ads
މަބްރޫކް އަޒީޒް--
މަބްރޫކް ޓީވީން ގެއްލުމުން އިރުޝާދުތަކުގެ މަތިން ދިވެހިން ހަނދާންނެތިއްޖެ!
"މިހާތަނަށް އެއްވެސް ބޭހެއް އަދި ވެކްސިނެއް ހޯދިފައިނެތް މިބަލިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ބޭރުތެރެއަށް ނުނިކުންނަވާ ގޭގައި މަޑުކުރެއްވުން." މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކޮވިޑް19 އާއި ގުޅިގެން ޓީވީ މެދުވެރިކުރައްވާ ރައްޔިތުންނަށް އޭޕްރިލް 15 ވަނަ ދުވަހު ދެއްވި ހިތާބުގައި ވިދާޅުވި ވާހަކައެކެވެ.
Advertisement

ރައީސްގެ މިވާހަކަފުޅަށް ފަހު މުޅި މާލެ ފުލް ލޮކްޑައުނަކަށް ގޮސް ގާތްގަނޑަކަށް ދެ މަސްދުވަސް ހޭދަކުރިއެވެ. އިގުތިސާދީ ގޮތުން ސަރުކާރަށާއި، ރައްޔިތުންނަށް ގެއްލުންތަކަކާ ކުރިމަތިލާންޖެހުނު މި ލޮކްޑައުނަށް ދާންޖެހުނީ ރައްޔިތުންގެ ރައްކާތެރިކަމަށް ވިސްނާ އެނޫން ފިޔަވަޅެއް އެޅުން ނޫންގޮތެއް ނެތީތީ އެވެ. އެހެން ނަމަވެސް ވެކްސިނެއް ލިބޭނޭ ކަމުގެ އުންމީދުގައި ފުލް ލޮކްޑައުންގައި އަބަދު ނުބޭއްވޭނެ ކަމީ މިކަމުން އާއްމު ރައްޔިތު މީހާއަށް ވެސް ދަަސްވި ފިލާވަޅެވެ. 

މި ލޮކްޑައުނުން ދަސްވި އެހެން ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ ގައިދުރު ކުރުމާއި އެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުން ދިވެހިންގެ މެދުގައި ބަލި ފެތުރުނު މިންވަރު ދެ މަސްދުވަހުގެތެރޭގައި އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލް ކުރެވުނު ކަމެވެ. ދުވާލެއްގެ މައްޗަށް ބައްޔަށް ޕޮޒިޓިވްވަމުން އައި މިންވަރު ދަށްކުރެވުނު ކަމެވެ. 

your imageފޮޓޯ: ޑަބްލިއުއެޗްއޯ މޯލްޑިވްސް

އެހެން ނަމަވެސް ލޮކްޑައުނަށް ލުއި ދިނުމުން އެމަންޒަރު ބަދަލުވީ އެވެ. ފާއިތުވި ދެ ހަފްތާތެރޭގައި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު އަންނަނީ އިންތިހާ އިތުރު ވަމުންނެވެ. މިހެން މިދިމާވީ ލޮކްޑައުނަށް ލުއި ދިން ހަގީގީ ސަބަބު ހަނދާން ނައްތާލީތީ އެވެ. ބަލީގެ ސީރިޔަސްކަން ހަނދާން ނައްތާލާ، އޭޕްރީލް 15 ވަނަ ދުވަހު ކަރުނަ އަޅާ ރައީސުލްޖުމްހުރިއްޔާ ދެއްކެވި ވާހަކަ ހަނދާން ނައްތާލީތީ އެވެ.

އެއްވެސް ހާލެއްގައި ލޮކްޑައުނަށް ލުއި ދިނީ ރައްޓެހިންނާއި އެކު ކަންމަތީ ކޮފީ ޝޮޕްގައި ބޭނުމެއް ނެތި ވަގުތުތައް ހޭދަކުރުމަކަށް ނޫނެވެ. ނުވަތަ ޕާޓީތައް ބާއްވާ އެންމެން އެއްތަނަކަށް ޖަމާވެ ކަންކަން ކުރުމަކަށް ވެސް ނޫނެވެ. އެހެން ނަމަވެސް ލޮކްޑައުނަށް ދިން ލުއިތަކާއި އެކު މިހުރިހާ ކަމެއްގެ މަތިން ވެސް ދިވެހިން ހަނދާންނެތިއްޖެ ކަހަލަ އެވެ. މަބްރޫކް ޓީވީން ގެއްލުމުން ދެމުންދިޔަ އިރުޝާދުތަކުގެ މަތިން ހަނދާން ނައްތާލައިފި ކަހަލަ އެވެ. 

ބޭރުގައި އުޅޭއިރު މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަމުގެ މަތިން ހަނދާންނެތުނީ އެވެ. މިކަމުން އަރައިގަނެވެން އޮތީ ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރެވޭ މަސައްކަތުންކަން ހަނދާންނެތުނީ އެވެ. މިކަމުން ރައްކާތެރިވެވެން އޮތް ހަމައެކަނި ގޮތަކީ ބޭނުމެއް ނެތި ބޭރުގައި އުޅޭއުޅުން މަދުކުރުން ކަން ހަނދާން ނެތުނީ އެވެ. ތިމާގެ ސަބަބުން ގޭގައި ދެންތިބޭ މީހުން ނުރައްކަލަށް ވެއްޓިގެންދާކަން ހަނދާން ނެތުނީ އެވެ. ތިމާގެ ކިބައިން ނޭންގި ނަމަވެސް އެތައް ބަޔަކަށް ބަލި ފެތުރޭނެކަން ހަނދާން ނެތުނީ އެވެ. 

ދިވެހިން ހަނދާން ހުންނަނީ ވިދިވިދިގެން ދެ ހުކުރުއޭ ބުނާބުނުމާ މާބޮޑު ތަފާތެއް ނެތެވެ. މަބްރޫކް ޓީވީން ގެއްލުމުން ބަލީގެ ނުރައްކާތެރިކަމުގެ މަތިންވެސް ހަނދާން ނައްތާލީ އެވެ. އިރުޝާދުތަކުގެ މަތިންވެސް ހަނދާން ނައްތާލީ އެވެ. ނަމަވެސް މިއީ ބޭހެއް އަދި ވެކްސިނެއް އަދި ފަރުވާއެއް ހޯދިފައިނުވާ ބައްޔާ މެދު ފަރުވާ ކުޑަ ކުރަން ޖެހޭ ސަބަބެއް ނޫނެވެ. ފަރުވާ ކުޑަ ކުރެވިއްޖެ ނަމަ ތިމާގެ ސަބަބުން ދުވަސްވީ މަންމަ އާއި ބައްޕައަށް މި ނުރައްކާތެރި ކޮވިޑް ޖެހުމުގެ ފުރުސަތު އޮތްކަން ހަނދާން ނައްތާނުލާށެވެ. ތިމާގެ ސަބަބުން މަންމަ އާއި ބައްޕަ އަށް މި ބަލި ޖެހި ދެރަގޮތެއް ދިމާ ވެއްޖެ ނަމަ ލިބޭ ހިތާމަ އާއި ކެކުޅުން އަދި މާ ބޮޑުވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް