދު ވިދާޅުވި އެވެ.
އެގޮތުން އެ މައްސަލައިގައި 49 ރަށުގެ މައްސަލަ ވަކި ވަކިން ބެލި ކަމަށާއި އެކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށް އައްސަދު ފާހަގަކުރެއްވި އެވެ.
އައްސަދު އިތުރަށް ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން އެއްކުރެވުނު ލިޔެކިޔުން ތަކުން މި ރަށްތަށް ދޫކުރެވިފައި ހުރި ގޮތާމެދު ކޮމިޝަނުން ސުވާލު އުފައްދާ ކަމަށެވެ. އެ ކޮމިޝަނަކީ ގާނޫނީ މާހިރެއް ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާ ކޮސްފައިވާނީ ކޮމިޝަނުގެ ހޯދުންތައް ކަަމަށް އައްސަދު ފާހަގަކުރެއްވި އެވެ.
އައްސަދު ވިދާޅުވީ ރަށްތައް ވިއްކުމުގައި ބޭނުންކޮށްފައި ވަނީ އިސްތިސްނާ ހާލަތު ކަމަށެވެ. އެގޮތުން ސަރުކާރުން، ސަރުކާރުގެ ކުންފުންޏަކާއި އެކު ޖޮއިންޓް ވެންޗާ އެއް ހެދުމަށް ފަހު އެމްއެމްޕީއާރްސީ އަށް ރަށް ދީފައި ވާކަމަށެވެ. އަދި ހަމަ އެ ދުވަހު އެ މޭޒުގެ މަތިން އެރަށް އެހެން މީހަކަށް ބަދަލުކޮށްގަފައި ވާކަމަށް އައްސަދު ވިދާޅުވި އެވެ.
މިއީ ގާނުނުގަ އޮތް ކަމެއް ފޮރުވަން ނުވަތަ ގާނޫނު ވަށާލާފައި ގޮސް ކޮށްފައިވާ ކަންތައް ކަމުގައި ބުނަނީ މިކަންތައް މިގޮތަށް ކޮށްފައިވުމުން ކަމަށް އައްސަދު ފާހަގަކުރައްވަ އެވެ.
އައްސަދު ވަނީ ރަށްތައް އަގު މަގުކުރާނެ އުސޫލެއް އޮތް ނަމަވެސް ފަޅުތައް އަގު މަގުކުރާނެ އުސޫލެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. ރަށްތަކުގެ އަގުތަށް ބެލުމުން ދައުލަތަށް ނުލިބެގެން މިއުޅެނީ 77 މިލިއަން ޑޮލަރު ނޫންކަމަށާއި210 މިލިއަން ޑޮލަރު ނުވަތަ 3.4 ބިލިއަން ރުފިޔާ ކަމަށް އައްސަދު ވިދާޅުވި އެވެ. އަދި ދައުލަތަށް ފަޅުތައް ހިމަނައިގެން ލިބެން ޖެހޭ ފައިސާގެ އަދަދު ކަނޑައަޅާނަމަ، އެ އަދަދު ހަތަރު ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރައިގެންދާނެ ކަމަށާއި އަދި ލިބިފައި ވަނީ 1.1 މިލިއަން ރުފިޔާ ކަމަށް އައްސަދު ވިދާޅުވި އެވެ.