
ކާންޔޭގެ ބައިޕޯލާ ޑިސްއޯޑަރު ހުންނަކަމަށް ބުނެ މި ވާހަކަތައް ކިމް ވަނީ އިންސްޓަގްރާމްގައި ދައްކާފައެވެ. މި ޑިސްއޯޑަރު ހުންނަ ފަރާތްތަކަށާއި ޑިސްއޯޑަރު ޖެހިފައިވާ މީހުން ދަންނަ ފަރާތްތަކަށް އޭގެ ވޭނާއި ތަކުލީފު އިނގިފައި، ކިޔައިދޭން އުނދަގޫ ވާނެ ކަން ދަންނާނެ ކަމަށްވެސް ކިމް ވަނީ ބުނެފައެވެ.
ކާންޔޭގެ ވިސްނުން ތޫނު ނަމަވެސް ބައެއް ފަހަރު ހިތުގައި އޮންނަ އެއްޗަކާއި ބުނާ އެއްޗަކާއި ދިމާނުވާ ކަމަށް ކިމް ބުނެއެވެ. ކާންޔޭގެ ނަފްސާނީ ސިއްހަތާއި ބެހޭގޮތުން ކުރިން ވާހަކަ ދައްކާފައި ނުވަނީ ކާންޔޭގެ ސިއްހަތާއި ގުޅުން ހުރި ކަންކަމުގައި އޭނާގެ ޒާތީ ކަންކަން ރައްކާތެރިކުރުމަށް ކަމަށް ވެސް ކިމް ބުނެއެވެ.
ނަމަވެސް މިއަދު އެވާހަކަތައް ދައްކަން ނިންމާފައި ވަނީ ނަފްސާނީ ސިއްހަތާއި ޝައްކުތަކާއި ބެހޭ ނުބައި ވިސްނުންތައް އޮޅުން ފިލުވައިދިނުމަށް ކަމަށް ކިމް ބުނެއެވެ.
ކިމް ބުނާ ގޮތުގައި އޭނާގެ ފިރިމީހާ އާޓިސްޓަކާއި ކަޅު މީހަކަށް ވުމުގެ ޕްރެޝަރުގެ އިތުރުން އޭނާއަކީ މަންމަ ނިޔާވުމުގެ ހިތް ބުރަކަން އުފުލަން ޖެހިފައިވާ މީހެއްކަމެވެ. އަދި އޭނާގެ ބައިޕޯލާ ޑިސްއޯޑަރާއި ގުޅިގެން އެ ޕްރެޝަރު އިތުރުވެފައިވާ ކަމަށްވެސް ކިމް ބުނެއެވެ.
މިހާރުގެ މުޖުތަމައުގައި ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭ ގިނަ ވާހަކަތަކެއް ދެއްކިގެންދާ އިރު އެފަދަ ބުރަތަކެއް އުފުލަމުންދާ މީހުން އެންމެ ބޭނުންޖެހިފައިވާ ވަގުތު އެމީހުންނަށް ކަމޭހިތަން ވާނެ ކަމަށް ކިމް ބުނެއެވެ.
އެކަމުން އަރައިގަތުމުގެ އެއްބާރުލުން މީޑިއާއާއި އެންމެންގެ ފަރާތުން އެދޭކަމަށް ކިމް ބުނެއެވެ.