އައްސަދު ވަނީ ކޮމިޝަނާމެދު ޝައްކުކުރެވޭ ނަމަ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ކޯޓަށް ފޮނުވޭ ފަސް ކޭސް އަށް ބެލުމަށް ފަހު ކޮމިޝަނުން ވަކި ފަރާތަކަށް ބުރަވެގެން މަސައްކަތް ކުރޭތޮ ނުވަތަ ނޫންތޯ ނިންމެވުމަށް ވިދާޅުވެފަ އެވެ.
ކޯޓަށް ފޮނުވޭ ފަސް ކޭހުން، ކޮމިޝަނުން މަސައްކަތްކުރަނީ ވަކި ފަރާތެއް ބެލުމެއް ނެތިކަން ސާފުވެގެން ދާނެ ކަމަށް ވެސް އައްސަދު ވިދާޅުވި އެވެ.
އައްސަދު ވިދާޅުވީ، ކޮމިޝަނުން ކުރާ ތަހުގީގުތައް ފައިސާ އަރާފައިވާކަމާށް ޝައްކު ކުރެވޭ މީހާ އާއި ހިސާބުން ދޫކޮށް ނުލާ ކަމަށާއި ކޮމިޝަނުގެ ތަހުގީގު ގެންދަނީ ވަރަށް ފުޅާކޮށް ކަމަށެވެ.
އެގޮތުން، ޝައްކު ކުރެވޭ މީހާގެ އާއިލާ އާއި އޭނާ އާއި ގުޅުންހުރި ވިޔަފާރިތަށް ވެސް ބަލަމުން ގެންދާ ކަމަށާއި، ޝައްކު ކުރެވޭ މީހުންގެ އަދަދުވެސް އިތުރުވެގެން މިދަނީ މިގޮތަށް ބަލަމުން ގެންދާތީ ކަމަށް އައްސަދު ވިދާޅުވި އެވެ.
އޭގެ އިތުރުން ކޮމިޝަނުން ބަލަނީ ޝައްކުވާ ފަރާތްތަކަށް ފައިސާ ގޮސްފައިވޭތޯ އެކަނި ނޫން ކަމަށާއި އެ ދުވަސް ވަރުގައި ނުވަތަ އެއާ ނާދުރުނޫން މުސްތަގުބަލެއްގައި މުދާތަކެއް ހޯދާފައިވާނަމަ އެކަންތައް ވެސް ކޮމިޝަނުން ބަލާކަމަށް އައްސަދު ވިދާޅުވި އެވެ. އަދި ވިޔަފާރިއެއް ކުރާނަމަ ވިޔަފާރި ކުއްލި ގޮތަކަށް ފުޅާވެގެން ގޮސްފައިވޭތޯ ވެސް ބަލާ ކަމަށް އައްސަދު ވިދާޅުވި އެވެ.
ހަމަ އެއާއި އެކު އެމީހެއްގެ ލައިފްސްޓައިލަށް ވެސް ބަދަލު އައިސްފާވޭތޯވެސް ކޮމިޝަނުން ބަލާ ކަމަށް އައްސަދު ވިދާޅުވި އެވެ.
އައްސަދު ވިދާޅުވީ މިހުރިހާ ކަމެއް ބެލުމަށް ފަހު، އެކަންތައްތައް ސާބިތު ކޮށްދޭން ވެސް ޖެހޭ ކަމަށެވެ. އެގޮތުން ބައެއް ހާލަތްތަކުގައި މައުލޫމާތު ލިބޭ ކަމަށާއި އެހެން ނަމަވެސް މައުލޫމާތަކީ ހަކި ނޫން ކަމަށް އައްސަދު ވިދާޅުވި އެވެ. އެހެން ކަމުން އެ މައުލޫމާތު ކޯޓުގައި ސާބިތުކޮށްދެވޭ ވަރަށް ހެކި ހޯދަން ޖެހޭ ކަމަށް އައްސަދު ފާހަގަކުރެއްވި އެވެ.
މި މައްސަލައާއި ގުޅިގެން ތުހުމަތު ކުރާނަމަ އެ މީހަކަށް ލިބިފައިވާ ފައިސާ އަކީ އެ މައްސަލައިގެ ފައިސާ ކަންވެސް ސާބިތުކޮށްދޭން ޖެހޭ ކަމަށް އަސައްދު ފާހަގަކުރެއްވި އެވެ. އަދި ފައިސާ ލިބުނު މީހުން، ފައިސާ ލިބުމުން ބަދަލުގައި ކޮށްދީފައިވަނީ ކޮންކަމެއްތޯ ބަލަން ޖެހޭ ކަމަށް ވެސް އައްސަދު ވިދާޅުވި އެވެ.
އައްސަދު ވިދާޅުވީ މިގޮތަށް މަސައްކަތްކުރާ އިރު، 300 ކޭސް އެކުއެކީ ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެވަރަށް އިންވެސްޓިގޭޓަރުންވެސް ނެތް ކަމަށެވެ.
އައްސަދު ވަނި މި މައްސަލަތައް ބެލުން އަވަސްކުރަން ބޭނުންވާކަން އިނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް މައްސަލަ ރަނގަޅަށް ނުބަލާ ނުވަތަ މައްސަލައިގެ ބައިކުޅަބައި ނިންމާލުމަށް ފަހު ކޯޓަށް ފޮނުވުމުން ތުހުމަތު ކުރެވޭ މީހާ ކުށުން ބަރީއަ ކުރުމަށް އެހީތެރިވެދެވޭ ކަމަށެވެ. މީގެ ކުރިން ވެސް މިގޮތަށް ކަންކުރެވިފައި އެބަހުރި ކަމަށާއި އެހެން ނަމަވެސް ކޮމިޝަނުގެ މަސައްކަތް ރަނގަޅަށް ފުރިހަމަ ނުކޮށް ޕްރޮސެކިއުޝަން އަށް ނުފޮނުވާނެ ކަމަށްވެސް އައްސަދު ވިދާޅުވި އެވެ.
އެ ކޮމިޝަން އުފައްދާ މަސައްކަތް ހަވާލުކޮށްފައި ވަނީ މައްސަލައިގެ ތެދު ދޮގު ރަނގަޅަށް ބެލުމަށް ކަމަށާއި އެގޮތަށް އެކަން ކުރުމަށް ވަގުތުނަގައި ލަސްވާތީ އައްސަދު ވަނީ މައާފަށް ވެސް އެދިފަ އެވެ. އެހެން ނަމަވެސް އެނޫން ގޮތަކަށް މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް އައްސަދު ވިދާޅުވި އެވެ.
އައްސަދު ވަނީ މިގޮތަށް ކޮމިޝަނުގެ މަސައްކަތްތައް ގެންދިއުމުން ލަސްވި ނަމަވެސް ނަތީޖާ ރަނގަޅު ވާނެ ކަމަށް ޔަގީންކަން ދެއްވާފަ އެވެ.