ޔުނާން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވާގޮތުން، އޭނާ ލޯބި ލޯބި ދަރިފުޅު، ޔޫން އަކީ ހިތުގެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކުއްޖެކެވެ.
ވިހެއުމަށް ފަހު 72 ގަޑި އިރުގެ ތެރޭގައި އޯޕަން ހާޓް ސާޖަރީއެއް ހަދާފައިވާ އެ ތުއްތު ކުއްޖާއަށް ވަނީ ފުރާނަ ސަލާމަތްކުރަން އިތުރު ސާޖަރީއެއް ވެސް ހަދަން ޖެހިފަ އެވެ.
ޔޫންގެ ސާޖަރީ ހެދި ހޮސްޕިޓަލް، އަކީ އާސަންދައިގެ ހިދުމަތް ލިބޭ ހޮސްޕިޓަލެއް ނޫން ކަމުން ޔުނާން ވަނީ އެކަމަށް ވެސް ސަރުކާރުގެ ކިބައިން އެދިފަ އެވެ.
އާސަންދައިގައި ކުރެވުނު އާދޭސްތަކަށް އެތަނުން ނޫނެކޭ ބުނުމުން ހިތްވަރު އެލުވާނުލާ މިހާރު އެ އާދޭސް ކުރަމުން ދަނީ މުލިއާގެ ސަރަހައްދުގައި ކަމަށް ޔުނާން ބުންޏެވެ. އަދި ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން މިހާތަނަށް ސަރުކާރުގެ ފަރާތުން މާބޮޑު އެއްބާރުލުމެއް ނުލިބުނު ނަމަވެސް، އެ މަސައްކަތް އޭނާ ހުއްޓާ ނުލާނެ ކަމަށްވެސް ޔުނާން ބުނެ އެވެ.
މުލިއާގެ އިން އެއްވެސް މީހަކާ ބައްދަލުކުރެވެން ނެތުމުން، މީހަކާ ބައްދަލުކުރެވެން އެ ސަރަހައްދުގައި މަޑުކުރާނެ ކަމަށްވެސް ޔުނާން ބުނެ އެވެ.
ޔޫން އަށް އާސަންދަ ހަމަޖައްސާ ނުދެވުނު އިރު، އެ ތުއްތު ކުއްޖާ ފަރުވާ ހޯދަން ބޭރަށް ދާން ޖާގައެއް ވެެސް ބަލިމީހުން ގޮވައިގެން ދަތުރު ކުރާ ހާއްސަ ފްލައިޓުން ނުދެވުނު ކަމަށް ޔުނާން ފާހަގަކުރެ އެވެ. އެގޮތަށް އާދޭސް ކުރާތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި ކޮންމެ ދުވަހަކުވެސް ބުނަނީ ފްލައިޓުން ޖާގަ ހަމަޖެހިފައި ނުވާ ކަމަށް ޔުނާން ފާހަގަކުރި އެވެ.
އެގޮތަށް މަސް ދުވަސް ފާއިތުވެގެން ގޮސްފައި ވާއިރު، ކަމާ ބެހޭ ފަރާތްތަކަށް ދޭންޖެހޭ ހުރިހާ ލިޔެކިޔުމެއް ވެސް ފޯރުކޮށްދީފައި ވާނެ ކަމަށް ބުނެފައިވެ އެވެ. މިއޮތް ހުރިހާ ދުވަހު ދަރިފުޅަށްޓަކައި ކަރުނަ އަޅައި ކެތް ކުރުން ނޫން ގޮތެއް ނެތުމުން އެގޮތަށް ހުރީކަމަށް ޔުނާން ވަނީ ބުނެފަ އެވެ. އަދި މިއަދު ނަން ހާމަކޮށް މިވާހަކަ ދައްކަން ޖެހުނީތީ މާފަށް އެދޭ ކަމަށާއި އެހެން ނަމަވެސް އެގޮތަށް އިހުމާލުވުމަކީ ފުރާނައެއް ދިރި ހުއްޓާ ވަޅުލުން ކަމަށް ޔުނާން ސިފަ ކުރެ އެވެ.
ގެއްލިގެންދާ ކޮންމެ ސިކުންތަކީ ދަރިފުޅަށް ލިބެމުންދާ ވޭނެއް ކަމަށާއި މިގޮތަށް އާދޭސް ކުރަން ތިއްބާ ދަރިފުޅަށް ކަމެއް ދިމާވެއްޖެ ނަމަ ކަމާބެހޭ ފަރާތްތަކުން ޒިންމާވާނެތޯ އަދި ވެވޭނެތޯ ޔުނާން ވަނީ ސުވާލު އުފައްދާފަ އެވެ.
ދަރިއެއްގެ ފުރާނަ ގެއްލިގެން ދާތަން ބަލަން އެއްވެސް މަޔަކަށް އަދި ބަފަޔަކަށް ކެތް ނުވާނެ ކަމަށް ބުނެ ޔުނާން ވަނީ މުޅި ގައުމުގެ ކިބައިން ދަރިފުޅަށް އެހީވުމަށް އެދި އާދޭސް ކޮށްފަ އެވެ. ކަމާ ބެހޭ އިދާރާތަކުން މިހާތަނަށް މިކަމުގައި ދީފައި ވަނީ ބީރު ކަންފަތެއް ކަމަށާއި މި އާދޭސްތައް އަޑުއަހަން ތިބި ހަމައެކަނި ބަޔަކީ ގައުމުގެ ރައްޔިތުން ކަމަށް ޔުނާން ބުނެ އެވެ.
ޔުނާން ވަނީ އޭނާގެ ދަރިފުޅަށް ފަރުވާދޭނެ ގޮތެއް ނެތި ގޮތް ހުސްވެފަ އެވެ.